ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހެމުން އައި ރެއެކެވެ. ރާއްޖޭގެ އުތުރުގެ ރަށެއްގައި ހުރި ގެ އެއްގެ އަސްކަނި ދޮށުގައި، ވެހެމުން ދިޔަ ބޯ ވާރޭއަށް ނަޒަރު ހުއްޓިފައި ހުރި މިސްހާތަކީ ގުރޭޑު ދިހައެއްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އަސްކަނި ދޮށަށް ވިއްސަމުން ދިޔަ ވާރޭގެ ތިކިތަކުން މިސްހާތުގެ ހަށިގަނޑު ތެމޭކަމުގެ އިހުސާސް އޭނާއަށް ނުކުރެވޭ ކަހަލައެވެ. ހިސާބަކަށް ދުރުން ފެންނަށް ހުރި މަގުބައްތީގެ ފަނޑު އައްޔާ ދިމާލަށް މިސްހާތު ބަލަމުން ދިޔައީ އެ ފަނޑު އަލިކަމުގެ ތެރޭގައި ވަޔާއެކު އެގޮތް މިގޮތްވަމުންދާ ވާރޭގެ ތިކިތަކަށެވެ. 

ފުން ހިޔާލަކަށް ގެނބިފައި ހުރި މިސްހާތަށް، އޭނާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނީ ޒުވާން އަންހެންކުއްޖެއްގެ އަޑަށެވެ. އެ ބޯ ވާރޭގެ ތެރޭގައި ކުޑައެއް އަޅައިގެން މިސްހާތުގެ ގޭގެ ބޭރުފާރުން އެތެރެވަމުން އަންނަ ޒުވާން އަންހެންކުއްޖެކެވެ. އެ ކުއްޖާ ސަލާމް ގޮވާލުމުގެ ބަދަލުގައި ގޮވާލީ މިސްހާތުގެ ނަމުންނެވެ. އެއީ މިސްހާތާއި އެއްކުލާހެއްގައި ކިޔަވަމުން އަންނަ ޝާނާއެވެ. މިސްހާތުގެ އަވައްޓެރިއެއްވެސް މެއެވެ.

"މިއޮއް ރޭގަނޑު، ވިއްސާރައިގަ ކީއްކުރަނީ ތި؟" ހައިރާންކަން މޫނުމަތިން ވެރިކުރުވަމުން މިސްހާތު އަހާލިއެވެ. "އަހަރެންގެ އިސްލާމްފޮތް ނުދީ އެންނު ތިއުޅެނީ..! މާދަން ދާންވާއިރަށް މަގޭ ފިލާވަޅުވެސް ނިންމަން ޖެހޭނެ.. އަސްލު އިޝާ ކޮށްލައިގެން އަންނަން ހުރީ، އެކަމު ވާރޭ ވެހެން ހެދީމަ ދެން ފަހުން ނާދެވިދާނެތީ މި އައީ..! ދެން ވެސް އެ ދީބަލަ.." ގޭގެ އަސްކަނިދޮށަށް ވަންނަމުން، ކުޑަ ތިރިކޮށްލަމުން ޝާނާ ބުންޏެވެ. "އަހަރެންވެސް އަދި އެއްކޮށް ކޮޕީކޮށެއް ނުނިމޭ..!" ބަހަނާ ދައްކަމުން މިސްހާތު ޖަވާބުދިނެވެ. "ދެން ހެވޭ މަށަށް، އެ ގެނޭ..! ނޫނީ އައިމިނައްތަ ކައިރިބުނާނަން..!" ހަރުކަށިކަން ދައްކަމުން ޝާނާ ބުންޏެވެ.

މިސްހާތުގެ މޫނުމަތިން މަޑު ހިނިތުންވުމެއް ދައްކާލަމުން ގޭތެރެއަށް ވަދެއްޖެއެވެ. އޭނާ ގޭތެރެއަށް ވަނުމުން ޝާނާގެ ގާތަށްވެސް ޒާތެއްގެ ހިންޏެއް އައެވެ.

"އަން މިއޮތީ...!" ޖެއްސުމުގެ ރާގެއްގާ މިސްހާތު އެ ފޮތް ޝާނާއަށް ދިއްކޮށްލިއެވެ. ޝާނާވެސް ރުޅިވެރިކަން ދެއްކުމުގެ ގޮތުން މިސްހާތުގެ އަތުން ފޮތް ޖަހައިގަތެވެ. "ކޮޕީކުރަން ދިނަސް ހިފައިގެން ގެއަށް އަންނަންޏާ ދެން ނުދޭނަން..! މިހާރުވެސް ތެމިފަ މިހިރީ..!" ޝަކުވާއެއް ކުރުމުގެ ގޮތުން ޝާނާ ބުންޏެވެ. "ދެން އެހެންވީރު ތި ބަލާ ނައިނަމަ..!" މިސްހާތު ކޮށްލީ ކުޑަ ސަމާސާއެކެވެ. ޝާނާގެ ދެބުމަ ގޮށްޖަހާ ވަށްކަޅިން މިސްހާތާއި ދިމާލަށް ބަލައިލަމުން އެނބުރި، ކުޑަނަގާ އެ ގެއިން ބޭރަށް ހިނގައިގަތެވެ.

މިސްހާތަކީ ތައުލީމީގޮތުން މާމޮޅު ކުއްޖެއް ނޫންކަމުން ގިނަ ފިލާވަޅުތައް މިސްހާތު ކޮޕީކުރަނީ ޝާނާގެ ފޮތުންނެވެ. މިއީ އެ ދެމީހުން އެންމެ ކުޑައިރުއްސުރެ އުޅެމުން އައިގޮތެވެ. ފަރިތަވެ އާދަވެފަ ހުރި ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް މިސްހާތުގެ ފަރުވާކުޑަކަން ބޮޑުކަމުން، ޝާނާއަށް އުނދަގުވާން ފަށައިފިއެވެ. އެހެނަސް ބައެއްފަހަރު މިސްހާތު އެހެން އެ ހަދަނީ ޝާނާ އަށް ޖެއްސުމަށް ކަމަށްވެސް ހީވާ ކަހަލައެވެ. އެފަދަ ކިތަންމެ ކަމެއް ތަކުރާރުވަމުން ދިޔައެވެ. އެކި ފަހަރު އެކި ގޮތް ގޮތުންނެވެ.

ދުނިޔޭގެ ދައުރުވުމަށް ކަސިޔާރުކަމެއް ނައިސް ކުރިއަށް ހިނގަމުން ދިޔައެވެ. ދުވަސްތައް މަސްތަކަށްވެ ފާއިތުވެއްޖެއެވެ. މިސްހާތުގެ ފަހު އިމްތިހާނުތައްވެސް ނިމިއްޖެއެވެ. ފަހު އިމްތިހާނު ހެދި ހުރިހާ ދަރިވަރުން ހެން މެ އިންތިޒާރު ކުރަމުން ދަނީ އިމްތިހާނުގެ ނަތީޖާއަށެވެ. ނަމަވެސް މިސްހާތުގެ ކިބައިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އޭނާ އިންތިޒާރު ކުރަނީ ނަތީޖާއަކަށް ނޫނެވެ. ނަމަވެސް ސުކޫލުގެ ލީވިން ސެޓުފިކެޓަށެވެ. މިސްހާތުގެ ވިސްނުން ހުރީ ރިސޯޓެއްގައި ވަޒީފާ އަދާ ކުރާށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ނަތީޖާވެސް ލިބިއްޖެއެވެ. މިސްހާތު ފާސްވި މާއްދައެއް ދިވެހި އަދި އިސްލާމް ނޫނީ ނެތެވެ. އެއާއި ހިލާފަށް ޝާނާގެ ނަތީޖާ ވަރަށްވެސް ރަނގަޅެވެ. އިނގިރޭސި ނޫނީ ހުރިހާ މާއްދާއަކުން ޝާނާއަށް އޭ ރިޕޯޓު ލިބުނެވެ. ޝާނާގެ މި ނަތީޖާ ވެގެން ދިޔައީ އޭނާ އިތުރަށް ކިޔަވަން ލިބުނު ހިތްވަރަކަށެވެ.

(ނުނިމޭ)