އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ 25 އަހަރުގެ އަލައިސް ބަޓްރަންޑް ވަނީ އާދަކާދަތަކެއް ބަދަލުކޮށްގެން 34 ކިލޯ (75 ޕައުންޑް) ލުއިކޮށް، އެ ވަޒަން 6 އަހަރު ވަންދެން ހިފަހައްޓާފައެވެ. އޭނާ މިކަން ހާސިލުކުރީ ކުރިން ގެންގުޅުނު ހަރުކަށި ކެއުމުގެ އާދަތައް ދޫކޮށްލައި، ދެ މުހިންމު ބަދަލެއް ގެނެސްގެންނެވެ.

ބަޓްރަންޑް ބުނާ ގޮތުގައި އޭނާ ފުރަތަމަ ގެނައި ބަދަލަކީ ސްޕްރިންޓް ދުވާ ޓީމެއްގައި ބައިވެރިވުމެވެ. މިގޮތުން ކޮންމެ ދުވަހަކު ދުވުމުގެ ތަމްރީނުތަކުގައި ބައިވެރިވެ، ހަފުތާއަކު 2-3 ފަހަރު ދުވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ކެލެރީ އެންދުމުގެ މިންވަރު އިތުރުވެގެން ދިޔައެވެ.

ދެވަނަ ބަދަލަކީ ކުދި ތަށިތަކުގައި ކެއުމާއި، ގޭގައި ގަންނަ ކާބޯތަކެތީގެ ތެރެއަށް އިތުރު ތާޒާ ތަރުކާރީ އާއި މޭވާ އިތުރުކުރުމެވެ. މީގެ ކުރިން އޭނާ ކައި އުޅުނީ ގިނައިން ޕްރޮސެސްޑް ކާނާއެވެ. ކޮންމެ ދުވަހަކު ދެ ޕެކެޓް ރާމެން ނޫޑުލްސް އާއި ގިނަ އަދަދަކަށް ހޮޓް ޗީޓޯސް ކައި އުޅުނެވެ.

"އަހަރެން ކުރިން ވަރަށް ގިނަ އަވަސް ހައްލުތަކާއި ނުބައި ޑައިޓްތައް ކުރިން. އެކަމަކު އެއިން އެއްވެސް ކަމަކުން ދިގު މުއްދަތަކަށް ކާމިޔާބެއް ނުވި،" ބަޓްރަންޑް ބުނެފައިވެއެވެ. އޭނާ ބުނާ ގޮތުގައި މިހާރު އޭނާގެ އަމާޒަކީ ވަކި ގޮތަކަށް ފެނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ހަށިގަނޑު ދުޅަހެޔޮކޮށް، އިތުބާރާއެކު އުޅެވޭ ގޮތް ހެދުމެވެ.

މިހާރު ކޮލެޖް ނިންމާފައިވާ ބަޓްރަންޑް ކޮންމެ ދުވަހަކު ކަސްރަތުކޮށް ކުޅިވަރުކުޅެ ހަދައެެވެ. އޭގެ ތެރޭގައި ބަރު އުފުލުމާއި، ދުވުމާއި، ކިކްބޮކްސިންގ، ޖިމްނާސްޓިކްސް އަދި ހޮޓް ޔޯގާ ހިމެނެއެވެ. އޭނާގެ ކާމިޔާބީގެ ސިއްރަކީ ހަށިގަނޑު ދުޅަހެޔޮކަމަށް ދޭ އަހައްމިއްޔަތުކަމާއި، އެކަމުގައި ދެމިހުރުމެވެ.