މިސްހާތު ރިސޯޓުގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. ރިސޯޓެއްކަމުން މިސްހާތުގެ ތުނބުޅި ހުރީ ބާލާ އޮމާންކޮށްފައެވެ. އެއީ އެއްވެސް އިރެއްގައި އޭނާ ގަޔާވާ ކަމަކަށް ނުވިއެވެ. ނަމަވެސް ކަންދިމާ ކުރި ގޮތުން ހާލަށް ރުހިގެން އޭނާވެސް ހުރީއެވެ. އެއްދުވަހުގެ ޑިއުޓީ ނިންމާލުމަށްފަހު ސްޓާފު ބީޗުގައި މިސްހާތު މަޑުކޮށްލިއެވެ. ކަނޑުގެ ލޮނުގަނޑުގައި ބީހިލުމަށްފަހު ފިނިކަމާއި އެކު އަންނަ ވައިރޯޅިތައް މިސްހާތުގެ ގައިގައި ޖެހެމުން ދެއެވެ. އެތަނުގައި ހުރި ބެންޗެއްގައި މިސްހާތު އިށީނދެލީ ފޯނާ ކުޅޭށެވެ.

ފޯނު ހުޅުވާލާ ޑާޓާ ޖައްސާލިއެވެ. ފުލުފުލުގައި ނޮޓިފިކޭޝަންތަކެއް އަންނަން ފެށިއެވެ. މިސްހާތުގެ ހައިރާންކަން އިތުރު ކުރުވީ ޝާނާގެ މެސެޖެއް އޭގެ ތެރޭގައި އިނުމުންނެވެ. ޝާނާގެ މެސެޖުގައި މިސްހާތުގެ ހާލު އަހާފައި އޮތެވެ. މިސްހާތު ޖަވާބުދިނީ ހިނިތުންވެހުރެއެވެ. މިނެޓެއްގެ ތެރޭގައި ޝާނާ ޖަވާބު ދިނެވެ. ދެމީހުން ދެމީހުންގެ ހާލު ބަޔާންކޮށް މެސެޖު ކުރަމުން ދިޔައެވެ. ދިރުއުޅުމުގެ ކަންކަމާއި ކިޔެވުމާއި މަސައްކަތުގެ ވާހަކަތައް ހިއްސާކުރިއެވެ. މިސްހާތު ހިތް އުފަލުން ފޮޅެމުން ދެއެވެ. ޝާނާގެ ޝައުގުވެރިކަން މެސެޖުތަކުން ފެންނަން ހުރުމުންނެވެ. ނަމަވެސް މާގިނަ އިރުތަކެއް ވަންދެން މެސެޖުތަކެއް ދައުރެއް ނުވިއެވެ. ޝާނާ ދާންވެއްޖެ ކަމަށްބުނެ މެސެޖު ކުރުން ހުއްޓާލިއެވެ. އެހެނަސް ޝާނާގެ ފަރާތުން އިސްވެ އެފަދަ މެސެޖުތައް އައުން ވެގެން ދިޔައީ މިސްހާތުގެ އުންމީދުތަކަށް ރޯޝަންކަމެއް ގެނުވާ ކަމެއްކަމަށް މިސްހާތު ދެކެމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އިރުއަރާ އޮއްސެމުންނެވެ. ޝާނާގެ ހަޔާތަށް ހާޖަރު ދިޔައީ ސަވާރު ވަމުންނެވެ. ޝާނާގެ ސިކުނޑި މަޑުމަޑުން ހާޖަރު ދިޔައީ ދޮންނަމުންނެވެ. ކިޔެވުމަކީ މާ ބޭނުންތެރި ކަމެއް ކަމަށް ޝާނާ އަށް މިހާރު އިހުސާސެއް ނުކުރެވެއެވެ. އެހާފޮނި އުންމީދަކާއި އެހާ ވަރުގަދަ އަޒުމެއްގެ ވެރި ހިތެއް އެހާ އަވަހަށް ހާޖަރު ކަތިލައިލީ ކިހިނެތް ކަމެއް ނޭނގެއެވެ. ސުކޫލަށް ދަނީ ނަމެއްގައެވެ. ބަލި ކަމަށްބުނެ ސުކޫލަށް ނުދާ ދުވަސްތައް ގިނަވާން ފެށިއެވެ. ހާޖަރުވެސް ހަމަ މިފަދައެވެ.

ދުވަސްކޮޅެއްފަހުން ހާޖަރު ސުކޫލުން ކެނޑިއްޖެއެވެ. ނަމަވެސް ޝާނާއެއް ސުކޫލަކުން ނުއެއް ކެނޑެއެވެ. ނަމެއްގައި ނަމަވެސް ސުކޫލަށް ދެއެވެ. ޝާނާގެ މައިންބަފައިން ޝާނާއަށް ހަރަދު ކުރާތީ ސުކޫލަށް ދާންޖެހެއެވެ. ހާޖަރާއި ޝާނާގެ ބައްދަލުވުންތައް ހާޖަރުގެ ގޭގައި ގިނައިން ކުރިއަށްދެއެވެ. ހާޖަރު ކިޔައިދޭން ބޭނުންވާ "ފިލާވަޅުތައް" ޝާނާއަށް ކިޔައިދެނީ އެ ގޭގައެވެ. އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތެކެވެ. ޝާނާއާއި ހާޖަރު އެގޭގައި ތިއްބައި އެގެއަށް އައު މެހެމާނަކު އަތުވެއްޖެއެވެ. ހަށިގަނޑުން ބޮޑު ފިރިހެނެކެވެ. ބޮޑު ތުނބުޅިއެއްގެ ވެރި މީހެކެވެ. ނިތްކުރިމަތީ ކަޅު ލައްގަނޑެއް ހުއްޓެވެ. ބޮލުގައި ބާރު ތާކިހަލެއް އަޅާފައި ހުއްޓެވެ. ފައިކުރި ހުރީ ކުރުކޮށެވެ. އެއީ އުމުރުން ފަންސާހަކަށް އަހަރުވެފައިވާ ބޮޑު މީހެކެވެ. ނޫނީ އެއީ މުސްކުޅިއެކެވެ. ސަލާމް ގޮވާލުމަށްފަހު ގެއަށް ވަދެގެން އައީ އެގޭގެ އަހުލުވެރިއެއް ފަދައިންނެވެ. ގޭގައި ތިބި އެހެން އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ވެރިކުރުވިއެވެ. ނަމަވެސް ޝާނާ ހުރީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއްގައެވެ.

އެމީހަކު ވަދެގެން އެއައި ގޮތަށް އައިސް ހާޖަރާއި ޝާނާގެ ގާތަށް އަތުވެއްޖެއެވެ. ޝާނާއަށް ކުޑަކޮށް ދުރަށް ގޮނޑި ދަމާލެވުނީ ބޭއިހްތިޔާރުގައެވެ. އެމީހަކު އައިސް ހާޖަރުގެ ކޮނޑުގައި އެއްއަތް ބާއްވާލާ ހާޖަރުގެ ނިއްކުރިއަށް ދޮނެއް ދިނެވެ. އެއަށްފަހު ކޮޓަރިއަކާއި ދިމާލަށް ހިނގައިގަތެވެ. އެއީ ޝާނާގެ ކޮޓަރިއެވެ. 

ހަމަ ގައިމުވެސް އެއީ ހާޖަރުގެ ބައްޕަ ނޫންކަން ޝާނާއަށް ޔަގީނެވެ. ހާޖަރުގެ ބޭބެއެއް ހުންނަކަން ޝާނާއަށް އިނގެއެވެ. ނަމަވެސް އެހާ މުސްކުޅި ބޭބެއެއް ނޫންކަންވެސް ޔަގީނެވެ. "ޝާނާ..! އަދި ނުބުނެވޭ ދޯ! އެއީ މަގޭ ފިރިމީހާ!" ހާޖަރު އެމީހާގެ ކުރު ތައާރަފެއްދިނެވެ. ޝާނާހުރީ ހަދާނެ ގޮތެއް ބުނާނެ އެއްޗެއް ނޭނގިފައެވެ. "ކިހިނެތްވީ..! އެއީ ސުންނަތެކޭ އުމުރުން ޅަކުދިންނާ ކައިވެނި ކުރުން" އިތުރަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ހާޖަރު އަނެއްކާ ކިޔައިދިނެވެ. ޝާނާއަށް ގަބޫލުކުރަންވެސް ދައްޗެވެ. އަދި ގަބޫލެއް ނުވެސް ކުރެއެވެ.

ހާޖަރަށް ސާފުވި އެއްކަމަކީ ޝާނާގެ ސިކުނޑިން އަދި ސާފުނުވާބައިތަކެއް ހުރިކަމެވެ. ހާޖަރުގެ ވާހަކަތަކާއި ފިލާވަޅުތަކުން ޝާނާ އިތުރަށް ހާޖަރުގެ ދަންޖާލުގައި ޖައްސަމުން ގެންދިޔައެވެ.

 

ނުނިމޭ...