ރުގިއްޔާ ނުކުތުމާއެކު ގިފިލި ތެރެއަށް ވަދެގަތީމެވެ. ވަޅުދޮށަށް ގޮސް ދާންޏެއްގެ ފެން ނަގާ މޫނު ދޮވެލީމެވެ. އަދި ވުޟޫކޮށް ހަދާލައިގެން އަހަރެންގެ ދެ ދަރިންނަށް ވުޟޫކުރަން ފެންދާންޏެއް ނަގައިދިނީމެވެ. އެ ދެބެއިން ވުޟޫކޮށް އަވަދިވުމުން އެދެބެއިން ގޮވައިގެން މިސްކިތާ ދިމާލަށް ދިޔައީމެވެ. މިސްކިތާ އަރާހަމަ ވީތަނާ މުދިންބޭ ތެދުވެ ސަފަށްގޮވައިފިއެވެ. އެ ކުޑަކުޑަ މިސްކިތުގެ ތިން ސަފު އޮތީ ފުރިފައެވެ. އަހަރެންނާއި އަހަރެންގެ ދެ ދަރިން އެރީ ހަތަރުވަނަ ސަފަށެވެ. ނަމާދުކޮށް އަވަދިވެގެން ތިން މީހުން ގެއަށް އައި އިރު ރަށު ކަތީބުވެސް އަހަރެމެންނާއި އެކު އައެވެ. އަހަރެންގެ ގެއާއި ހިސާބުން ކަތީބު އަހަރެމެން ދޫކޮށްލާފައި އޭނާގެ ގެއާދިމާލަށް ދިޔައެވެ.
ގޭތެރެއަށް ވަދެ، މެދު ގޭގައި ހުރި ބޮޑުއަށި މަތީ އިށީނދެލީމެވެ. އަހަރެންގެ ފަހަތުން އައި އަހަރެންގެ ދެ ދަރިން ގޭގޭ ކިބަޅިފަރާތާ ދިމާލަށް ދިޔައެވެ. "އަނހަ..! ހާދަ އަވަހަކަށް ބޮޑުއަށްޓަށް އަރާ ތިޔާނީ! އަނެއްކާ މާ ހައިބޮޑުވީތަ؟!" ބޮލުގާ އަޅާފައި އޮތް ނަމާދު ދޮޅި ދަމައިގަންނަމުން ރުގިއްޔާ އަހަންނާ ދިމާލަށް ބުންޏެވެ. "ހައެއް ނުވޭ..! އެކަމު މިއަދު ތަންކޮޅެއް އަވަހަށް އެއްޗެއް ކާލާނަމޭ ހިތާ..!" އަހަރެން ބޮއްކުރަލުގައި ކަނޑުބޭރުވެލާން އުޅޭވާހަކަ ނުބުނާންވެގެން ޒާތަކަށް ހެވިލާފައި ހުރެ ބުނެލީމެވެ. "އަދި މެންދުރު ނުވެސް ކައްކަން.. ފާޑެއްގެ ހަނޑުލެއް ހުރީވެސް. ނުހޮވާ ކައްކާވެސް ނުލެވޭ.." ރުގިއްޔާ އަހަރެންގެ ގާތުގައި އިށީނދެލަމުން ބުނެލިއެވެ. "ތިޔަވީ ގޮތުން އަނެއްކާ ކާޑުގެއައްތާ ދާން މިޖެހުނީ.. ހެހެހެ.. ބިސްކޯދުކޮޅެއް ނަމަވެސް ގެނެސްދީބަލަ..!" ސަކަ މިޒާޖަކަށް އަހަރެން ބުނެލީމެވެ. ބިސްކޯދު ކޮޅަކާއި ފަނިތައްޓެއް ހިފައިގެން ރުގިއްޔާ އައިސް ބޮޑުއަށިމަތީ ބަހައްޓާލައިފައި ބަދިގެއަށް ހިނގައްޖެއެވެ. ބިސްކޯދުކޮޅާއި ފަނިތަށި ބޯލައިގެން ތެދުވެ، ބޮއްކުރަލުގެ ރިޔާގޯނި ފެނޭތޯ ބަނޑަހަގެއާއި ދިމާލަށް އަހަރެން ހިނގައިގަތީމެވެ.
"އަނހަ.. އަނހަ.. މިއަދު ކޮންވަޑާމެއް ކުރާނަމޭ ހިތާތެ ތިޔަ އުޅެނީ..!" ބަދިގޭގައި އިން ރުގިއްޔާ މާ ނުގޮތަކަށް އަހާލިއެވެ. "މީ.. މީ.. ދެން ވަޑާމެއް ނޫން، އެކަމު މިހިރަ ޖެހޭ ރީތި ވައިގައި މަގޭ ބޮއްކުރާގަނޑު ވަޔަށް ފަހިވާ ވަރެއް ބަލައިލަންކަމަށް!" ބޯ ކަހާލަމުން އެއްމިޔަކަނުން ހީލަމުން އަހަރެން ބުނީމެވެ. "އާނ..! މަށަށް އިނގޭ އޭރުވެސް ތިޔަކަލަ ސަކަރާތެއް ޖަހަންކަން މާ އަވަހަކާ އައިސް ބޮޑުއަށިމައްޗަށް ފަތައިވީ..! އެކަނިތަ ދަނީ؟" ތެއްޔެއް ހިފައިގެން ގިފިއްޔާއި ދިމާލަށް ދަމުން ރުގިއްޔާ ބުނެލިއެވެ. " އެހެންކަމަށް!... ހަމަ ފުރާލާފަ ރަށުބޭރަށް ނުކުމެލާފަ އަންނާނަމޭ..!" ބަނޑަހަގެއިން ބޮއްކުރަލުގެ ރިޔާގޯނި ނަގަމުން އަހަރެން ބުނެލީމެވެ. "އާނނ..! ކަލެއަށް އާދެވޭނެ ހޫމް.. ކަނޑުބޭރުވެއްޖިއާ ތިޔައީ އެ ކަނޑުގެ ވެސް ކަލޭފާނު ވިއްޔާ..!" ދާނިން ފެންދާންޏެއް ނަގަމުން ރުގިއްޔާ ބުނެލިއެވެ. އަހަރެންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ރިޔާގޯނި ނަގާ ކޮނޑަށް ލަމުން، އަހަރެން ދެން މި ގޮސްލަނީއޭ ބުނެ ހިނގައިގަތީމެވެ. ގިފިލިތެރޭގައި ހުރި ރުގިއްޔާވެސް ބަލައިގެން އުޅެއްޗޭ އަވަހަށް އަންނައްޗޭ ބުނެ އަދިވެސް ކޮންމެސް ފަތިވަރެއް ދަމާތީ އަޑު އިވުނެވެ. ކީ އެއްޗެއް ސާފުނުވިޔަސް އާނއެކޭ ހޫމްސެކޭ ކިޔަމުން އަހަރެން ގޭގެ ތެރެއަށް ވަނީމެވެ.
