މާލެއިން އައިސް އުޅޭ ފިރިހެނަކު ނަމަ އަބަދު އުޅޭނީ ކެމެރާއެއް ހިފައިގެންނެވެ. އެމީހުންނަށް ހީވަނީ ކަންނޭނގެ އެވެ. ރަށްފުށުގައި އުޅޭ މީހުން ކެމެރާއެއް ނުގެންގުޅޭނެ އެވެ. ކެމެރާއެއް ދުވަހަކު ލޮލުން ވެސް ނުދެކޭނެ އެވެ. ޒައިން ދެކެ ވެސް އަހަރެން އެންމެ ފޫހިވީ ސަބަބަކީ އެއީ އެވެ. ކޮނޑުގައި އަޅުވާފައި އޮންނަ ބޮޑު ކެމެރާގެ ބަރުދަނުގައި ހައެއްކަ ކިލޯ ހުންނާނެކަން ގައިމެވެ. ގޮތްގޮތަށް އެނބުރެމުން، ގުދުވަމުން ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި ހުރެގެން އޭނާ ފޮޓޯ ނަގާތަން ބަލަން އަހަރެން އިރުކޮޅަކު ހުރީމެވެ. އޭނާގެ ސިފައަށް ނުވަތަ އޭނާގެ ހަރަކާތްތަކަށް ޝައުޤުވެރި ވެވިގެނެއް ނޫނެވެ. އޭނާގެ ފޮނި ކަމާއި، ދެއްކުންތެރިކަމަށް ހިތާހިތުން އެއްޗެހި ކިޔަމުންނެވެ. ކުޑަ އިރުކޮޅެއް ފަހުން ޒައިން ގެންގުޅުނު ކެމެރާގެ ލެންސް އަމާޒުވަމުން ދިޔައީ ޚުދު އަހަންނަށް ހެން ހީވިއެވެ. އެއީ ހީވިހީވުމެއްތޯ ޔަޤީންކޮށްލުމުގެ ގޮތުން ހޭޅީގައި ހެދިފައި ހުރި މަގޫ ގަސްތަކާއި އަހަރެން ނިވާވީމެވެ. ޒައިން ފޮޓޯ ނެގުން ހުއްޓާލިއެވެ. އަދި އެއްޗެއް ގެއްލިގެން ހޯދާ ގޮތަށް ވަށައިގެން ހޯދަން ފެށިއެވެ. ހޯދަމުން އަހަރެން ހުރި ދިމާއަށް ކުރިއަށް އަންނަން ފެށިއެވެ. އަހަރެން ގަސްތަކު ތެރެއިން ނުކުތީމެވެ. އޭރު ޒައިން ހުރީ ވަރަށް ކައިރީގައެވެ. އަހަރެން ހަމަ ފެނުމާ އެކު އޭނާ އަނެއްކާ ވެސް ފޮޓޯ ނަގަން ފެށިއެވެ. ހީވީ އަހަންނަކީ އޭނާ ކައިރިއަށް ފޮޓޯ ސެޝަނަކަށް އައިސް ހުރި މީހެއް ހެންނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ލަދު ކުޑަ މީހުން ވެސް މި ދުނިޔޭގައި އުޅެއެވެ. އެކަމަކު މިވަރުގެ ކަމެއް އަދި ނުދެކެމެވެ. އެ ވަރަށް ފޮޓޯ ނެގުމުގެ ކުރިން ހުއްދަ ހޯދުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން ހެއްޔެވެ؟
ޒައިން ފޮޓޯ ނެގުން ހުއްޓާލިއެވެ. ކެމެރާ ކޮނޑުގައި އަޅުވާލުމަށްފަހު އަހަންނާ ހަތަރުކަޅި ހަމަކޮށްފައި ރީތި ގޮތަކަށް ހީނލިއެވެ.
"ނިމުނީތަ؟" އުކުޅުގައި އަތްވިއްދާލަމުން އަހަރެން އެހީމެވެ.
"ކިހިނެއް އެހާ އަވަހަށް ނިންމާލާނީ؟ މެމޮރީ ފުލް ވީ. . ." ޒައިން ވަރަށް ހަމަޖެހިފައި ބުންޏެވެ.
އަހަރެންގެ ފޫހިކަން ދެގުނައަށް އިތުރުވިއެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް އެއްގަމަށް ހިނގައިގަތީމެވެ. އޭރު ވެސް ޒައިން ފޮނި ހިންޏެއް އައިސްފައި އަހަންނާ ދިމާއަށް ބަލަން ހުއްޓެވެ.
ޒައިން އަކީ ޗުއްޓީ ހޭދަކޮށްލަން އަހަރެންގެ ރަށަށް އައިސް އުޅޭ ޒުވާނެކެވެ. މާލޭ މީހެކެވެ. ރަނގަޅު ވަޒީފާއެއްގައި އުޅޭ އަހުލާޤު ރަނގަޅު، ހިތްހެޔޮ މީހެކެވެ. މި ހުރިހާ ކަމެއް އަހަންނަށް އެނގުނީ އޭނާ ހުންނަނީ އަހަރެންގެ ގެއާއި ޖެހިގެން ހުންނަ ގޭގައި ކަމަށްވާތީ އެވެ. އެކަމަކު އެއީ ތެދު މައުލޫމާތެއްކަން އަހަރެންގެ ހިތް ޤަބޫލެއް ނުކުރެއެވެ. ރަށްފުށަށް އާދެވިއްޖެނަމަ އެއްވެސް މީހަކު ރަނގަޅެއް ނުވާނެއެވެ. ޗުއްޓީ ހަމަކޮށްފައި މާލެއަށް ދިޔުމުގެ ކުރިން ކޮންމެ ވެސް ހަޑިއެއް ހާވާނެ އެވެ. މައުސޫމު އަންހެން ކުއްޖެއްގެ ހިތް ހަލާކުކޮށްލާނެ އެވެ. ވަރަށް ލޯބިވާ ކަމަށް ހެދިގެން އުޅެފައި މާލެ ދާނީ ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ކަމަށް ބުނެފައެވެ. އެކަމަކު އެ ހިސާބުން ބަޚަބަރެވެ. ދުނިޔޭގައި ހުރިކަމެއް ނުވަތަ މަރުވީ ކަމެއް ވެސް އަންހެން ކުއްޖާއަކަށް ނޭނގޭނެއެވެ. ގިނަ ފަހަރަށް އަންހެން ކުއްޖާ އިންނާނީ ބަލިވެއެވެ. މުޅި ރަށަށް ފަޟީހަތްވެ، ދިރިއުޅުން ހަލާކު ވާނީ ވެސް އަންހެން ކުއްޖާގެ އެވެ. އެ މީހުންނާ ބެހޭ ކަމެއް، އެނގޭ ކަމެއް ވެސް ނޫނެވެ.
ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދެތިން މަހު ވަރަށް ގިނަ ގޭގެއިން ވާރޭ ފެން ހުސްވެ އެވެ. ދެން ފެން ބަލައި ދާން ޖެހެނީ ރައްޔިތުންގެ ފެން ތާނގީތައް ކައިރިއަށެވެ. ގެއިން ފެން ހުސްވެ، އަހަންނަށް ވެސް ދުވާލު ދެ ދަޅައަށް އެ ތަނަށް ފެން ބަލައި ދާން ޖެހުނެވެ. ބަނޑިޔާ ހިފައިގެން ގެއިން ނުކުންނަ ކޮންމެ ފަހަރަކު ޒައިން ހުންނަނީ ކެމެރާ ހިފައިގެން އަހަރެންގެ އިންތިޒާރުގަ އެވެ. ހީވަނީ އަހަރެން ބޭރަށް ނުކުންނާނެ އިރު އޭނާ އަށް މާ ކުރިން އެނގިފައި އޮންނަ ހެންނެވެ.
"ތި ދެން ކޮން ކަމެއް؟ ހުއްދަ ނުހޯދާ މީހުންގެ ފޮޓޯ ނެގުމަކީ ވަރަށް ހުތުރު ކަމެއް!" ދެތިން ދުވަހު އަނގައިން ނުބުނަން ހުރެފައި އެންމެ ފަހުން ކެތްނުވެގެން އަހަރެން ބުނީމެވެ.
"ކެމެރާ އަށް ބަލައިލާ ގޮތުން އަހަރެން ހީކުރީ ތި ހުންނަނީ ރުހިގެން ކަމަށް!" އެއް ލޯ މަރާލަމުން ޒައިން ބުންޏެވެ.
އޭނާގެ ކުރިމަތީގައި އަހަންނަކީ އެއްވެސް އަގެއް ނެތް ކުޅޭކުޅޭ އެއްޗަކަށް ވީކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.
"ރަށްރަށަށް އާދެވުނީމަ ކަލޭމެން މާލޭ މީހުން ކީކޭތަ ހީކުރަނީ؟ ރަށްފުގަ އުޅޭ އަންހެން ކުދިންނަކީ އެއްވެސް އަގެއް ނެތް ބައެކޭ؟ ބޭނުންހާ ގޮތެއް ހެދިދާނޭ؟ ފޫހި ފިލުވާލަން ގެންގުޅެފަ، އެނބުރި މާލެ ދާން ވީމަ އެއީ ނުވާކަމަކަށް ހަދަންވީއޭ؟" އަހަރެންގެ ހިތަށް އައި ހުރިހާ އެއްޗެއް އެއް ފައްޗަކަށް ކިޔާލުމަށްފަހު ގޮސް ގޭތެރެއަށް ވަނީމެވެ.
އޭގެ ފަހުން ދެ ދުވަސް ވީއިރު ވެސް ޒައިންގެ ޚަބަރެއް ނުވެއެވެ. މަގެއްގެ މަތިން ވެސް ނުފެނެއެވެ. އަހަރެންގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އޭނާ މާލެ އަށް ދިޔައީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ ހާދަ ދެރައެވެ. އަހަންނަށް މާ ބޮޑަށް އޭނާ ދެކެ ރުޅި އާދެވުނީ އެވެ. ހުރިހާ ފިރިހެނުން އެއްގޮތް ނުވާނެކަން ހަނދާންނެތުނީ އެވެ.
އަސުރުން އިރު ތިރިވުމާއެކު އަހަރެން ހުޅަނގު ފަރާތު ގޮނޑުދޮށަށް މިސްރާބުޖެހީމެވެ. އެއީ އާންމުކޮށް މީހުން ގޮސް ނޫޅޭ ފަޅު ހިސާބެކެވެ. ހިތްފަސޭހަ، ރީތި ތަނެކެވެ. ވަކި ހިސާބަކުން އަހަންނަށް ހުއްޓެން މަޖުބޫރުވިއެވެ. ބިޔަކޮށް ހެދިފައިވާ ކާނި ގަސްދަށުގައި އޮތް ރުއްގުޅިއެއްގެ މަތީގައި އިން ޒައިން ފެނުމުން އަހަރެންގެ މޭ ފިނިވެ، ނޭވާ އަވަސްވިއެވެ. އޭނާއާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވިއެވެ. އޭނާ އަށް އަހަރެން ފެނުމުގެ ކުރިން އައިކޮޅަށް އެނބުރިދާން ވެސް ހިތަށް އެރިއެވެ. އެކަމަކު އޭނާގެ އަތުގައި ކެމެރާ ނެތް ކަން ފާހަގަ ކުރެވުމުން މަޑުމަޑުން ކުރިއަށް ހިނގައިގަތީމެވެ.
"އަހަންނާ ދިމާ އަށް އެއްޗެހި ކިޔަންތަ ތި އައީ؟" އަހަރެން ފެނުމުން ލާނެތް ގޮތަކަށް ޒައިން އެހިއެވެ.
އަހަރެންގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ކުޑަވެ، ޒައިންއާ ކުރިމަތިލާނެ ހިތްވަރު ލިބުނެވެ.
"މި އައީ އެއްޗެހި ކިޔުނީތީ މަޢާފަށް އެދެން!" އިސްދަށަށް ޖަހާލަމުން އަހަރެން ބުނީމެވެ.
"އެހެންތަ؟ މަޢާފު ކުރެވޭނީ އަހަންނާ ވާހަކަ ދައްކާލަން މިތަނުގަ އިށީންނަ މަތިން!" ޒައިން ޝަރުތެއް ކަނޑައެޅި އެވެ. އަހަރެން ހިތުން ރުހުމުން އެކަން ގަބޫލުކުރީމެވެ.
"މާލޭ މީހަކު ބޭވަފާތެރިވީ ދޯ!" އަހަރެންގެ މޫނަށް ބަލައިލަމުން ޒައިން އެހިއެވެ. އެ އަޑުގައި ވަނީ ޔަޤީން ކަމެވެ.
އަހަންނަށް ތެޅިގަނެވުނެވެ. އެއީ މި ހިތުގެ އެންމެ ބޮޑު ސިއްރެވެ. އެއްވެސް މީހަކަށް ނޭނގޭނެ ހަޤީގަތެވެ. އަހަންނަށް އަލަތު ލޯބި ވެނުނު ރީތި ޒުވާނާގެ ވާހަކައެވެ. އޭނާގެ ލޯބިވެތި ބަސްތަކުން އަހަރެންގެ ހިތް ފުރުނެވެ. އޭނާއާ އެކުގައި ދިރިއުޅުމަށްޓަކައި ރީތި ހުވަންފެންތައް ދުށީމެވެ. ފޮނި އުއްމީދުތައް ކުރީމެވެ. އެކަމަކު އެ ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެއެވެ. އެ އުއްމީދުތައް ވިއްސިވިހާލިވެގެން ހިނގައްޖެއެވެ.
ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށްފަހު ބޮލުގެ އިޝާރާތުން އަހަރެން އާނއެކޭ ބުނީމެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެމެވެ. އެއީ ކޯހެއް ހިންގުމަށް އަހަރެންގެ ރަށަށް އައި މީހެކެވެ. މީހުންނަށް ރަނގަޅު ގޮތާއި، ގޯސް ގޮތް ބުނެދެމުން ތަޤުރީރު ދޭ މޮޅު އުސްތާޒެކެވެ. ބޭރުފުށުން އޯގާވެރި، ހިތްހެޔޮ މީހެކެވެ. މުސްކުޅިން ބުނެ އުޅޭ ނޫން ހެއްޔެވެ؟ މީހުންގެ ގޮތް އެނގޭނީ އެއް އޮޑިން ދަތުރުކުރީމައެވެ. އަހަންނަށް އޭނާއާ އެއް އޮޑިއަކުން ދަތުރު ކުރެވި އެއީ ކާކު ކަން ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. އެއީ ވަގުތީ އުފަލަށްޓަކައި އަންހެން ކުދިންނަށް ދަޅަ ދައްކާ ބޭވަފާތެރިއެކެވެ. ހިތުގެ ބަދަލުގައި ހިލަގަނޑެއް އޮންނަ ރަހުމުކުޑަ އިންސާނެކެވެ. އަހަރެން ރޮއެ އާދޭސް ކުރި ވަރު އެނގޭނީ އަހަންނަށް ނޫން ހެއްޔެވެ؟ އެންމެ ފަހުން އޭނާގެ މޮބައިލް ނަމްބަރު ވެސް ބަދަލު ކުރީ އެވެ. އަހަންނަށް އޭނާގެ ޚަބަރު ބެލޭނެ ހަމައެކަނި މަގު ވެސް ބަންދު ކޮށްލީއެވެ.
"ނީޒާ އަހަންނާ ދިމާ އަށް ކީ އެއްޗެހި މުޅިން ގޯހެއް ނޫން! ރަށްރަށަށް އައިސް އެހެން އުޅޭ ފިރިހެނުން ވަރަށް ގިނަ. އެކަމަކު ހަނދާނުގަ ބަހައްޓަންވީ ކަމަކީ އެއީ މާލޭ މީހުން ވީމަ ވާގޮތެއް ނޫން ކަން!" ވަރަށް މުހިއްމު ޕޮއިންޓެއް ޒައިން އަހަންނަށް ވިސްނައިދިނެވެ.
"އެނގޭތަ އަހަރެން މި ރަށަށް އައީ ކީއްކުރަން ކަން؟" ޒައިން އެހިއެވެ.
"ޗުއްޓީ ހޭދަކޮށްލަން." އަހަންނަށް އެނގޭ ޖަވާބު ދިނީމެވެ. ޒައިން ދެފަރާތަށް ބޯ ހޫރާލިއެވެ.
"އެއީ ބަހަނާއެއް! ތެދަށް ބުނަންޏާ ބުނެވޭނީ އަހަރެން އައީ މީހަކާ އިންނަން ވެގެންނޭ"
އަހަންނަށް ގަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ.
"ކޮން ކުއްޖަކާ؟" ފޯނުން ނަމަވެސް ކޮންމެ ވެސް ކުއްޖަކާ ރައްޓެހިވެގެން އައީ ކަމަށް ހީކޮށް އަހަރެން އެހީމެވެ.
"ވަކި ކުއްޖެއް ނޫން. އެކަމަކު ތި ކަހަލަ ސާދާ، ކަންދެއްކުމެއް، ބޮޑާކަމެއް ނެތް ނިއަނެތި ކުއްޖަކާ. . ." ޒައިން ވަރަށް ދިގުކޮށް ވާހަކަ ދެއްކިއެވެ. ހަތަރު އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ކުއްޖާ ޒައިންގެ ކުށެއް ނެތި ބޭވަފާތެރިވީ ގޮތުގެ ވާހަކަ ކިޔައިދެމުން ދިޔައިރު އަހަރެން އިނީ ކަނުލާ އަޑު އަހާށެވެ.
"ޒައިން އަށް އަހަރެން އެނގެނީ ކިހާ ވަރަކަށް؟ އަހަރެން ޒައިން އަށް އިތުބާރު ކުރަންވީ އެންމެ ސަބަބެއް ނަމަވެސް ބުނެބަލަ!" ވަރަށް މުހިއްމު ސުވާލެއް އަހަރެން ކުރީމެވެ.
"ތީ ނީޒާ. ވަރަށް ތުއްތު އިރު ބައްޕަ ނިޔާވެ، ޔަތީމު ވެއްޖެ! މީގެ ދެ އަހަރު ކުރިން މަންމަ ވެސް ނިޔާވެއްޖެ! މިހާރު އުޅެނީ ބޮޑުދައިތަ ކައިރީގަ. އެއީ ވަރަށް ދަރިން ގިނަ، ފުދުންތެރިކަން ކުޑަ އާއިލާއެއް! އެކަމަކު އެމީހުން ނީޒާ އަށް ވަރަށް ރަނގަޅު!" ފޮތެއްގައި ލިޔެފައި އޮތް އެއްޗެއް ބަލައިގެން ކިޔާ ކަހަލަ ގޮތަކަށް ޒައިން ކިޔަމުން ގެންދިޔައެވެ. އަހަންނަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގި، އަންތަރީސްވެފައެވެ. ޒައިން އެ ވަރަށް އަހަރެންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ހޯދާނެއޭ ހީކުރެވިފައި ވެސް ނެތެވެ.
"ދެން އޮތީ އިތުބާރުގެ ވާހަކަ. ދުވަސްކޮޅަކު އެކުގަ ނޫޅެ އަހަންނަކަށް ނޭނގެ ނީޒާގެ އިތުބާރު ހޯދާނެ ގޮތެއް! އެކަމަކު ނީޒާ ރުހެންޏާ މާދަމާ ވެސް ރަން ކިޔަން ފޮނުވާނަން!" ކުޑަ ކަކޫ ޖަހައިގެން ޒައިން އަހަރެންގެ ކުރިމަތީގައި އިށީނެވެ. އަދި އޭނާގެ ކަނާއަތްތިލަ އަހަންނާ ދިމާ އަށް ދިއްކޮށްލިއެވެ.
"އެންމެ ފަހަރަކު މި އަތުގަ ހިފާ. . . ދުވަހަކު ވެސް ދޫކޮށެއް ނުލާލަން. އިރާދަކުރެއްވިއްޔާ ނީޒާ އަށް މި އަތުގަ ހިފުނީތީ ހިތާމަ ކުރަންޖެހިދާނެ ދުވަހެއް ނާންނާނެ!" ވަރަށް ޔަޤީންކަމާއެކު ޒައިން ބުނަމުން ދިޔައެވެ.
ހަދަންވީ ގޮތެއް ނޭގިފައި، ކަޅި ޖަހާނުލާ އަހަންނަށް ބަލަން އިނދެވުނީ ޒައިންގެ ދެ ލޮލަށެވެ. އެއް ފަހަރު އަހަންނަށް ކުށްހީއެއް ކުރެވިއްޖެއެވެ. އަހަރެންގެ ހިތް ކުދިކުދި ވެއްޖެއެވެ. ދެވަނަ ފަހަރަށް އެ ފުރުސަތު އެހެން މީހަކަށް ދޭންވީ ހެއްޔެވެ؟
"އަހަންނެއް ނުބުނާނަން މައްސަލަތަކެއް ކުރިމަތި ނުވާނެ ދިރިއުޅުމެއް އަހަންނަށް ހޯދައިދެވޭނެ އެކޭ! އެކަމަކު އަހަރެން ވަޢުދުވަން. އެއްވެސް މައްސަލައަކާ ނީޒާ އެކަނި ކުރިމަތިލާކަށް ނުޖެހޭނެ. އަހަރެން އަބަދުވެސް ނީޒާއާ އެންމެ ގާތުގައި ވާނަން!" އަހަރެންގެ ދެ ލޮލަށް ބަލަން އިނދެ ޒައިން ވާހަކަދައްކަމުން ދިޔައެވެ.
މަޑުމަޑުން އަހަރެންގެ އަތްތިލަ ހަރަކާތް ކުރަން ފެށިއެވެ. ދެން ދުވަހަކު ވެސް ފިރިހެނަކަށް ނުކުރެވޭނެ ކަމަށް ހީކުރި އިތުބާރު ޒައިން އަށް ކުރެވުނީ އިޚުތިޔާރުން ބޭރުގައެވެ. އެންމެ ފަހުން ދެ ލޯ މަރާލަމުން އަހަރެން ޒައިންގެ އަތުގައި ހިފީމެވެ. ހަމަ އެވަގުތު އޭނާގެ ވާއަތްތިލަ އަހަރެންގެ އަތްތިލަ މަތީގައި ބާއްވަމުން އަހަރެންގެ އަތް ފޮރުވާލިއެވެ.
އަހަރެން ޝަރުތެއް ކަނޑައެޅީމެވެ. އަހަންނަކަށް އިންތިޒާރެއް ނުކުރެވޭނެ އެވެ. އިންތިޒާރުގެ ހިތި ރަހަ އަހަރެން އެއްފަހަރު ތަޖުރިބާ ކޮށްފީމެވެ. ޒައިން ވެސް އަހަރެން އިންތިޒާރުގައި ބަހައްޓާކަށް ގަސްތެއް ނުކުރިއެވެ. ރަން ކިޔަން ބަޔަކު ފޮނުވާނެ ކަމަށް ބުނެފައި އޭނާ ވަކިވެގެން ދިޔައީ އެވެ.
ކައިވެންޏަކާ ހަމައަށް ދެވޭ ވަރަށް އަދި އަހަންނަށް ޒައިން ދަހެއް ނުވެއެވެ. އެހެންކަމުން އަހަރެން ދުވެފައި ދިޔައީ ހައްވަދައްތަ ފެނޭތޯ އެވެ.
"މި ގޭގަ އެ އުޅޭ ޒައިން އަކީ ކޮން ކަހަލަ މީހެއް؟" މާނޭވާލަމުން އަހަރެން އެހީމެވެ. އަހަރެން ހުރީ ވަރުބަލިވެ، ހިތް އަވަސްވެފައެވެ.
"އެއީ އެކޮއެގެ ނަސީބޭ ހީކުރޭ!"
ޒައިން އޮތީ ހައްވަދައްތަ ކައިރީގައި އަހަރެންގެ ވާހަކަ ދައްކާފައެވެ. އެއީ އަވަށްޓެރިއެއްގެ އިތުރުން އަހަރެންގެ މާމައެއް ފަދަ މީހެކެވެ. އަބަދު ވެސް އަހަންނަށް ހެޔޮ އެދޭ، ހިތްހެޔޮ މީހެކެވެ. ހައްވަދައްތަގެ ނުރަވެފައިވާ އިސްތަށިގަނޑާއި، ރޫޖެހިފައިވާ ހަންގަނޑުން އެއީ ދުނިޔޭގައި ކަން ހިނގާ މަގު ދަންނަ ތަޖުރިބާކާރެއްކަން ދޭހަކޮށްދެއެވެ. އޭނާ ނަސޭހަތްތެރިވީ އަހަރެން ޒައިންއާ ގުޅުމަށެވެ. ފިރިއެއްގެ ގޮތުގައި ބަލައިގަތުމަށް ޒައިން އަކީ ރަނގަޅު އާއިލާއެއްގެ، ރަނގަޅު ޒުވާނެއް ކަމުގައި ބުންޏެވެ.
"ދަސްކުރާށޭ ކިޔާފަ ކިތަންމެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުނަސް ދަހެއް ނުވާނެ! ދަސްވާނީ އިނީމަ!" ހައްވަދައްތަ އަހަންނަށް ވިސްނައިދިނެވެ. އަހަރެން އެ ބަސް ގަބޫލުކުރީމެވެ.
އަހަންނާއި ޒައިންގެ ކައިވެނި ކުރެވުނެވެ. އަހަންނަށް ޒައިންގެ މިޒާޖާއި، ހަޤީގަތް އެނގެން ފެށިއެވެ. (ނުނިމޭ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން