ޖެހިގެން އައި އައު އަހަރަށް މަރުހަބާ ކީ ޝާނާ އޭނާގެ މަތީ ތައުލީމަށް މާލެ ބަދަލުވަމުންނެވެ. މިސްހާތު އޭނާގެ މިސްރާބު ރިސޯޓަކާއި ދިމާލަށް އަނބުރާލަމުންނެވެ. މި އީ މި ދެ މީހުންގެ ހަޔާތުގައި މި ދެމީހުން ވަކިވެ މިހާ ދުރަށް ދާން ޖެހުނު ފުރަތަމަ ފަހަރެވެ. އެންމެ ކުޑައިރުއްސުރެ އެކުގާ އެއް ކުލާހެއްގައި ކިޔަވަމުން އައި ޝާނާ އާއި މިސްހާތު މިއަދު އުޅެމުން ދަނީ މުޅިން ތަފާތު ދެ މާހައުލެއްގައެވެ.

ޖައްވަށް ހޫނުކަން ވެރިކުރަމުން އުދަރެހުން ފާޅުވި އިރު ދުނިޔެއަށް މަރުހަބާ ކިޔައިފިއެވެ. ކޮނޑުގާ ދަބަސް އަޅުވައިގެން މާލޭގެ ހަނި ގޯޅިއަކުން ނުކުމެގެން ސުކޫލާއި ދިމާލަށް، މަޑު ހިނގުމެއްގައި ޝާނާ ހިނގަމުން ދިޔައެވެ. ވަގުތަކީ ހެނދުނުގެ ވަގުތު ކަމުން މާލޭގެ ކާރޫ ބާރޫ ބޮޑު މަގުތައް ފުދޭވަރަކަށް އަމާނެވެ. 

އާދައިގެ މަތިން ޝާނާގެ ސުކޫލު ނިންމާލުމަށް ފަހު އޭނާ ދިރިއުޅޭ ގެއަށް އައެވެ. އެއީ މާލޭގައި ކުދިން ބައިތިއްބައިދޭ ގެއެކެވެ. ކަން ދިމާކުރިގޮތުން އެ ދުވަސްވަރު އެކޮޓަރީގައި އުޅެނީ ޝާނާ އެކަންޏެވެ. ގޭގެ މާހައުލުގައި އެކަނިވެރިކަމާއި އެކު ހޭދަކުރަމުން ދިޔަ ހިމޭން ވަގުތުކޮޅަށް ހަލަބޮލިކަން ވެރި ކުރުވީ ރިންގުވަމުން ދިޔަ ޝާނާގެ ފޯނެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ޝާނާ ދެ ފިކުރެއްގައި ހުރެފާ ފޯނު ނެގިއެވެ. އެކޮޅުން ގޮވާލި މީހަކު ޝާނާގެ ނަމުން ގޮވާލިއެވެ. އެއީ އަންހެނެކެވެ. ޝާނާއަށް ހައިރާންކަން ވެރިކުރުވީ އެ މީހަކު ޝާނާގެ ނަމުން ގޮވާލުމުންނެވެ. ޝާނާ އެމީހަކަށް ޖަވާބު ދެމުން ކާކުތޯ އެހިއެވެ. ޖަވާބުގައި އެއީ ޝާނާ އާއި އެއްކުލާހެއްގައި މިހާރު ކިޔަވަމުންދާ ހާޖަރް ކަމަށް ބުންޏެވެ. އެހިސާބުން ޝާނާގެ އެ ނުތަނަވަސްކަން ފިލައިފިއެވެ.

ހާޖަރަކީ ޝާނާ އާއި އެއްކުލާހެއްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާއަކީ މޫނު ބުރުގާ އަޅައިގެން އިންނަ ކުއްޖެކެވެ. ސުކޫލަށް އައު ކަމުން ޝާނާގެ މާގިނަ ރައްޓެހިންނެއް ނުހުރެއެވެ. އެހެނަސް ހާޖަރު ވެގެން ދިޔައީ ޝާނާގެ އެންމެ ގާތް އެކުވެރިޔާއަށެވެ.

ސުކޫލު ނިންމުމަށްފަހު ގެއަށް ދިއުމަށް ހިނގައިގަންނަނީ ދެމީހުން އެކުގައެވެ. ފިލާވަޅުތައް ހެދުމަށް ދެމީހުން އެކުގައި މަސަައްކަތް ކުރެވެއެވެ. އަދި ފިލާވަޅު ކިޔުމުގައިވެސް ޝާނާއާއި ހާޖަރު މަސައްކަތް ކުރީ އެކުގައެވެ. ހާޖަރުގެ އެ މަޑުމައިތިރި މިޒާޖާއެކު ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ކުޑަކަމުން ޝާނާ އެކަމާ ހައިރާންވީ، ދެމީހުން އެކުގައި މަސައްކަތްތައް ކުރެވުމުންނެވެ. ހާޖަރުގެ ތޫނުފިލިކަން ވެސް ޝާނާއަށް އިހުސާސްކުރެވޭ އިރުގައިވެސް ހާޖަރު ކިޔެވުމަށް އެއްވެސް ވަރަކަށް އަޅާނުލާތީ ޝާނާ ހައިރާންވިއެވެ. 

އެއްދުވަހު ސުކޫލުން މިކުމެން އައި މަގުމަތީގައެވެ. "އަސްލު ކީއްވެތަ މާ ބޮޑު އިންޓްރެސްޓް އެއް ނުހުންނަނީ ކިޔަވަން...!" ޝާނާ ސީދާ ސީދަލަށް ހާޖަރު ކުރެން އެހިއެވެ. "މަ ގަބޫލެއް ނުކުރަން މީ މިކަން ވާން ޖެހޭނެ ގޮތް ކަމަކަށް، ވީ ޑޯންޓް ހޭވްޓު ސްޓަޑީ..!" ހާޖަރު އެއްވެސް ޖެހިލުމެއް ނެތި ޝާނާ އަށް ޖަވާބު ދިނެވެ. ހާޖަރާއި ޝާނާ ވާހަކަ ދައްކަމުން ހިނގަމުން ދިޔައެވެ.

ޝާނާއަށް ގެއަށް ވަދެވުމާއި އެކު ޔުނީފޯމު ބަދަލުކޮށްލުމަށްފަހު އެނދުމަތީގައި އިށީނދެލިއެވެ. އަދި ހާޖަރުގެ ޖަވާބުތަކާއި މެދު ފުންކޮށް ވިސްނަން އިނދެލިއެވެ. ޝާނާގެ ހިތަށް އަރާ ފައިބަމުން ދަނީ އޭނާ ދުވަހަކުވެސް ހީނުކުރާ ފަދަ ހިޔާލުތަކެކެވެ. ހާޖަރުގެ ޖަވާބުތައް ހުރީ ސީދާ އެމަގުންނެވެ. އަދި ހާޖަރުގެ މަދު ވާހަކަ ތަކުންވެސް ޝާނާ ގެ ހިތް އެ ދިމާލަށް ލެނބެން ފެށި ކަހަލައެވެ. ކިޔެވުމަކީ އަންހެން ކުދިން ކުރަން ނުޖެހޭނެ ކަމެކޭވެސް ޝާނާ އަށް ހީވަން ފަށައިފިއެވެ. ކިޔެވުމަކީ އިސްލާމީ އަޤީދާ ފޮހެވިގެންދާނެ ކަމެއްކަން އިހުސާސް ކުރެވެން ފަށައިފި އެވެ. ނަމަވެސް ޝާނާ އެ ހިޔާލުތަކުން ދުރަށްދާން މަސައްކަތް ކުރިއެވެ. މާތުރަ ހާޖަރުގެ ބަސްތަކުގައި ވަނީ ތޫނު ކަމެކެވެ. އެ ކުޑަ ކުޑަ ވަގުތު ކޮޅުންވެސް އިންސާނެއްގެ ހިޔާލު ބަަދަލުކޮށްލުން ވީ ހާޖަރަށް ފަސޭހަ ކަމަކަށެވެ.

ކޮންމެއަކަސް މި ފުން ހިޔާލުތަކުގައި ޝާނާ ވިސްނަމުން ދިޔައިރު ހާޖަރަކީ ހަގީގަތުގައި ކާކުކަން ޝާނާ އަކަށް ނޭނގުނެވެ. އަދި އެހެން މީހަކަށްވެސް ހާޖަރަކީ ކާކުކަން އެނގޭނެ ފަދަ އިޝާރަތެއް އެހެން މީހަކަށްވެސް ހާޖަރު ނުދެއެވެ. ހާޖަރަކީ ދިވެހި ދައުލަތް ބަލައިނުގަންނަ "ދީނީ" ވިސްނުމުގެ މީހެކެވެ. އޭނާގެ މަގުސަދަކީ އޭނާގެ ދަންޖާލުގައި ޒުވާން އަންހެން ކުދިން ޖެއްސުމެވެ.

 

ނުނިމޭ...