ބޮޑުފޮށިން މަސައްކަތު ޓީޝާޓަކާއި މުންޑެއް ނަގާ އެއްޗެހި ބަދަލުކޮއްލައިގެން ރިޔާގޯނި ނަގާ ކޮނޑަށް ޖަހައިގެން ގެއިން ނުކުތީމެވެ. ދުރުގައި ކޮންމެވެސް ސަކަރާތެއްގައި އުޅުނު އަހަރެންގެ ދެ ދަރިންނަށް މިމަންޒަރު ފެނި، ދުވަމުން ފޮޅެމުން އަހަރެންގެ ގާތަށް އަތުވެއްޖެއެވެ. އަދި އަހަރެންނާއި އެކު ގެންގޮސްދިނުމަށް އެދި އެތިބަ މައުސޫމު ދެ ފުރާނަ އާދޭސްކުރަނީއެވެ. މިފަދަ ހާލެއް ޖެހިދާނޭކަން ކުރިންވެސް އަހަރެންނަށް ހީވިއެވެ. އެ ދެބެއިންގެ މަންމަގެ ހުއްދަ ހޯދަން އަހަރެން އެދެބެއިން ފޮނުވާލީމެވެ. އަދި އަތިރިއާ ދިމާލަށް ހިނގައިގަތީމެވެ. އިސާހިތަކު އެ ދެބެއިން، އަހަރެންގެ ފަހަތުން އައިސް އަރާ ހަމަކޮށްފިއެވެ. އެ ދެ މޫނުގައި އެހެރަ އުޖާލާ ކަމުން، ރުގިއްޔާ މިވެރިންނަށް ހުއްދަ ދިނީކަން އަހަރެންނަށް ހަމަ ޔަގީނެވެ.
އަތިރިއަށް ފައިބައި ބޮއްކުރަލާއި ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ އަލީ ބޮއްކުރަލުގެ ވަލަށް ދަމާ ގޮނޑުކޮށްފިއެވެ. އަހަރެންގެ ކޮނޑުގައި އޮތް ރިޔާ ގޯނި ބޮއްކުރަލުގެ ތެރެއަށް އެރުވީމެވެ. ދުވަހުގެ މެންދުރުކުރީގައި ޖެހެމުންދިޔަ ރޯޅިތަކަށްވުރެ މިހާރު ތަންކޮޅެއް ވައި ހެޔޮވެއްޖެއެވެ. އެހެންކަމުން އަހަރެން ދެވަނަ ވިސްނުމަކަށް ވިސްނީމެވެ. އެއީ އަހަރެން އެކަނި ފުރާލާފައި، ކަނޑުގައި ބޮއްކުރަލުގެ ހާލަތު ދަސްކޮށްލާފައި އައިސް އަހަރެންގެ ދެ ކުދިން ގެންދިއުމަށެވެ. އަހަރެން އެވާހަކަ އެކުދިންގެ ގާތުގައި ބުނީމެވެ. ނިއްކުރިއަށް ރުލެއްވެސް އަރުވައިނުލާ އެދެބެއިން އެކަމާއި އެއްބަސް ވެއްޖެއެވެ. އެކުދިންގެ އެހެރަ ކިޔަމަންތެރިކަމަކީ ހަމަ އެސޮރުމެންގެ އަމާގެ ކިޔަމަންތެރިކަމޭ އަހަރެންގެ ހިތަށް އެވަގުތު އެރިއެވެ.
އެ ދެބެއިން އެއްގަމުގައި ބަހައްޓާފައި އަހަރެން ބޮއްކުރަލަށް ދެމިގަތީމެވެ. ރިޔާ ގޯނިން ރިޔާ ނަގާ ފަރުމާނުގައި އައްސަން ފެށީމެވެ. "ކަލޭފާނާ ތިޔައީ ކޮންވަޑާމެއްތަ..!" އެއްގަމުން އަތިރިއަށް ފޭބި ކަރީމު އަހާލިއެވެ. "މީ ދެން ހަމަ ކުޑަ ސަކަރާތެއް ޖަހާލަނީ..!" ރިޔާ އައްސަމުން އަހަރެން ކަރީމާއި ވާހަކަ ދެއްކީމެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ކަރީމުވެސް އަތިރިން އަޅާފައި ހުޅަނގަށް ފައިބައިގެން ހިނގައްޖެއެވެ.
(ނުނިމޭ...)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން