(ހޯމަ ދުވަހާ ގުޅޭ)

"އަނެއްކާ މިފްޒާލަށް ކަމެއް ދިމާވީތަ؟" ސަކީނާއްތަ އެހިއެވެ.

"އާނ! އެތަނަށް ގޮސް އުޅެނިކޮށް ކެމެރާއަށް މައްސަލަ ޖެހުނީ" ނަދީމް ހިނިގަނޑެއް ޖަހާލިއެވެ.

"ސާބަސް ނަދީމް" ސަކީނާއްތަ ދެ ފަރާތަށް ބޯހޫރާލިއެވެ. "އަބަދުވެސް އެ ހިސާބާ ގުޅޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކާ! އަހަރެމެން ހަނދާންހުންނަން ފެށިފަހުން ވެސް އެތަނުގަ ކަންތައްތަކެއް ހިނގި." ސަކީނާއްތަ ބުންޏެވެ. 

"ކޮބާ ހީވޭ! މަ ވެސް ބުނީމެއްނު!" ވާހަކައިގެ މެދުތެރެއިން ނަދީމް އަހަންނަށް ނިތްއެއްލިއެވެ. 

"ކޮންކަހަލަ ކަންތައްތަކެއް؟" ވަރަށް ޝައުޤުވެރިކަމާއެކު އަހަރެން އެހީމެވެ.

"އޭރު މި ރަށު ކުޑަކަތީބަކަށް ހުރި ޝިހާބު ކިޔާ މީހަކު މޮޔަވީ. އަހަރެން ހަނދާންހުރޭ އޭނާ މޮޔަގޮވަމުން މަގުމަތީގަ ދުވާ ހަނދާން. މަރުވަންދެން ވެސް އުޅުނީ އެ ހާލެއްގަ" ސަކީނާއްތަ ކިޔައިދިނެވެ. "ކޮންމެވެސް ޕްރޮގްރާމެއް ހަދަން އައި މާލޭ މީހަކު ވެސް މޮޔަވި. އެއީ ވަރަށް ފަހުން ހިނގިކަމެއް! ނަދީމް މެން ކުޑައިރު"

"އަދި ކިޔައެއްނު އަންހެން ކުއްޖަކު ގެއްލުނު ވާހަކަ ވެސް" ނަދީމް އިތުރުކޮށްލިއެވެ. 

"ކުޑަހައްވަދައިތަގެ ސަމީރާ. އޭރު އަހަރެން ވަރަށް ކުޑަވާނެ. އެކަން ހިނގިގޮތް ހަނދާނެއް ނުހުރޭ! އެކަމަކު މީހުން ކިޔަނީ އެ ކުއްޖާ އެއްދުވަހު ބޭރަށް ދިޔަގޮތަށް ދެން ގެއަކަށް ނާދެއޭ! މުޅި ރަށް ހޯދާ ވެސް ނުފެނުނޭ!" 

ސަކީނާއްތަ ކިޔައިދިން ވާހަކަތައް އަހަންނަށް ވަރަށް ކަމުދިޔައެވެ. ހަމަ އެހާ ގިނަ ސުވާލު ވެސް ހިތުގައި އުފެދުނެވެ. މީހުން މޮޔަވުމާއި، ވީނުވީއެއް ނޭނގި ގެއްލުން ގުޅިފައިވަނީ ބެރެބެދިގަހާ ކަމަށް ވާނަމަ އެ ގަހުގައި ފޮރުވިފައިވާ ނޭނގޭ ސިއްރެއް ވާނެއެވެ. 

"މިހާރު ވެސް އެއްވެސް މީހަކު އެ ހިސާބަށް އެކަންޏެއް ނުދާނެ! ކުޅިކައިރިއަށް ބޮނބިތަޅަން ވެސް ދާނީ ބައިހަދައިގެން. އެއީ ވެސް މީހުންގެ ރައްކަލަކަށް" ސަކީނާއްތަ ބުންޏެވެ.

އަހަރެން ކޮޓަރިއަށް ގޮސް، ލެޕްޓޮޕްގައި އެ ވާހަކަތައް ނޯޓު ކޮށްލީމެވެ. ފޮޓޯތައް ފޭސްބުކަށް އަޕްލޯޑް ކުރާއިރު އެ ވާހަކަތައް ބައިބަޔަށް ގެނެސްދިނުމުގެ ގޮތުންނެވެ.

 

ޖެހިގެން އައި ދުވަހު އަހަންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު އިރު އަރަން ހުރީ ދިހަވަރަކަށް މިނެޓެވެ. މިސްކިތަށް ނުގޮސް ގޭގައި ނަމާދުކޮށްލީމެވެ. ކުޑަގޮތަކަށް ތައްޔާރުވެލައިގެން ނުކުމެ، ބައިސްކަލަށް އަރައި ދުއްވާލީމެވެ. އޭރު މަގުމަތީގައި ކޮންމެވެސް ވަރަކަށް މީހުން އުޅެއެވެ. އޮއްކެޔޮ ހޮވާ މީހުންނާއި، ކާށި ހޮވާ މީހުންނެވެ. ބޮނބިތަޅަން ދާން ދިޔަ ދެތިން މީހަކާ ވެސް ދިމާވިއެވެ. އަހަރެން ދިޔައީ ބައިސްކަލުގައެވެ. އެހެން ކަމުން އެހެން އެންމެންނަށް ވުރެ ކުރިން އަހަންނަށް ކުޅި ކައިރިއަށް ދެވުނެވެ. އޭރު އުދަރެސް މުޅިން އަލިވެއްޖެއެވެ. ކުޅީގެ ފެންގަނޑާއި، ގަސްތައް ރީތިކޮށް ފެނެއެވެ. ކުރީ ދުވަހު ފެނުނު އަންހެން ކުއްޖާ މުޅޯށި ކިހިލީގައި ޖަހައިގެން ގަސްތަކު ތެރެއަށް ވަންނަނީއެވެ. އަހަންނަށް އެ ކުއްޖާ ފެނުނީ ފުރަގަހުންނެވެ. އެކަމަކު ބުރުގާ ނާޅާ ހުރުމުން އެއީ ހަމަ އެ ކުއްޖާކަން ޔަޤީންވިއެވެ.

އަހަންނަށް ހީވެފައި އޮތީ ކުޅި ކައިރިއަށް ދޭވޭ ގޮތަށް ކޮށާފައި އޮންނަނީ އެންމެ މަގެއް ކަމުގައެވެ. އަހަރެން  ހުރީ އެ މަގު މެދުގައެވެ. އެ ކުއްޖާ ވަދެގެން ދިޔައީ ހުޅަނގުފަރާތު ގަސްތަކުތެރެއަށެވެ. ގަސްތަކުގެ ބިތްދޮށުން އޮންނާނީ މޫދެވެ. ކުޅީގެ އުތުރުފަރާތުން ހަނި ކޯރެއްހެން މޫދާ ގުޅިފައި އޮންނަ ތަނެއް ވެސް އޮވެއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި، އައި ކޮޅަށް ބައިސްކަލު އަނބުރާލީމެވެ. މިއަދު ކޮންމެހެން ވެސް އެ ކުއްޖާގެ ފޮޓޯއެއް ނަގަން އަޒުމުކަނޑައެޅީމެވެ. ފޯނުން ވިޔަސްމެއެވެ.

ބައިސްކަލުގައި ބޮޑު މަގަށް ނުކުމެ، އެ ދިމާއިން ގޮނޑުދޮށަށް ފައިބަން އުޅުނީމެވެ. އެކަމަކު އެ ހިސާބުގެ ފަސްގަނޑު މަޑުކަމުން ބައިސްކަލު ދުއްވޭ ގޮތެއް ނުވިއެވެ. ހޭޅި ކައިރީގައި ބައިސްކަލު ބަހައްޓާފައި ހިނގައިގަނެވުނު އިރު، އެ ކުއްޖާ އެއްގަމަށް އަރައިގެން އަންނަނީނެވެ. އަހަރެން ކުޑަކޮށް ސިހުނެވެ. އެކަމަކު ހަމަ އެއާއެކު ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. އިޚުތިޔާރަކާނުލާ ހިނިތުންވެވުނެވެ. އޭނާ ވެސް ރަކި ގޮތަކަށް ހީނލާފައި، އިސްޖެހިއެވެ.

"ފޮޓޯއެއް ނެގިޔަސް އެންމެ ރަނގަޅުތަ؟" އަހަރެން ހުއްދައަށް އެދުނީމެވެ. އެކަމަކު އޭނާ ޖަވާބެއް ނުދިނެވެ. "އިއްޔެ ނެގި ފޮޓޯތަކަށްވީ ވަރަށް ދެރަ ގޮތެއް! ކެމެރާއަށް މައްސަލައެއް ޖެހިގެން އެއްވެސް ފޮޓޯއެއް ފެންނާކަށް ނެތް!" ވީ ގޮތް ކިޔައިދިނުމަށްފަހު، ޖިންސުގެ ޖީބުން ފޯނު ނެގީމެވެ.

"ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށް!" ފުރަތަމަ ފަހަރަށް އެ ކުއްޖާގެ އަޑު އިވުނެވެ. ހައިރާންވެފައި އަހަންނަށް އެ މޫނަށް ބަލައިލެވުނެވެ. އެ އަޑު ވަރަށް ރީއްޗެވެ. އަންހެންވަންތަ، ލުއި އަޑެކެވެ. "ފޯނުން ފޮޓޯ ނަގައިފިއްޔާ ފޯނަށް ވެސް މައްސަލަޖެހިދާނެ" މޫނު އަނބުރާލަމުން އެ ކުއްޖާ ބުންޏެވެ.

"ތި ބުނީ ފޮޓޯ ނުނަގާށޭތަ؟ އެންމެ ރަނގަޅު" އަހަންނަށް މާނަކުރެވުނީ ފޮޓޯ ނެގުމުގެ ހުއްދަ ނެތީކަމުގައެވެ. އެހެންވެ ފޯނު ޖީބަށްލީމެވެ. 

އޭނާ މަޑުމަޑުން އެއްގަމަށް ހިނގައިގަތެވެ. ބޮޑުމަގުގެ ދެކުނުފަރާތުން ކުޑަމިސްކިތް މަގާ ކައިރިންނެވެ. އަހަރެން ވެސް އޭނާއާ އެއްހަމައިގައި ހިނގައިގަތީމެވެ.

"މީހުން ކިޔާ ދޯ މީ ވަރަށް ނާމާން ހިސާބެކޭ!" ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ބޭނުމުގައި އަހަރެން ބުނީމެވެ.

"ވެދާނެއްނު ކެމެރާއަށް މައްސަލަޖެހުނީ މި ހިސާބު ފޮޓޯ ނެގީކަމަށް!" ވަށްކަޅިން އަހަންނަށް ބަލައިލަމުން، ޖެއްސުމުގެ ރާގަކަށް އޭނާ ބުންޏެވެ.

"ތި އުޅެނީ އަހަރެން ބިރުގަންނަވަންތަ؟ އަހަންނަށް ވެސް އިވިފައޮތީ، މީ ވަރަށް ނާމާން ހިސާބެކޭ ކިޔާ އަޑު" އަހަރެން ބުނީމެވެ.

"ދެން ކީއްވެ މި ހިސާބަށް ތި އަންނަނީ؟" އެ ކުއްޖާ އެހިއެވެ.

"އެހެން މީހުން ވެސް އަންނާތީ. ތި ކުއްޖާ ވެސް. . . . . އަދި ނަމެއް ވެސް ނުބުނަމެއްނު؟" އަހަރެން ހުރީ އެ ކުއްޖާގެ ނަން އަހަން ބޭނުންވެފައެވެ.

"މަލިކާ" އޭނާ ރަކިގޮތަކަށް ހީނލިއެވެ.

"މަލިކާ! ރަނިކަމަނާ!" ބޭއިޚުތިޔާރުގައި އަހަންނަށް ބުނެވުނެވެ. 

"އާނ! މީ ތިބުނާހާ ނާމާން ތަނެއް ނަމަ މަލިކާ ވެސް ކޮންމެ ދުވަހަކު އިރުނާރަނީސް ކުޅި ކައިރިއަށް އައިސް ބޮނބިތަޅާކަށް ނީންނާނެއްނު؟" އަހަރެން ބުނީމެވެ.

"ނާމާންތަނެކޭ ކިޔަނީ ކުޅިތަ؟ ނޫނީ ބެރެބެދިގަސްތަ؟" މަލިކާ އެހީ ރަނގަޅު ސުވާލެކެވެ.

"ބެރެބެދި ގަސް ދޯ!" އަހަރެން ހިނިތުންވެލީމެވެ.

"މީހުންނަކަށް ހަޤީޤަތެއް ނޭނގޭނެ!" މަލިކާ އަހަންނަށް ބަލައިލީ މާނަ ފުން ބެލުމަކުންނެވެ. "އަހަރެން ދަނީ. މާ ލަސްވެއްޖެ!"

މަލިކާ ހިނގައިގެތެވެ. އޭނާ އަނެއްކާ ވެސް ގޮސް ވަނީ ބޮނބިތަޅާ މަގަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެން އޭނާގެ ފަސްފަހަތަކުން ނުދަމެވެ.

 

އެ ދުވަހު ހަތަރުދަމު އަހަރެންގެ ސިކުނޑީގައި އެނބުރުނީ 'މަލިކާ' އެވެ. އޭނާގެ ރީތި ހިނިތުންވުމެވެ. އޭނާގެ ސާދާ މިޒާޖާއި، ބަސްމަގު ހުރިގޮތް އަހަންނަށް ވަރަށް ކަމުދިޔައެވެ. އަދި އެއްފަހަރު ދެކެލަން ދާހިތްވިއެވެ. ބައްދަލުވެ، ވާހަކަދައްކާލާ ހިތްވިއެވެ.

 

ކުޅި ކައިރިން މާ ރީތި އަންހެން ކުއްޖަކު ފެނުނު ވާހަކަ ނަދީމް ކައިރީގައި ބުނީމެވެ. އެކަމަކު އޭނާ ގަބޫލެއްނުކުރިއެވެ. އޭނާ ހީކުރީ އަހަރެން ސަމާސާކުރަނީ ކަމުގައެވެ.

"އެތަނަށް ކިޔަންވީ ޕަރީ ފެންގަނޑު. އަހަންނަށް ފެނުނީ ޕަރީއެއްހާ ރީތި ކުއްޖެއް!"

"ނުވާނެ އެހެންނެއް! ފޮޓޯ ދައްކާ!" ނަދީމް އަހަރެންގެ ފޯނު ޖަހައިގަންނަން އުޅުނެވެ. އަހަރެން އިނީ އެކަމަށް ވިސްނައިގެންނެވެ. އެހެންކަމުން އޭނާގެ އަތުގައި ނުޖެހި ފޯނު ސަލާމަތްވިއެވެ.

"ފޮޓޯއެއް ނުނަގަމޭ ބުނެފިއްޔާ؟" އަހަރެން އެހީމެވެ.

"މިއްފު ނުހުންނާނެ ފޮޓޯ ނުނަގައެއް!" ފޮޓޯ ނެގުމަށް އަހަރެން ހުންނަ ޝައުޤު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ނަދީމެވެ. "ނުދައްކަން ތި އުޅެނީ ބޮނބިތަޅަން އިން މުސްކުޅިއެއްގެ ފޮޓޯ ނަގައިގެން އައިސް" ނަދީމް ބޭނުންވީ އަހަރެން ދެރަކޮށްލައިގެން ވެސް އޭނާގެ މަޤުޞަދު ހާސިލްކުރާށެވެ. އަހަރެން ހެދީ ތެދެއްތޯ ބަލާށެވެ. "އަތިރިމަތިން ޕަރީއެއް ފެނުނޭ ބުނި ނަމަ ތަންކޮޅެއް ފަސޭހައިން ޤަބޫލުކުރެވުނީސް" 

"ކުރާނެ ކަމެއް ނެތް! އެއްވެސް ހެއްކެއް ނެތް!" އަހަރެން ބޭނުންވީ ނަދީމަށް ޤަބޫލުކުރެވޭ ވަރުގެ ހެއްކެއް ހޯދާށެވެ. ފޮޓޯއެއް ނަގައިގެން ނޫން ގޮތަކަށް އެކަން ކުރެވޭނެ ގޮތެއް ވިސްނާށެވެ.

 

ޖެހިގެން އައި ދުވަހު ވެސް އަހަރެން ފަތިހު ކުޅި ކައިރިއަށް ދިޔައިމެވެ. ފުރަތަމަ ދުވަހެކޭ އެއްގޮތަށް މަލިކާ އިނީ ފެންގަނޑު ކައިރީގައި އިށީނދެއެވެ. ބޮނބިތައް ދޮންނަނީ އެވެ. އޭނާ އަށް މާ ދުރުން އަހަރެން ފެނުނެވެ. ހަތަރުކަޅި ހަމަވުމާ އެކު ހީނލިއެވެ. 

"މިއަދު ވެސް ތިއައީ ފޮޓޯ ނަގަންތަ؟" އަހަރެން އޭނާ ކައިރިއަށް ގޮސް ހުއްޓުމުން އިސްވެ ވާހަކަދެއްކީ އޭނާ އެވެ.

"ނޫން. ނެތެއްނު ކެމެރާއެއް! ފޯނެއް ވެސް" އަހަރެންގެ ހުސް ދެ އަތް ދައްކާލީމެވެ.

"ފޮޓޯ ނުނަގަންޏާ ދެން ކީއްކުރަން ތި އަންނަނީ؟ ފަތިހުގެ އަރާމު ނިދި ނަގާލާފަ" މަލިކާ އެހިއެވެ.

"ބުނީމެއްނު ކެމެރާއަށް މައްސަލަޖެހުނު ވާހަކަ. އެހެން ނޫނަސް ފޮޓޯ ނަގަން ހުއްދައެއް ނެތެއްނު؟" އަހަރެން ހަނދާންކޮށްދިނީމެވެ. "ދެން ތިބުނީ ފަތިހުގެ އަރާމު ނިދީގެ ވާހަކަ. މާލެ ގޮސް ވެސް ނިދިދާނެ. އެކަމަކު މި ކަހަލަ ހިތްގައިމު، ޤުދުރަތީ މަންޒަރެއް ނުފެންނާނެ!" 

މަލިކާ ތެދުވިއެވެ. ބޮނބިތައް މުޅޯއްޓަށް އަޅައިގެން ދާން ތައްޔާރުވިއެވެ.

"އަހަރެން މި އައީ މަލިކާއާ ވާހަކަދައްކާލާ ހިތުންނޭ ބުނެފިއްޔާ މަޑުކޮށްލެވިދާނެތަ؟" އަހަރެން އެހީމެވެ.

ހިނގައިގަންނަން އުޅެފައި އޭނާ ހުއްޓުނެވެ. ވަރަށް ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލައިލުމަށްފަހު، ވިނަގަނޑު މަތީގައި މުޅޯށި ބެހެއްޓިއެވެ.

"އެހެން މީހުން އަންނަންދެން މަޑުކުރެވިދާނެ!" އޭނާ ބުންޏެވެ.

"ޝުކުރިއްޔާ!" އަހަރެން ހިނިތުންވެލީމެވެ. "ތީ ވަރަށް މީހުންނާ ދުރުގައި އުޅޭ ހިތްވާ ކުއްޖެއް ދޯ!" 

"ރަށަށް ޒިޔާރަތްކުރާ ފިރިހެނުން، ރަށު އަންހެން ކުދިންނާ ވާހަކަދެއްކީމަ މަސްލަހަތު މާ ރަނގަޅެއް ނުވާނެ" މަލިކާ ރަނގަޅު އުޒުރެއް ދެއްކިއެވެ.

"ތީ ތެދެއް! ކުރީ ދުވަހު އަހަރެން ކައިރީގަ އެހީމެއްނު ބިރެއް ނުގަނޭހޭ މި ހިސާބަށް އައިސްއުޅޭކަށް. އަހަރެން ހިތަށް އަރަނީ މަލިކާ ވެސް ބިރެއް ނުގަނޭބާއޭ ރަނގަޅަށް އަލިވެސް ނުވަނީސް ކޮންމެ ދުވަހަކު އައިސް މިތާ އިންނާކަށް" 

"އަހަރެން ކޮންކަމަކާ ބިރުގަންނަންވީ؟ އެހެން މީހުން ޖެހޭނީ އަހަރެން ދެކެ ބިރުގަންނަން" ވަރަށް ސާބިތުކަމާއެކު މަލިކާ ބުންޏެވެ.

"އެޔޯ! ތީ ޖިންނިއެއްތަ؟" އަހަރެން ހެމުން އެހީމެވެ. "މި ރަށު މީހުންގެ ހުރިހާވެސް ބިރަކީ ބެރެބެދި ގަހެއްނު؟"

"އަހަންނަށް ހީވަނީ ތީ ވަރަށް ކަންކަން ހޯދާބަލާ ހިތްވާ މީހެއްހެން!" މަލިކާ ބުންޏެވެ.

"ނަދީމް ބުނީ ދޯ!" އަހަންނަށް ހީވީ މަލިކާއަކީ އަކީ ނަދީމްގެ ރައްޓެއްސެއްހެންނެވެ.

"އަސްލު މައްސަލައަކީ ބެރެބެދި ގަހެއް ނޫން! މައްސަލައަކީ ބައެއް އިންސާނުންގެ ނުބައިކަން ހައްދުފަހަނައަޅާ ދިޔުން" މަލިކާ ދަތްކުނޑިވިކާލިއެވެ. އެކަމަކު އިރުކޮޅެއް ފަހުން ހަމަޖެހިލިއެވެ.

"ތި ބުނީ؟" އަހަންނަކަށް ނުވިސްނުނެވެ.

"އަހަރެން އެ ވާހަކަ ކިޔައިދީފާނަން. އެއީ މީގެ ސާޅީހަކަށް އަހަރު ކުރިން ހިނގި ހާދިސާއެއް. އުމުރުން ސޯޅަ އަހަރުގެ އަންހެން ކުއްޖަކު ދިޔައީ ކުޑަމިސްކިތް މަގަށް، ބޭހެއް ހަދަން ވެލަނބުލި ހޯދަން. ގޮސް އުޅެނިކޮށް މީހަކު އެ ކުއްޖާ ރޭޕްކޮށްފަ މަރާލީ. މަރާލާފަ އެ ކުއްޖާ ވަޅުލީ އެހެރަ ކަނޑޫ ގަސްތަކުތެރޭގަ. ޗަސް ބިމުގަ" މަލިކާ އަތުން އިޝާރާތްކޮށް ކަނޑޫ ގަސްތަކެއް ދައްކާލިއެވެ. ހީވީ ހަމަ އޭނާއަށް އެނގޭ ހަޤީޤީ ވާހަކައެއް ކިޔައިދޭހެންނެވެ.

"އެ ކުއްޖާ ގެއްލިގެން މުޅި ރަށް ހޯދި. ކިތަންމެ ދުވަހެއް ވަންދެން ހޯދި. ކައިރި ރަށްރަށް ވެސް ބެލި. އެ ކުއްޖާއަށް ވީ ކީއްކަން އެނގޭ ހުރީ އެންމެ މީހެއް! އެއީ އެ ފާހިޝް އަމަލު ހިންގި މީހާ އެކަނި. ދުވަސްކޮޅެއް ފަހުން އޭނާ އަށް އަބަދު އެ ކުއްޖާ ފެންނަހެން ހީވާން ފެށީ! އޭނާ ދާ ކޮންމެ ތާކު، އޭނާގެ ހިޔަނިހެން އެ ކުއްޖާ ހުންނަހެން ހީވަނީ. ހަޤީޤަތުގައި އެ ކުއްޖާގެ ރޫހު އޭނާއަށް އުނދަގޫ ކުރަނީ. އޭނާ މަރުވީ ދުނިޔެއިން މޮޔަވެގެން. އޭގެ ދިހަ އަހަރު ފަހުން އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރި ކުޅިއަށް އެރިއުޅެނިކޮށް، ގެނބިގެން މަރުވީ. . . މަރުވީކީ ނޫން. މަރާލީ" މަލިކާ ވާހަކަދެއްކީ ލަސްލަހުންނެވެ. އޭނާގެ ކަޅިހުއްޓިފައިވަނީ ކުޅީގެ ފެންގަނޑަށެވެ. ހީވަނީ އޭނާއަށް ފެންނަ މަންޒަރުތަކެއް ސިފަކޮށްދޭހެންނެވެ. 

އަހަންނަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.    

"މާލެއިން އައި ކެމެރާމަން ވެސް އުޅުނީ އެ ކުއްޖާއާ ބެހެންވެގެން. އޭނާ އަކަށް ނޭނގެ އެއީ ރޫހެއް ކަމެއް!" އަހަރެންގެ މޫނަށް ބަލައިލަމުން މަލިކާ އިތުރަށް ބުންޏެވެ. އަހަރެންގެ ހިތުގައި ހުރި ހުރިހާ ސުވާލެއް އޭނާއަށް އެނގޭ ކަހަލައެވެ.

"ތި ކަންކަމާ ބެރެބެދި ގަހާ އޮތީ ކޮން ގުޅުމެއް!" އަހަރެން އެހީމެވެ. 

"އެއްވެސް ގުޅުމެއް ނެތް! އެއީ ހަމަ މުޅިން ވެސް ވަހުމު. ވީރާނާވެފައި އޮތް ގަބުރުސްތާނެއްގެ ތެރޭގައި އެ ގަސް ހުރީމަ ކަމަށް ވެސް ވެދާނެ. މިސާލަކަށް ބަލަމާ ގުލްޗަންޕާ ގަސް. އެއީ ގަބުރުސްތާނުގެ ރަމްޒެއްގެ ގޮތުގައި މީހުން ގަބޫލުކުރާ ގަހެއް! ވަރަށް ނުފެންނާނެ މީހުން އުޅޭ ގޭގޭގަ އެ ކަހަލަ ގަސް ހައްދާފަ ހުއްޓައި" މަލިކާ ދިރިހުރި މިސާލެއް ދެއްކިއެވެ. އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ.

ބުއްދީގެ ގޮތުން ބަލާއިރު މަލިކާ ދެއްކިވާހަކަތައް ހަމަޖެހެއެވެ. އެފަދަ ކަމެއް ހިނގާފައި އޮވެދާނެއެވެ. އެކަމަކު މަރުވެފައި ތިބޭ މީހުންގެ ރޫހު އެގޮތަށް އައިސް އުޅެފާނެ ހެއްޔެވެ؟ އެކަހަލަ ވާހަކަތައް ޤަބޫލުކުރާކަށް އަހަންނަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު ޤަބޫލުކުރާނެ ކިތަންމެ ބަޔަކު އުޅޭނެއެވެ.

އަހަރެމެން ވަކިވީ ޖެހިގެން އަންނަ ދުވަހުވެސް ފަތިހު ބައްދަލުވުމަށް އެއްބަސްވެފައެވެ. ގެއަށް ގޮސް ލެޕްޓޮޕްގައި މަލިކާ ކިޔައިދިން ވާހަކަތައް ނޯޓު ކުރީމެވެ. އިހުއްސުރެ ކިޔަމުން އަންނަ ކޮންމެ ފުލޯކު ވާހަކައެއްގައި ވެސް ކޮންމެ ވެސް ވަރެއްގެ ހަޤީޤަތެއް އޮންނާނެއެވެ. ވާހަކައެއް އުފެދިގެން އަންނާނީ ކޮންމެ ވެސް ކަމަކާ ގުޅިގެންނެވެ. ސަކީނާއްތަ ކިޔައިދިން ވާހަކަތަކާ ގުޅިގެން އުފެދުނު ހުރިހާ ސުވާލެއްގެ ޖަވާބު ވަރަށް ސީދާކޮށް، މަލިކާ ކިޔަދިން ވާހަކަތަކުގައި ހުއްޓެވެ. އަހަރެން ހިތްހަމަޖެހޭ ވަރަށް އެ ވާހަކަ ފުރިހަމަވިއެވެ. ދެރަވީ ކުޅީގެ އެއްވެސް ފޮޓޯއެއް ނެގިފައި ނެތީމައެވެ. ނަދީމް ބުނި ގޮތަށް ފޯނުން ފޮޓޯ ނަގަން ދާން ނިންމީމެވެ.

 

އެ ދުވަހު ހަވީރު ނަދީމަށް ގުޅައިގެން ގެނެސް، އަހަރެން ނޯޓުކުރި ވާހަކަތައް ދެއްކީމެވެ.

"މިޔޯ!" ނަދީމް ފާޑަކަށް ދެ ބުމަ ގޮށްޖަހާލިއެވެ. "މިހާރު ވާހަކަ ވެސް ލިޔަން ފެށީ؟"

"ވާހަކަ ނުލިޔެ ކިހިނެއްތަ ފޮޓޯ ސްޓޯރީ ހަދާނީ. . . ތީ ހެކި. ތީ އަހަންނަށް ފެންނަ 'ޕަރީ' ކިޔައިދިން ވާހަކަ. ހަމަ ޔަޤީން ތި ވާހަކަ ޤަބޫލުނުކުރާނެ މީހަކު ނުހުންނާނެ!" ވަރަށް ފޮނިވެފައި އަހަރެން ބުނީމެވެ. "ހިނގާ އަވަހަށް ގޮސް ފޯނުން ރީތި ފޮޓޯކޮޅެއް ނެގޭތޯ އުޅެން" އަހަރެން ހުރީ ކެތްމަދުވެފައެވެ. 

"މަޑުކޮށްބަލަ. ހަމަޖެހިބަލަ" ނަދީމް އަހަރެންގެ އަތުގައި ހިފަމުން، ގޮނޑީގައި ބޭންދިއެވެ. "މީ ކާކު ކިޔައިދިން ވާހަކައެއް؟" ނަދީމްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. "މިރަށު އެއްވެސް މީހަކަށް ނޭނގޭ ވާހަކައެއް މިއްފު އަށް ކިޔައިދޭން ހުންނާނީ ކާކު؟" ވަރަށް ސީރިއަސްވެފައި ނަދީމް އެހިއެވެ.

"ތީ ހަމަ ކުއްޖަކު ކިޔައިދިން ހިޔާލީ ވާހަކައެއް! ނަދީމް މެން ތި ކިޔާ ޔޯލަ ވާހަކަތަކުގެ ސީދާ ޖަވާބު. އަޅެ ޤަބޫލުކުރަން ފަސޭހައެއް ނޫންތަ؟" އަހަރެން ހުރީ މޮޅުކަމެއް ކުރެވިގެން، ވަރަށް ފަޚުރުވެރިވެފައެވެ.

"ކާކުހޭ؟ ނަން ބުނެބަލަ!" ނަދީމް އެހިއެވެ.    

"މަލިކާ! ރަނިކަމަނާ!" އަހަރެން ބުނީމެވެ. 

ނަދީމް ނިތްކުރިއަށް ރޫއަރުވާލީ ކޮން ރަނިކަމަނާއެއްހޭ އަހާ ކަހަލަ ގޮތަކަށެވެ.

"ހަމަ ރަނިކަމަނާއެއްހާ ރީތި، ޅަނދޮޅު ކުއްޖެއް! ވަރަށް ދޮން، އޮމާން މޫނެއް. ހަމަ އެހާމެ ރީތި ފަން އިސްތަށިގަނޑެއް!" މަލިކާ ހުންނަ ގޮތް ނަދީމަށް ސިފަކޮށްދެވޭތޯ އުޅުނީމެވެ. "އަހަރެން ފަތިހު ކުޅިކައިރިއަށް ދާއިރު، އޭނާ އިންނަނީ ބޮނބިތައް ދޮންނަން!" އަހަރެން ވާހަކަދެއްކީ ހުވަފެނީ ދުނިޔެއެއްގައި އިނދެއެވެ. އެކަމަކު ނަދީމް އިނީ އަހަންނަށް ކަޅިއަޅައިގެން، ހިތްހަމަނުޖެހިފައެވެ.

"މަށަށް އެނގެއޭ އެއީ ނަދީމްގެ ރައްޓެއްސެއް ކަން. އަހަރެންގެ ވާހަކަ އޭނަ ކައިރީގަ ކިޔައިދީފައެއްނު ތި ހުންނަނީ" އަހަރެން އިތުރަށް ބުނީމެވެ.

"ކޮން ވާހަކައެއް؟" ނަދީމް ހައިރާންވެފައި އެހިއެވެ. "މިއްފުއާ ބެހޭ އެއްވެސް ވާހަކައެއް، އެއްވެސް މީހަކު ކައިރީގަ އަހަންނެއް ނުބުނަން" 

"ދެން ސާމާސާނުކޮށް ހިނގާ މިރޭ ފަތިހު އަހަންނާ އެކު" ހެކީގެ ގޮތުގައި އެ ވާހަކަ ދެއްކުމުން ވެސް ނަދީމް ޤަބޫލުނުކުރިހެނެއް އަހަންނަކަށް ހިއެއްނުވިއެވެ. ދެރައީ ފޮޓޯއެއް ނެގިފައި ނެތީމައެވެ. އެހެންކަމުން އަހަރެން ބޭނުންވީ އަހަންނާ އެކުގައި ނަދީމް ގެންދާށެވެ. 

 

އެރޭ އިރާކޮޅު ރަށު މީހަކު މަރުވިއެވެ. އަހަރެން ހުންނަ ގެއާ ވަރަށް ކައިރީގައި ހުރި ގެއެއްގައި އުޅޭ އުމުރުން ދުވަސްވީ އަންހެނެކެވެ. ރަށު މީހުންގެ ނަމުން ނަމަ ކުޑަހައްވަދައިތަ އެވެ. އަހަރެންގެ ލެޕްޓޮޕްގައި ކުޑަހައްވަދައިތަގެ ދެތިން ފޮޓޯއެއް އޮތެވެ. އެއީ އެ ދައިތަ ހޮޅުއަށީގައި ރޯނުވަށަން އިން ދުވަހަކު ނެގިފައި ހުރި ފޮޓޯތަކެކެވެ.     

ކުޑަހައްވަދައިތަ ހިނެއުމުގެ ކަންކަމުގައި އެހީވެދޭން ސަކީނާއްތަ ދިޔައެވެ. އަހަރެން ވެސް ޚަބަރުދަބަރު ބަލައިލަން މަގުމައްޗަށް ނުކުތީމެވެ. އެ ގެއާ ކައިރި ހިސާބުތަކުގައި ކޯޅިކޯޅިއަށް މީހުން އެއްވެގެން ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ. ބައެއް މީހުން ދޭތެރެދޭތެރެއިން އަތުގެ ނުފުށުން ލޯ ފުހެލައެވެ. އަނެއް ބަޔަކު މަޑުމަޑުން ޗުކުޗުކުއަޅުވަމުން ދިޔައެވެ. 

އަހަރެން ގޮސް ހުއްޓުނީ މަޑުމަޑުން ވާހަކަތަކެއް ދައްކަމުންދިޔަ ފިރިހެނުންތަކެއްގެ ކައިރީގައެވެ. 

"ކުޑަހައްވަދައިތަ ވަކިވެގެން އެ ދިޔައީ ހާދަ އެކަނިވެރި ދިރިއުޅުމެއް އުޅެފައޭ!" އެކަކު ވަރަށް ދެރަވެފައި ބުނެލިއެވެ. 

"ދައިތައަށް ސަމީރާ ނޫން އެހެން ދަރިއަކު ނުލިބޭ! ސަމީރާގެ ބައްޕަ ނިޔާވިފަހުން އެހެން ކައިވެންޏެއްނުކޮށް އެ އިނީ މި ހުރިހާ ދުވަހު" އަނެކަކު ބުންޏެވެ.

"ކާކަށްތަ ފެނުނީ ފުރަތަމަ؟" އެހެން މީހަކު އެހިއެވެ.

"ފާތުމައަށް. ފާތުމައެއްނު އެ ގެއަށް ކާއެއްޗެހި ގެންދަނީ" ފުރަތަމަ ވާހަކަދެއްކި މީހާ ބުންޏެވެ. "ހަށަމަށް އަތްލައިގެން، ލޯ މަރައިގެން އުނދޯލީގަ އޮތީ ވަރަށް ރީތިކޮށް ކަމަށް ވަނީ" 

އަހަރެން ހުރީ އަޑުއަހާށެވެ. ވިސްނާށެވެ. އެ ބުނާ ސަމީރާ އަކީ މަލިކާ ބުނި ގޮތުން ނަމަ ރޭޕް ކޮށްފައި މަރާލެވުނު އަންހެން ކުއްޖާއެވެ. ސަމީރާގެ ޤާތިލަކީ އޭރުގެ ކުޑަކަތީބެވެ. ޝިހާބެވެ. އޭގެ ދިހަ އަހަރު ފަހުން ކުޅިއަށް ގެނބިގެންވީ މަރުވީ ޝިހާބުގެ ފިރިހެން ދަރިފުޅެވެ. އެއީ އެކަން ހިނގައިދިޔަ ގޮތް ކަމަށް ވުން އެކަށީގެންވެއެވެ. 

 

ކުޑަހައްވަދައިތަގެ ޖަނާޒާ އޮތީ އެރޭ ދަންވަރު ބާރަ ޖެހިއިރެވެ. އާދަކާދައިގެ މަތިން ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޖަނާޒާގައި ބައިވެރިވިއެވެ. އަހަރެން ވެސް މިސްކިތައް ދިޔައިމެވެ. ނަދީމާ ދިމާވީ މިސްކިތުން ފޭބިފަހުންނެވެ. 

"މާދަމާ ހުކުރެއްނު؟ ހަމަ ކޮންމެހެން ވެސް ދާން ވާނެ!" މަގުމައްޗަށް ނުކުމެފައި އަހަރެން ސުރުހީ އަޅާލީމެވެ.

"އަހަންނަކަށް ނުކެރޭނެ. މިރެއެއްނު މީހަކު އެ މަރުވީ" ނަދީމްގެ އަޑުގައި ހުރީ ސީރިއަސް ކަމެވެ. ހަމަ ހަޤީޤަތުގައި ވެސް އޭނާ ހުރީ ކޮންމެ ވެސް ކަމަކާ ނުތަނަވަސް ވެފައެވެ. 

"ނަދީމް ކޮންއިރަކު ތިހާ ފިނޑިވީ؟" އަހަރެން އެހީމެވެ. ނަދީމަކީ ޖެހިލުންކުޑަ، ހިތްވަރު ގަދަ މީހެކެވެ. މީހުން ބިރުގެންނެވުމާއި، ސަމާސާކުރަން އެއްވަނައެވެ. "ނަދީމަށް ހީވަނީ ދޯ އަހަރެން މިއުޅެނީ ނަދީމަށް ލަނޑެއް ދޭން ވެގެންނޭ!" އަހަރެން ހެމުން އޭނާގެ އަތުގައި ވިކައިގަތީމެވެ. 

"ޕަރީއެކޭ ކިޔާފަ މުސްކުޅިއަކު ދެއްކިޔަސް ހެޔޮ. އަހަރެން ދާނަން" ވަރަށް ގިނައިރު އަނގައިން ނުބުނެ ހުރެފައި، އެންމެ ފަހުން ނަދީމް ބުންޏެވެ. 

"ފިނޑިއަކަށް ވާން ބޭނުންވާނީ ކާކު ދޯ!" އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. "ތެދެއް ބުނަންތަ؟ އަހަންނަށް މަލިކާ ވަރަށް ކަމުގޮއްސި. އެހެންވީމަ ނަދީމް އެބަޖެހޭ ހަމަ ކޮންމެހެން ވެސް މިރޭ ދާން!" ވައި އަޑުން އަހަރެން ބުނީމެވެ. 

 

އެރޭ ފަތިހު ކަންތައްތައް ދިޔައީ އަހަރެމެން ރޭވިގޮތަށެވެ. އިރު އަރަންވީއިރު އަހަރެމެން ގޮސް ތިބީ ކުޅި ކައިރީގައެވެ. ނަދީމް އިރުއިރުކޮޅުން ފޯނުން ގަޑި ބަލައިލައެވެ. ވަށައިގެން ހޯދާލައެވެ. އަހަރެން ވެސް އިނީ އިންތިޒާރުގައެވެ. ކެތްމަދުވެފައެވެ.

"ތި ކުއްޖަކު ނައެއްނު؟" ނަދީމް ފުންނޭވާއެއް ދޫކޮށްލަމުން ތެދުވިއެވެ. އޭރު އިރުއަރައި، ޖައްވު ހޫނުވާން ފަށައިފިއެވެ.

"އަދި މަޑުކޮށްބަލަ!" ނަދީމްގެ އަތުގައި ހިފަމުން އަހަރެން އެދުނީމެވެ.

"އިރު އޮއްސެންދެން ވެސް މިތާ ތިބެވިދާނެ. އެކަމަކު ތި ބުނާ ކުއްޖަކު ނާންނާނެ!" ވަރަށް ޔަޤީންކަމާ އެކުގައި ނަދީމް ބުންޏެވެ.

"އެއީ؟ ކިހިނެއް ނަދީމަށް އެނގެނީ؟" ހައިރާންވެފައި އަހަރެން އެހީމެވެ.

"އެކެއް!" ނަދީމް އެއް އިނގިލި ބިންދާލިއެވެ. "މަލިކާ ކިޔާ ކުއްޖަކު މިރަށަކު ނޫޅޭނޭ. ދޭއް! މި ރަށުގަ ގްރޭޑް އެކަކުން މަތީގެ އެއްވެސް އަންހެން ކުއްޖަކު ބުރުގާ ނާޅާއެއް ނުހުންނާނެ. ތިނެއް! ތި ބުނާހާ ޒުވާން ކުއްޖަކު ބޮނބިތަޅާކަށް ނާންނާނެ! އަދި އެވެސް އެހާ ފަތިހު" ނަދީމް އެއްފައްޗަކަށް ކިޔާލިއެވެ.

"ތިހެންވީއިރު އެއީ ބީރައްޓެއްސެއް!" އިރުކޮޅަކު ވިސްނާލަން ހުރެފައި އަހަރެން ބުނީމެވެ. "އަހަންނަކަށް ނޭނގޭނެއްނު ބީރައްޓެއްސެއް، ރަށު މީހެއް ވަކި ކުރާކަށް" 

"ދެން މިއްފު ލިޔެފަ ހުރި ވާހަކަތައް؟ ބީރައްޓެއްސަކަށް އެނގޭނެތަ އެހެން ކިޔައިދޭން؟" ނަދީމް އެހިއެވެ.

"ނަދީމަށް ހީވެގެން ތިއުޅެނީ ކީކޭ؟" ނަދީމްގެ މޫނުމަތިން ފެންނަމުންދިޔަ ސީރިއަސް ކަން ފެނިފައި އަހަންނަށް އެ ސުވާލު ކުރަން މަޖުބޫރުވިއެވެ.

"މިއްފު އަށް މިތަނުން މަލިކާ ކިޔާ އަންހެން ކުއްޖަކު ފެނި، އެ ވާހަކަތައް ކިޔައިދިނީ އެ ކުއްޖާ ކަމަށްވާނަމަ ތީގަ ކޮންމެ ވެސް ނުބައެއް އެބަ އުޅޭ!" ވަރަށް ޔަޤީންކަމާއެކު ނަދީމް ބުންޏެވެ. "މިއްފު އަށް ކަމެއް ދިމާވެއްޖިއްޔާ އަހަރެން ވަރަށް ދެރަވާނެ. ވަރަށް ވަރަށް ދެރަވާނެ!" ނަދީމްގެ އަޑު ބެދުނެވެ.

އިރުކޮޅަކު އަނގައިން ނުބުނެ ހުރެފައި އަހަރެން ހޭން ފެށީމެވެ. ހަމަ ހަޤީޤަތުގައި ވެސް ނަދީމް އެހެން ބުނުމުން އަހަންނަށްވީ ބޮޑު ޖޯކަކަށެވެ.

"ތީ އެކަހަލަ ކަންކަން އެންމެ ޤަބޫލުނުކުރާ މީހާ. އެހެން ހިތަށް ވެސް އަރުވައިގެން ނުވާނެ މީހާ!" އަހަންނަށް ހުނުން ހުއްޓާލެވުނީ ވެސް އެތައް އިރެއް ފަހުންނެވެ. 

"އަހަރެން މިރަށުން ފުރުމުގެ ކުރިން ނަދީމަށް މަލިކާ ދައްކާނަން. ފޮޓޯ އެއްވެސް ނޫން. ހަމަ އަސްލު" ފޯނުން ކުޅީގެ ފޮޓޯ ނަގަމުން އަހަރެން ބުނީމެވެ.

ނަދީމް އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ހިމޭންވެފައި ހުރީއެވެ.

 

ޖެހިގެން އައި ދުވަހު ވެސް އަހަރެން ފަތިހު ކުޅިކައިރިއަށް ދިޔައިމެވެ. އަހަރެން އެކަންޏެވެ. އެކަމަކު މަލިކާއެއް ނައެވެ. ވީ ގޮތެއް ނޭނގެއެވެ. އޭނާ ހޯދަން ދާނެ ތަނެއް ވެސް ނޭނގެއެވެ. އުޅޭ ގެއެއް، ގުޅޭނެ ފޯނު ނަމްބަރެއް އޮޅުންފިލުވިފައެއް ނެތެވެ. އަހަރެން ވަރަށް މާޔޫސްވިއެވެ. ނަދީމް ވެސް އަހަންނާ ދިމާކުރާނޭ ހިތަށްއެރިއެވެ. އެކަމަކު އޭގެ ފަހުން އޭނާ މަލިކާގެ ނަން ވެސް ނުކިޔައެވެ. އެވާހަކައެއް ނުދައްކައެވެ.  

އޮފީހުގެ މަސައްކަތްތައް ނިންމާފައި މާލެ އަންނަން ވަންދެން ކޮންމެ ދުވަހަކު އަހަރެން ކުޅި ކައިރިއަށް ދިޔައިމެވެ. މަލިކާއަށް އިންތިޒާރު ކުރީމެވެ. އެކަމަކު އަހަރެން އެރަށުން ފުރީ މަލިކާ އަހަރެންގެ ނަސީބުގައި ލިޔެވިފައި ނެތް ކަމަށް ނިންމައިގެންނެވެ.

 

މާލެ އައިގޮތަށް ފުރަތަމަ ވެސް އުޅުނީ ކެމެރާ ހެދޭތޯއެވެ. އެކަހަލަ މަސައްކަތްކުރާ ރައްޓެއްސަކަށް ގުޅައިގެން ގެއަށް ގެނައިމެވެ.  

"މީގަ ނެތެއްނު އެއްވެސް މައްސަލައެއް!" އިރުކޮޅަކު ކެމެރާއާ ކުޅެލުމަށްފަހު އޭނާ ބުންޏެވެ.  "މި ހުރީއެއްނު ފޮޓޯތައް!" އޭނާ އަހަންނަށް ކެމެރާ ދައްކާލިއެވެ. 

ތެދެކެވެ. ފޮޓޯތައް ހުއްޓެވެ. ވީޑިއޯ ވެސް އޮތެވެ. ހަމައެކަނި ނެތީ މަލިކާއެވެ. ފޮޓޯތަކުން ފެންނަން ހުރީ ކުޅިކައިރީގައި އޮތް ވިނަގަނޑާއި، ބިތްދޮށުން ފެންނަން ހުރި ކަނޑޫ ގަސްތަކެވެ. ކިހިލީގައި މުޅޯށި ޖަހައިގެން ހުރި މަލިކާއެއް ނެތެވެ. ވީޑިއޯގައި ވެސް އަހަރެން ބޭނުންވި ހުރިހާ ކުލައެއް ހުއްޓެވެ. އެކަމަކު ފެންގަނޑު ކައިރީގައި އިން މަލިކާއެއް ނެތެވެ. އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. މުޅި މީހާ ތުރުތުރުއަޅައިގަތެވެ. ބުނާނެ އެއްޗެއް، ކުރާނެ ކަމެއް ނޭނގިފައި އެތައް އިރަކު ހުރެވުނެވެ. 

ނަދީމަށް ގުޅަންވެގެން ފޯނު ނެގީމެވެ. އެކަމަކު ދެވަނަ ސިކުންތުގައި ހިޔާލު ބަދަލުވިއެވެ. ނަދީމް ކައިރީގައި ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ؟ މަލިކާ އަކީ އިންސާނެއް ނޫނޭ ބުނެގެން އޭނާގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ބޭނުމެއް ނެތެވެ. މަލިކާ ފެނުނީ ހަމައެކަނި އަހަންނަށެވެ. އޭނާއާ ވާހަކަދެއްކީ ވެސް އަހަންނެވެ. އެކަމަކު އޭނާ އަހަންނަށް އެއްވެސް ގޯނާއެއް ނުކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެގޮތަށް އަހަންނާ ބައްދަލުކޮށް، ސަމީރާގެ ވާހަކަ ކިޔައިދިނުމުގެ ބޭނުމެއް އޮންނާނެއެވެ. އަހަރެން އެކި ގޮތްގޮތަށް ވިސްނީމެވެ. އެތައް އިރަކު ހިޔާލުތަކުގެ ފުން ކަނޑުގައި ފީނީމެވެ. މަލިކާ އަކީ ސަމީރާގެ ކާކު ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ސަމީރާއެއް ނުދެކެމެވެ. މަލިކާ އެހުރީ ސަމީރާގެ ސިފައިގައި ނޫން ކަމެއް ވެސް ނޭނގެއެވެ. 

ވަރަށް ގިނަ ދުވަސްވަންދެން ވިސްނުމަށްފަހު، ބެރެބެދި ގަހާއި، ކުޅީގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރީމެވެ. ނޯޓުކުރި ވާހަކަތަކާ ވެސް އެކުގައެވެ. އަހަރެން އުއްމީދުކުރި ވަރަށް ވުރެ މާ ބޮޑަށް އާންމުންގެ ތަރުހީބު ލިބުނެވެ. އެވާހަކަތައް ޤަބޫލުނުކުރާ މީހަކުނެތެވެ. ދެތިން އޮންލައިން ނޫހަކުން ވެސް އަހަރެންގެ އިންޓަވިއު ހޯދަން ގުޅިއެވެ. އެ ހާދިސާގެ ހަޤީޤަތް އަހަންނަށް އެނގުނު ގޮތަކާ ބެހޭ ގޮތުން ވެސް ބައެއް މީހުން ސުވާލު ކުރިއެވެ. ރަށުގެ ދުވަސްވީ މީހުންގެ ފަރާތުން މައުލޫމާތު އެއްކުރީ ކަމަށް ބުނެ އަހަރެން އެ ސުވާލުގެ ޖަވާބު ކުރުކޮށްލީމެވެ. އަހަރެންގެ ހިތް ބުންޏެވެ. މަލިކާގެ ބޭނުމަކީ ވަންހަނާވެފައިވާ ހަޤީޤަތް ހާމަކުރުމެއެވެ. އަހަރެން އެކަން ކޮށްދީފީމެވެ. (ނިމުނީ)