ކޮލޮމްބޯ ފޯޓްގެ ބަސް ސްޓޭޝަން ކުރިމައްޗެވެ. ދަތުރެއް ކުރަން ޖެހިއްޖެނަމަ އަހަރެން ހުންނަނީ ބިރުންނެވެ. ދަތުރު މަތީގައި ފާޚާނާއަށް ދާން ޖެހިދާނެތީއެވެ. އެހެން ކަމުން ދަތުރު ފެށުމުގެ ކުރިން ފާޚާނާއަށް ވަނުމަކީ އަހަރެންގެ އާދައެކެވެ. ގިނަ ބަޔަކު ބޭނުންކުރާ ތަންތަނަށް ވުމުން ހުންނަނީ ވަރަށް މުޑުދާރު ކޮށެވެ. ނަމަވެސް މިކަމުގައި މާގިނަ "ޗޮއިސް"ތަކެއް އަހަރެންނަކަށް ނެތެވެ. ފިރިމީހާގެ އަތަށް ދަބަހާއި ފޯނު ދީފައި ފާޚާނާއަށް ވަދެފައި ނިކުތްއިރު ސެނެޓައިޒަރ ފުޅި ނަގައިންގެން ވަރަށް ލޯބިން ބަލަހައްޓައިގެން އޭނާ ހުއްޓެވެ. ބަހަށް އެރުމުންވެސް މުޅި ސީޓާއި ސީޓު ކައިރީގައި އަތްލެވޭ ގޮތަށް ހުރި ހުރިހާ ތަނަކަށް ސެނެޓައިޒަރ ސްޕްރޭ ކޮށްދިނެވެ. ފެންފުޅިއާއި ޗުއިންގަމް ހުންނަނީ އަބަދުވެސް ތައްޔާރީ ހާލަތުގައެވެ. ކައިރީގައި އިށީންދެގެން އިންނަނީ އަބަދުވެސް ގަޔާކާރި ކޮށްލައިގެންނެވެ. ކުޑަދޮރާއި އެންމެ ގާތުގައި އިންނަ ސީޓަކީ އަބަދުވެސް އަހަރެންގެ ސީޓެވެ. ބަހަށް އަރާ ފައިބާ އެހެން މީހުންގެ ދަބަހުން ނުވަތަ އެއިން މީހެއްގެ ގައިގައި ޖެހުނަ ނުދިނުމަށެވެ. ވައިޖެހިގެން ވެސް ބުރުގާއަށް ގޮތެއް ވެގެން ނިތްކުރިން އިސްތައްޓެއް ފެންނަން ހުއްޓަސް އެތައް ރަގަޅު ކޮށްލަދޭނެއެވެ. އަހަރެންނަށްވުރެ ފޫޓެއްހާ އިސްކޮޅުން ދިގު ބިޔަ ފިރިމީހާގެ ކައިރީގައި އަހަރެން ރައްކާތެރިކަން އިޙްސާސްކުރަމެވެ. މިއީ އަހަރެންގެ ކުޑަކުޑަ ދުނިޔެއެވެ. އަހަރެންގެ ކާރީގައި އަހަރެންގެ ފިރިމީހާ ހުރިހާ ދުވަހަކު އަހަރެން ހުންނާނީ ދުނިޔޭގެ އެހެން ހުރިހާ ދަތިކަމަކުން ދުރުގައެވެ. އަޅާލުމާއި އޯގާތެރިކަމުގެ ތެރޭގައި އިނދެ 3 ގަޑި އިރުގެ ދަތުރު ނިންމާލީމެވެ.
މިއީ މަސައްކަތުގައި އުޅެމުން ދެމީހުން އެކުގައި ވަގުތު ހޭދަކުރުމަށް ހޯދި ކުޑަ ފުރުސަތެކެވެ. ކޮންމެ ތަނަކަށް ދިޔަޔަސް ހޮޓެލް ބުކްކޮށް ދަތުރު އިންތިޒާމް ކުރުމަކީ އަހަރެންގެ ޒިންމާއެކެވެ. ފިރިމީހާއަށް އޮންނާނީ ބުނާ ގަޑިއަކަށް ތައްޔާރުވެގެން އަހަރެންނަށް އިތުބާރުކޮށްގެން ދަތުރުފެށުމެވެ. ދާތަނެއް އެނގޭނީ އެތަނަށް ދެވުމުންނެވެ. އެކުގައި އުޅެން ވަރަށް ފަސޭހައެވެ. މާގިނަ ސުވާލުތަކެއް ނުކޮށް އަހަރެން އިޚްތިޔާރުކުރާ އިންތިޒާމަށް ރުހިގެން ހުރެއެވެ. ކޮންމެ ގޮތަކަށް ކަންތައް ހުއްޓަސް ތަޢުރީފް އެއީ ހުސްވާ އެއްޗެއް ނޫނެވެ. ލޮބުވެތި ބަސްތަކުން އަހަރެންގެ ކަންފަތް ހުންނަނީ އަބަދުމެ ގުގުމާފައެވެ.
މިދަތުރަށް އަހަރެން ހޯދީ ކުޑަކުޑަ ޕްރައިވެޓް ވިލާއެކެވެ. ފިނިފިނި މާހައުލުގައި ވަށައިގެންވަނީ އެކި ކުލަކުލައިގެ މާމެލާ މެއްޔެވެ. ދުރުން ފެންނަނީ ފަރުބަދަ ތަކެވެ. ކުދިކުދި ދޫނިތައް ގޮވަމުން ކައިރިން އުދުހެމުން ދެއެވެ. ބެލްކަނީގައި ތިބެގެން މި ރީތި މަންޒަރު ބަލަން އަހަރެން އިން އިރު ފިރިމީހާ ކަޅިޖަހާނުލާ އަހަރެންނަށް ބަލަމުން ދިޔައެވެ. އަހަރެންގެ މޫނު މައްޗަށް އަންނަ އެންމެ ހިނިތުންވުމެއް ފެނުނަސް އޭނާ ހުންނާނީ އުފަލުން ފޮޅިފައެވެ. ލޯބިވާ ވާހާކަ އާއި އުފަލުގައި އަބަދު ބަހައްޓާނެ ކަމަށް ބުނެ ކުރާ ވަޢުދެ އެއީ ކޮންމެ ނޭވާއަކާ ގުޅިފައިވާ ކަމެއް ފަދައެވެ. އަހަރެމެން ތިބި ވިލާއަކީ އުސް ހިސާބަކަށް ވުމުންނާއި އާންމުކޮށް މީހުން އުޅޭ ހިސާބާ ދުރުވުމުގެ ސަބަބުން ކައިރި އެހެންތަންތަން ބަލަން ދިއުމުގެ ޝައުގެއް އެކަކުގެ ވެސް ނެތެވެ. ރޭގަނޑުގެ ކެއުމަށްފަހު ވެސް އަހަރެމެން ތިބީ ބެލްކަނީ ގައި އިށީނދެލައިގެންނެވެ. ފިރިމީހާއަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހެކެވެ. މިއީ ކަނޑުވަން ޖެހޭ އާދައެކެވެ. ނަމަވެސް އަދި އެވަގުތު ނުޖެހެނީ ކަމަށް ވިސްނައިގެން އަހަރެންވެސް މާބޮޑަށް އެކަމަށް ޝަކުވާކޮށެއް ނުހަދަމެވެ. ނަމަވެސް އަހަރެންނާއި ގާތުގައި އެކަން ނުކުރުމަށް އަބަދުވެސް ސަމާލުކަން ދޭނެއެވެ. އަހަރެންމެންގެ ތެރެއަށް ކުއްޖަކު އިތުރުވާ ހިސާބުން އެކަން ދޫކޮށްލާނެކަމަށް ފިރިމީހާ ވަޢުދު ވެފައިވެއެވެ.
މިހެން ބެލްކަނީގައި ތިއްބާ އަހަރެންގެ ރައްޓެއްސެއްގެ ފޯނެއް އައެވެ. އަހަރެންނާއި ފިރިމީހާއާއި ދެމެދު ފޮރުވިފައިވާ އެއްވެސް ކަމެއްނުވާނެއެވެ. އެހެންކަމުން އަހަރެން ވާހަކަ ދެއްކީ ފޯން ސްޕީކަރަށް ލައިގެންނެވެ. ފިރިމީހާގެ ސިގިރެޓް ނިމުމުން މަޑުމަޑުން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ދެ އަންހެނުންގެ ވާހަކަ އަޑުއެހުމުގެ ޝައުގު ނެތީ ކަންނޭނގޭ ހިތަށް އެރިއެވެ. އަހަރެން އިނީ ފިނީގެ ސަބަބުން ދެފައި ގޮނޑިއަށް އަރުވައިގެން ކުރުގެޅިގެންނެވެ. އިރުކޮޅަކުން ފިރިމީހާއައީ ކޮޓަރި ތެރެއިން ރަޖާގަނޑެއް ގެނެސް އަހަރެން ފުރަގަހުން އަޅާލަދިނެވެ. ލޯބިން ފެންކަޅިވެފައިވާ ދެލޮލުން އަހަރެން އޭނާއަށް ބަލާލީމެވެ. މިއީ ފިލްމުތަކުން ނޫނީ އަހަރެން ނުދެކޭ މަންޒަރެކެވެ. ހިތުގައި ލޯބި އުތުރިގަތްގޮތުން އަވަހަށް ފޯނު ބާއްވާފައި ފިރިމީގެ ގައިގައި ބައްދާލެވުނެވެ.
ޖެހިގެން އައި ދުވަހު ހޭލެވުނީ ފިރިމީހާގެ އަތުން ސައިތައްޔާރު ކުރުމަށްފަހު އަހަރެންނަށް ގޮވުމުންނެވެ. ވިލާގައި އަމިއްލައަށް ކައްކާ ކެވެން ހުރެއެވެ. ނަމަވެސް ފިރިމީހާ އެކަނި ބަދިގެއަށް ވަދެ ކެއްކުމަކީ އާންމުކަމެއް ނޫނެވެ. ގޭގައި ކޮންމެ ކަމެއްވެސް ކުރަނީ ދެމީހުން ހިއްސާވެގެން ނެވެ. ނަމަވެސް މިއީ ޚާއްސަ ނާސްތާއެކެވެ. އަހަރެން ކާ އެއްޗެއް މީރުވެގެން ކާތަން ފެނުނަސް އޭނާއަށް ހީވަނީ މުޅި ދުނިޔެ ފަތަހަ ވީކަމަށެވެ. އެހާވެސް އުފާވާނެއެވެ. އާއިލާ ފުޅާކޮށް ކުއްޖަކު ހޯދުމުގެ ވިސްނުން ހުރީތީ އަހަރެން ބޭންވަނީ ކުޑަކޮށް ބަރުދަން ލުއިކޮށްލާ އެކަމަށް ތައްޔާރުވާށެވެ. ނަމަވެސް އަތުން ލަވައިގެން މިހެން ކާންދީ ހަދާނަމަ އަހަރެންނަށް މިކަން ވާނެހެނެއް ހިއެއް ނުވެއެވެ.
ލޯބިވެތި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު އެނބުރި އައުމަށް މިސްރާބު ޖެހީމެވެ. ބަސް ސްޓޮޕެއްގައި މަޑުކޮށްގެން ހުއްޓަސް އަހަރެންގެ ވަށައިގެންވާ ހުރިހާ ކަމަކަށް ފިރިމީހާގެ ސަމާލުކަން ހުންނާނެއެވެ. ކައިރި ގަހެއްގައި ކާޅެއް އިނަސް އެތަނަކުން ދުރުކުރާނެއެވެ. މަތިން އެއްޗެއް ވެއްޓިދާނެ ކަމުގެ ބިރަށެވެ. މަގުމަތިން ހިނގާފައި ދިޔަސް އަބަދުވެސް މަގުގެ އެންމެ އަރިމަތީގައި އަހަރެން ބަހައްޓާފައި ހުންނަނީ ދުއްވާ އެއްޗަކުން ޖެހިދާނެ ކަމަށް އެކަމުން ސަލާމަތް ކުރުމަށެވެ. ނަމަވެސް މަގުގެ ކާނުތައް ހުންނަ ގޮތްވެސް ވަރަށް ފަރުވާތެރިވެގެން ބަލާނެއެވެ. ކިރިޔާވެސް ވެއްޓިދާނެ ފަދަ ގޮތަކަށް ހުންނަ ނަމަ އެކަމެއް އަހަރެންގެ ސަމާލުކަމަށް ގެންނާނެއެވެ.
ލޯބިވުމަކީ އަދި އަޅާލުމަކީ މި ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ އަޅާ ކޮންމެ ފިޔަވަޅެއް، މޫނު މައްޗަށް އަންނަ ކޮންމެ ކުލަވަރެއް ބަލަން މީހަކު ހުރުން އެއީ ކިހާ ފޮނި އިޙްސާސެއް ކުރުވާ ކަމެއްކަން އެނގެނީ އަހަރެންނަށެވެ. ތިމާގެ ސިފައާއި އަމަލުތަކަށް އަބަދުމެ ތަޢުރީފްކުރާ އަޑު އެއީ ހާދަހާ އުފާވެރި އަޑެކެވެ. އަހަރެމެންގެ ދިރިއުޅުމުގެ އެއްވެސް ކަމަކަށް ދަތި ނުވާވަރަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދައެވެ. ކެފޭތަކުގައި ބޭކާރު ގޮތުގައި ވަގުތު ހޭދަކުރާކަށް ނުދެއެވެ. އަހަރެންނަކީ ވަރަށް އަވަސް އަވަހަށް ކަންކަންކޮށް ގޭތޭރޭގައި އަދި ބޭރުގައި ވެސް ވަރަށް ބާރުބާރަށް އުޅޭމީހެކެވެ. އަހަރެން ގެއަށް ވަންނަ އިރުވެސް ފައިނުގެ އެއްކިބަ އިންނާނީ އަނެއް ކިބައާއި 3 ފޫޓު ދުރުގައެވެ. ފިރިމީހާގެ މަސައްކަތަކީ އަހަރެން ފައިވާން ރީތިކޮށް ދެކިބަ ކައިރީގައި ބެހެއްޓުމެވެ. ހަމަ ފެންނަ އިރަށް މިކަން ކުރާނެއެވެ. އެއްވެސް ފޫހިކަމެއް ޝަކުވާއެއް މިކަމުގައި ނޯންނާނެއެވެ. ކެއްކުމާއި ސާފުކުރުމާއި އަންނައުނު ދޮވެއިސްތިރި ކުރުމަކީ ވެސް ފިރިމީހާގެ ހިއްސާ ބަރާބަރަށް ލިބޭ ކަންކަމެވެ. ބައެއް ފަހަރަށް އަހަރެން ވެސް ލަދުގަނެއެވެ. އެއީ އަހަރެންނަށް ފިރިހެނުންގެ މި ސިފަ ފެނިފައި ނެތުމުންނެވެ. ފިރިއެއްގެ ކިބައިގައި ހުންނަންވާ އެއްވެސް އިތުރު ސިފައެއް އަހަރެންނަކަށް ނުވިސްނެއެވެ. އަހަރެންގެ އާއިލާގެ މީހުންގެ ނުރުހުމުގައި އަހަރެން މި ނިންމި ބޮޑު ނިންމުމާއި މެދު އަހަރެންގެ ހިތުގައި ފުރިހަމަ ޔަގީންކަން އެބައޮތެވެ. މިއީ އަހަރެންގެ މުސްތަގުބަލެވެ. މިއީ އަހަރެންގެ ކޮންމެ ދުވަހެއް ހޭދަވެގެން ދާނެ ގޮތެވެ.
(ދެވަނަ ދުވަހަށް އިންތިޒާރުކޮށްލައްވާ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން