އަހަރެންނަށް ހޭވެރިކަން އިހުސާސް ކުރެވުނީ މޫނުމައްޗަށް ހޫނު ވާން ފެށުމުންނެވެ. ލޯ ހުޅުވާލާ ރަނގަޅަށް ބަލައިލި އިރު، އަހަރެން އޮތީ ރަށެއްގެ އަތިރިމަތީގައެވެ. އަރައިގެން އައި އިރުގެ ހޫނުކަމާއި ޖެހެމުން ދިޔަ ވައިރޯޅިތަކުން މާހައުލަށް ތާޒާކަން ވެރިކުރުވި ނަމަވެސް އަހަރެން ހުރީ ހުއްޓުން އަރާފައެވެ.

އަތިރިމަތީގެ އެ ހުދު ފަސްގަނޑުން ތެދުވެ މޫދާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. ފެންނަ ހިސާބުގައި އެހެން އެއްވެސް ރަށެއް ފެންނާކަށް ނެތެވެ. މޫދު ދޮށަށްގޮސް މޫނު ދޮވެލާ ހަދާލީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ބޮއްކުރާގަނޑެވެ. މާދުރުގައި އެ ބޮއްކުރާގަނޑު އޮތީ ތޮށިމަތީގައެވެ. ދިޔަވަރު ހިކިފައި އޮތުމުން ބޮއްކުރާގަނޑުގެ އެއްފަރާތު ބަނޑުފިލާ އެއްކޮށް އޮތީ ތޮށިމަތީގައި ޖެހިފައެވެ. އަހަރެން އަވަސް އަވަސް ލާފައި ބޮއްކުރަލާއި ދިމާލަށް ދެވޭތޯ މަސައްކަތް ކުރީމެވެ.

ބޮއްކުރާ އޮތީ ހިސާބަކަށް ހަލާކުވެ ރޫޅިފައެވެ. އެ އަޑި ދިޔާގައި ތޮށިމަތިން ބޮއްކުރާގަނޑު ދަމާފައި ނުގެނެވޭނޭކަން އަހަންނަށް އެނގުނެވެ. އެހިސާބުން ބޮއްކުރަލުން ފެނުނު ބައެއް އެއްޗެހި ހިފައިގެން ރަށާއި ދިމާލަށް އައީމެވެ. ގޮނޑުދޮށުންލާފައި އެއްގަމާއި ދިމާލަށް އަހަރެން ހިނގައިގަތީ ކޮންމެވެސް ފޮނި އުންމީދެއް ހިތުލައިގެންނެވެ.

ހޭޅިއާއި ދިމާލަށް އަހަރެން ގޮސް ހުއްޓިލީމެވެ. ރަށުތެރެއަށް ދެވޭނޭ މަގެއް ފެނޭތޯ އަހަރެން ބަލައިލީމެވެ. ހޭޅި ވަށައިގެން ކަހަލަ ގޮތަކަށް އަހަރެން ހިނގަމުން ދިޔައީމެވެ. ޒާތަކަށް ކޮށާފައިވާ މަގެއް ފާޑު ތަނެއް ފެނިއްޖެއެވެ. އެ މަގުން ލާފައި އަހަރެން ރަށުތެރެއަށް ހިނގައިގަތީ، އެ މަގުގެ އެއްފަޅީގައި ހުރި ރުކެއްގެ ދޮށުގައި އަހަރެން ގެނައި ސާމާނުތައް ބަހައްޓާފައެވެ.

އެ ހަނި މަގުގެ ދެފަރާތުން މަގޫގަސްތައް ހުރީ ބޯކޮށް ހެދިފައެވެ. މިދިލި ގަސްގަހުގެ ފަތްތަކުން އެ ސަރަހައްދުގެ ބިންމަތި ވަނީ ރީނދޫކޮއްލާފައެވެ. ތަންކޮޅެއް އެތެރެއިން ދަކަދާ ފާތަކާއި އުނިފާތައް ފެނެއެވެ. އެ ހަނި މަގުގެ އޮތީ ސަރާސަރުކޮށެވެ. އެ މަގުން ދެން އިތުރު މަގަކަށް ނުކުމެވޭކަށް ނުވަތަ ގޯޅިއަކަށް އެޅޭކަށްވެސް ނެތެވެ. ރަށުތެރެއަށް އަރައިގެން ދެވޭ ވަރަކަށް އަހަރެންގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ވިއްސަކަށް މިނެޓު ހިނގުނުއިރުވެސް އެއްވެސް ކުރިމަގެއް އެ މަގަކުން ނުފެނުނެވެ. ހާސްވެ ބިރުގަނެފައި ހުރި ވަރުން މީހެއްގެ އެހީއަށްއެދި އަހަންނަށް ވަރަށް ބާރަށް ގޮވާލެވުނެވެ. އަހަރެންނަށް އަހަރެންގެ އަޑު ނޫން އެހެން އަޑެއް އެ ހިމޭން މާހައުލުން ނީވެއެވެ. 

އަވަސް އަވަހަށް އަހަރެންގެ މިސްރާބު އައި ކޮޅަށް ބަދަލު ކޮށްލީމެވެ. ދުވެފާ ކަހަލަ ގޮތަކަށް އަހަރެން އަނެއްކާވެސް އަތިރިމައްޗަށް ނުކުތީމެވެ. ގަޑިއެއް އަހަންނަކަށް ބުނާކަށް ނޭނގެއެވެ. ނަމަވެސް އޭރު ގާތްގަނޑަކަށް 9 ޖަހާފާނެއެވެ.

ރުކުގެ ހިޔަލުގައި އަހަރެން އިށީނދެލީ މިކަމުން ސަލާމަތްވުމަށް ވިސްނާލާނަމޭ ހިތާއެވެ. އަހަރެންގެ އަނބިދަރިން މަތިން ހަނދާންވީ ކުއްލި އަކަށެވެ. އެމީހުން އަހަރެން ނުފެނިގެން ހޯދާނޭކަން އަހަންނަށް އެނގެއެވެ. ނަމަވެސަ އަހަރެން ބިރުގަންނަނީ އަހަރެން މަރުވީ ކަމަށް އެމީހުން ދެކިފާނެތީއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެން ބޭނުންވީ ރަށަށް ދާށެވެ.

މި ހިޔާލުތަކުގައި އިރުކޮޅަކު އަހަރެން އިނީމެވެ. ކަރުވެސް ހިއްކަން ފަށައިފިއެވެ. އަހަރެން އެ ރުކެއްގެ ހިޔަލުގައި އިށީނދެލައިގެން އިން ރުކުގައި ހިސާބަކަށް ކާއްޓާއި ގަބުޅިއެބަ ހުއްޓެވެ. ހިތްވަރުކޮށްފައި އަހަރެން ރުކަށް އެރީމެވެ. ދެތިން ގަބުޅިއާއި ކުރުނބަލަކާއި ކިހަވަކެއް އެޅީމެވެ. ބިންމައްޗަށް ފައިބައިފާ ރުކުގައި ޖެހި ޖެހީނުން ކިހަވަށް ފަޅާ ލައިފީމެވެ. އަދި އެއިން އޮހޮރިގެން ދިޔަ ފެންފޮދު ބޯލީމެވެ. ކޮންމެވެސް ވަރަކަށް ކަރުހިކުންގަނޑު ފިލައި ގޮސްފިއެވެ.

ދެން އަހަރެން ވިސްނީ ރަށުގެ ހޭޅިން ލާފައި ރަށް ވަށާ ހިނގާލާށެވެ. މީހެއްގެ ހިލަމެއް ވޭތޯވެސް އަހަރެން ހުރީ އެދިއެދިއެވެ. ރަށުގެ ހޭޅިން ލާފައި އަހަރެން ހިނގައިގަތީމެވެ. ގާތްގަނޑަކަށް 15 މިނެޓުގެ ހިނގުމެއް ހިނގިއްޖެއެވެ. އެރަށުގެ ފަޅުތެރޭގައި ރީތިކޮށް އަޅާފައި އޮތް ދޯންޏެއް މާދުރުން އަހަރެންނަށް ފެނިއްޖެއެވެ.

 

(ނުނިމޭ)