(ހޯމަ ދުވަހާ ގުޅޭ)
އަހަންނާއި ޒައިންގެ ކައިވެނި ކުރެވުނެވެ. އަހަންނަށް ޒައިންގެ މިޒާޖާއި، ހަޤީގަތް އެނގެން ފެށިއެވެ. އެއީ އަހަރެންގެ އިހުސާސްތަކަށް އިހުތިރާމުކުރަން ދަންނަ، ސަކަ މިޒާޖެއްގެ ވެރިއެވެ. ހިތްތިރި، އޯގާވެރިއެކެވެ.
އަހަރެމެން މާލެ އަށް ދިޔައީ ކައިވެންޏަށް އެއް މަސް ވީފަހުންނެވެ. މާލެ ދިޔައީ ދާހިތަކުން ނޫނެވެ. ޒައިންގެ ޗުއްޓީހަމަވުމުން ދާން މަޖުބޫރުވީއެވެ. އޭނާގެ މައިންބަފައިން ވެސް އަހަރެން ދެކޭހިތުން ކެތްތެރިކަން ކުޑަވެފައި ތިބިވަރުން އިތުރަށް މަޑުކުރެވެން ނެތީވެ.
ޒައިންގެ އާއިލާއިން އަހަންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިއެވެ. މުޅި ގޭތެރެ ވަނީ އަހަންނަށްޓަކައި ޒީނަތްތެރި ކޮށްފައެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ތިން ފިރިހެން ދަރިން ތިބި އާއިލާގެ އެންމެ ހަގު މެމްބަރަކީ ޒައިން އެވެ. އެކަމަކު އަހަންނަކީ އެންމެ ފުރަތަމަ ޅީދަރިފުޅެވެ. އަހަރެން އެކަމަކާ އުފާކޮށް، ފަޚުރުވެރިވީމެވެ.
"ނަސީބެއްނު އަހަރެން މާލޭގަ ހުރި ވަގުތެއް ކަން. . ." އަހަންނާ ސަލާމް ކޮށްލަމުން ޒައިންގެ ތުއްތުބޭބެ ބުންޏެވެ. އޭނާ ހުންނަނީ އޮސްޓްރޭލިއާގައެވެ. އަދިވެސް ކިޔަވަނީ އެވެ.
"ކޮބާތަ ދޮންބޭބެ؟" ޒައިން ގޭތެރެއަށް ނަޒަރު ހިންގާލަމުން ސުވާލުކުރިއެވެ. ހަމަ އެވަގުތު ކޮޓަރިއެއްގެ ދޮރުހުޅުވާލާފައި މީހަކު ނުކުމެ ޒައިންގެ ގައިގައި ބައްދާލިއެވެ. "ވަރަށް މުހިއްމު ކޯލެއް އައިސްގެން ކުޑަކޮށް ލަސްވީ"
އަހަރެންގެ ނޭވާ އެތެރެހަށީގައި ތާށިވި ކަހަލަ އެވެ. ހިތުގެ ވިންދު ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އެއީ އެ މޫނު ދުށުމަށް އަހަރެންގެ ދެ ލޯ ބޭޤަރާރުވީ މޫނެވެ. އެއީ އެ އަޑު އިވުމުން އަހަރެންގެ ހިތަށް ފިނިކަން ލިއްބައިދިން އަޑެވެ. އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އިތުބާރުކޮށް، އިންތިހާއަށް ލޯބި ވެވުނު އިންސާނާ އެވެ. މިހާރު އެންމެ ފޫހިވާ، ދުވަހަކު ވެސް ބައްދަލުނުވޭތޯ ދުޢާ ކުރެވޭ ބޭވަފާތެރިޔާ އެވެ.
"މިއީ އަހަރެންގެ ދޮންބޭބެ!" ޒައިން އަހަންނަށް އަހުޝަމް ތަޢާރަފުކޮށްދިނެއެވެ. އަހުޝަމަށް އަހަރެން ފެނުނީ އެވަގުތެވެ. އޭނާގެ ހަރަކާތް ހުއްޓުނެވެ. ހައިރާންކަމާ އެކު އަހަރެންގެ މޫނަށް ބަލަން ހުރި އިރު އެ ހިތުގައި ހިނގަމުން ދިޔައީ ކޮން ކަހަލަ ޝޫޢޫރެއް ކަމެއް އަހަންނަކަށް ނޭނގެއެވެ.
"މިއީ މި ގޭގެ އެންމެ ބޮޑު، އެންމެ އިސް މީހާ. މިގޭ ވެރި މީހާ! ވަރަށް މޮޅު ލެކްޗަރާއެއް، ކައުންސެލަރެއް. މިހެން ގޮސް ކިތަންމެ ދިގުކޮށް ވެސް ކީ ދާނެ"
އަހުޝަމަށް ތަޢުރީފުކޮށްފައި ޒައިން ދެއްކި ހުރިހާ ވާހަކައެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ހިތުގައި އޮތީ މުޅިން އެހެން ކަމެކެވެ. އެހެން ވާހަކަ އެކެވެ. ތަޤުދީރު އަހަންނާ ކުރިމަތި މި ކުރުވީ ކޮން ކަހަލަ އިމްތިހާނެއް ހެއްޔެވެ؟ އަހަރެން ޒައިންއާ ކައިވެނިކޮށް ދިރިއުޅުމެއް މި ފެށީ އަހުޝަމްގެ ހިޔާލުކަތުން ދުރަށް ދާން ވެގެންނެވެ. އެ ހަނދާންތައް ހިތުން ފުހެލަން ވެގެންނެވެ. އެކަމަކު ދެން ދުވަހަކު ވެސް އެކަމެއް ނުކުރެވޭނެ އެވެ. ހަޔާތުގެ ބާކީ ބައި އަހަންނަށް ހޭދަ ކުރަން މި ޖެހުނީ އަހުޝަމްގެ ކުރިމަތީގައެވެ. އެއް ފުރާޅެއްގެ ދަށުގައެވެ.
ކިތަންމެ ނޫން ކަމަށް ހެދިޔަސް އަހަރެންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ހިތުގެ ހަމަޖެހުން ގެއްލުނެވެ. އަބަދު ހިތުގައި އޮންނަނީ އަހުޝަމްގެ ނަމެވެ. ކުރެވެނީ އޭނާގެ ޚިޔާލެވެ. ބައެއް ފަހަރު އޭނާއާ ދިމާއަށް އެއްޗެހި ކިޔެއެވެ. އަނެއްބައި ފަހަރު ޝަކުވާ ކުރެވެއެވެ. އަހަރެންގެ ކުށެއް ނެތި ވަކިވީ ކީއްވެބާއޭ ހިތަށް އެރުމުން އިޚުތިޔާރަކާނުލާ ރޮވެއެވެ. އޭނާގެ ކުރިމައްޗަށް ގޮސް ސުވާލު ކުރަންވީއޭ ހިތަށް އަރައެވެ. އެއްގޮތަކަށް ވެސް އޭނާ ފެންނަ ހިސާބަށް ނުދާންވީއޭ ވެސް ހިތަށް އަރައެވެ. ރަނގަޅު އެއްގޮތެއް ވެސް ނެތެވެ. ހަދަންވީ ގޮތެއް ވެސް ނުނިންމުނެވެ. އަބަދު ހުރެވެނީ ހާސްކަމެއްގެ ތެރޭގައެވެ.
އޮފީސް ދަތުރެއްގައި ޒައިން އަށް އަތޮޅުތެރެއަށް ދާންޖެހުނެވެ. މާ ގިނަ ދުވަހަކަށް ނޫނެވެ. އެންމެ ދެ ދުވަހަށެވެ. އެކަމަކު ޒައިންއާ ވަކިން އެންމެ ދުވަހަކު ވެސް މާލޭގައި ހުންނާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. އޭނާއާ އެކުގައި ގެންދިޔުމަށް އެދުނީމެވެ.
"އަހަންނަށް އިތުބާރު ނުކުރެވެނީ ދޯ!" ލާނެތް ގޮތަކަށް ޒައިން އެހިވެ. އަހަރެން ދާން ބޭނުން ވަނީ އޭނާ އުޅޭނޫޅޭ ގޮތް ބަލަން ވެގެން ކަމުގައި ބުންޏެވެ.
"ނޫނޭ! އަހަރެން ކިހާ ފޫހިވާނެ!" އަހަރެން ބަހަނާއެއް ހޯދީމެވެ.
"އަހަންނާ އެކުގަ ދިޔައިމަ މާ ފޫހިވާނެ. އަހަންނަކަށް ނީޒާ ކައިރިއަކު ނުހުރެވޭނެ. ނޭނގެ ނިދާލާނެ ވަގުތެއް ވެސް ލިބޭނެ ކަމެއް" ޒައިން އަހަރެން ގެންދާކަށް އެއްބަހެއް ނުވިއެވެ.
ޒައިން ފުރައިގެން ދިޔުމުން އަހަރެން އޮތީ ކޮޓަރިން ބޭރަށް ނުނުކުންނަށް ނިންމައިގެންނެވެ. އެކަމަކު ރޭގަނޑު ކާ ގަޑި ޖެހުމުން ޒައިންގެ މަންމަ އަހަންނަށް ގޮވިއެވެ. ދެކޮޅު ހަދަން ނުކެރިގެން އަހަރެން ނުކުތީމެވެ. އަހުޝަމް ފެންނަން ހުރިތޯ ދެކޮޅު ހޯދާ ބަލައިލަމުން އަވަހަށް ކާން އިށީނީމެވެ. އަހަންނަށް އަނގައަށް ލެވުނީ އެންމެ ސުވާއެކެވެ. އަހުޝަމް އައިސް އިށީނީ އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. މަންމަ އޭނާ އަށް ބަތް މޮޑެދިނުމުގައި އުޅުނެވެ. އަހުޝަމް އަހަރެންގެ މޫނަށް ނުބަލާކަން އެނގުމުން އަވަސްއަވަހަށް ދެތިން ސުވާ އަނގައަށް ލުމަށްފަހު އެތަނުން ތެދުވީމެވެ. އަދި ސިންކުގައި ހުރި ތަށިތައް ދޮންނަކަމަށް ހެދިގެން އަހުޝަމަށް ފުރަގަސްދީގެން ސިންކުގައި ކައިރީގައި ހުރީ މަންމަގެ ފަރާތުން އަތުވެދާނެ ސުވާލަކަށް ވިސްނައިގެންނެވެ.
"ނީޒާ!" ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު އިވުނީ އަހުޝަމްގެ އަޑެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ހީވީ މޭގެ ކަށިތައް ފަޅާލުމަށްފަހު ހިތް ބޭރަށް ނުކުމެދާނެހެންނެވެ.
"ނީޒާ! އާދެބަލަ މިތަނުގަ އިށީންނަން. . ." ދެވަނަ ފަހަރަށް އަހުޝަމް ވާހަކަ ދެއްކުމުން އަހަރެން މަޑުމަޑުން ފަސްއެނބުރި ބަލައިލީމެވެ. މަންމަ ފެންނާކަށް ނެތެވެ. އަހުޝަމް އިނީ ކެއުން ހުއްޓާލުމަށްފަހު އަހަންނަށް ބަލާށެވެ.
އަހަރެންގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ. އެއްފަހަރާ އެތައް ބައިވަރު އެއްޗެހި ހިތަށް އަރާ ފައިބަމުން ދިޔައެވެ. އަހުޝަމަށް އަހަންނާ ވާހަކަ ދެއްކުމުގެ ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ އަހުޝަމްގެ ލަދުކުޑަކަމަށް ހިތާހިތުން އެއްޗެހި ކިޔަމުން ގޮސް އޭނާ ދެއްކި ގޮނޑީގައި އިށީނީމެވެ. އޭރު ވެސް ހިތް ބުނަމުން ދިޔައީ އަހުޝަމަށް ކިޔަމަން ނުވުމަށެވެ. އޭނާއާ ދިމާއަށް އެއްޗެހި ކިޔުމަށެވެ. މި ހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ޝަކުވާތަކާއި، އުދާސްތައް ބޭރު ކޮށްލުމަށެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ. އިޙުތިޔާރުން ބޭރުގައި އަހުޝަމަށް ކިޔަމަންވެވުނެވެ.
"ނީޒާ އަހަންނަށް ނަފުރަތުކުރާކަން އަހަންނަށް އެނގޭ. އަހަރެންގެ ކުރިމަތީގައި މިގޭގައި އުޅެން ފަސޭހަ ނުވާނެކަން ވެސް އެނގޭ" އަހުޝަމް ލަސްލަހުން ވާހަކަ ދައްކަމުން ދިޔައެވެ. "ތަޤުދީރުގައި ލިޔެވިފައިވާ އެއްޗެއް ކާކަށް އެނގޭނީ؟ ކާކު ހީކުރާނީ އަހަރެމެން ދެމީހުން މި ގޮތަށް ބައްދަލުވެދާނެއޭ؟" އަހުޝަމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހިމޭން ކަމެވެ. ވޭނީ އަސަރެކެވެ. އޭނާ އަށް އަހަންނާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެން އުޅޭ ކަހަލަ އެވެ. އަހަރެން އިނީ ފަރުވާތެރިކަމާ އެކު އެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަތައް ދެކޭށެވެ.
"ހިތުގެ އެންމެ ފުންމިނުން ނީޒާ އަހަންނަށް މަޢާފު ކޮށްދީ!" ވަރަށް އާދޭހާ އެކުގައި އަހުޝަމް އެދުނެވެ. "އެނގޭ ނީޒާގެ ހިތުގައި ސުވާލުތަކާއި، ޝަކުވާތައް ފުނިޖެހިފައި ހުންނާނެކަން. އެކަމަކު ޖަވާބު ދޭނެހާ ހިތްވަރެއް އަހަރެންގެ ނެތް" އަހުޝަމް ގޮނޑިން ތެދުވުމަށް ފަހު އަހަންނަށް ފަސްދިނެވެ.
"ދޮންބޭބެ މީހަކާ ނީނދެ ހުންނަނީ ކީއްވެތޯ ޒައިން ކައިރީގައި އަހައިގެން އޮޅުންފިލުވައްޗޭ! މިއީ ވަރަށް ބޮޑު އެދުމެއް"
އިތުރަށް އެންމެ ސިކުންތަކު ވެސް މަޑުނުކޮށް އަހުޝަމް ހިނގައިގަތެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ މީހަކާ ނީނދެ ހުންނަ ސަބަބު އަހަރެން ބަލަންވީ ކީއްކުރަން ހެއްޔެވެ؟ އަހަންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހުޝަމަކީ އަހަންނަށް ވުރެ ދިހަ އަހަރު ދޮށީ މީހެކެވެ. އަހަރެމެން ދެ މީހުން ފުރަތަމަ ބައްދަލުވި އިރު ވެސް އަހުޝަމަށް އަށާވީސް އަހަރެވެ. އެ އުމުރުގައި ކައިވެންޏެއް ނުކޮށް ހުރީތީ އަހަރެން އެ ސުވާލު ކުރީމެވެ. އިއްޔެ ހިނގި ކަމެއްހެން އަހަރެން އެކަން ހަނދާން އެބަހުއްޓެވެ. އަހުޝަމް ދިނީ ފިނި ޖަވާބެކެވެ. ފިރިހެނުން އެހާ އަވަހަށް މީހުންނަކާ ނީންނާނޭ ބުންޏެވެ. އެހެންކަމުން މިހާރު އަނެއްކާ އަހަރެން އެ ސުވާލު ކުރުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟
އާދައިގެމަތިން އަހަރެންގެ ހިތް ދެ ގޮތަށް ވާހަކަދެއްކިއެވެ. ޒައިން ކައިރީގައި އެ ސުވާލު ކުރާނީތޯ ނުވަތަ ނޫންތޯ ހިތް ބަހުސްކުރިއެވެ. އަހުޝަމަކީ އަހަރެންގެ މާޒީ އެވެ. މާޒީގެ ފަހަތުން ދުވާ މީހަކަށް ދުވަހަކު ވެސް މުސްތަޤުބަލެއް ނުފެންނާނެއެވެ. އެއީ އަހަރެން ގަބޫލުކުރާ ގޮތެވެ. އަހަރެން ބޭނުން ވަނީ މާޒީ އަށް ފަސްއަޅައި ފޮރުވާށެވެ. އެއީ ހުވަފެނެއް ކަމުގައި ހީކުރާށެވެ. އަހުޝަމަކީ ޒައިންގެ ބޭބެ އެވެ. އަހަރެންގެ ޅިޔަނެކެވެ. އިތުރު ގުޅުމެއް ހިނގިކަން ހަނދާންކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ބޭނުން ނުވިޔަސް ހަނދާންވެ އެވެ. އަހުޝަމް ފެންނަ ކޮންމެ ފަހަރަކު ހިތަށް އުނދަގޫވެއެވެ. އަހަންނާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން އޭނާ އިސްޖަހާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ތަދުވެއެވެ. އޭނާ ކޮންމެ ވެސް އެއްޗެއް ބުނަން ބޭނުންވާ ކަހަލަ އިހުސާސެއް އަހަންނަށް ކުރެވެއެވެ. އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ.
"ދޮންބޭބެ އަދިވެސް ކައިވެންޏެއް ނުކޮށް އެ ހުންނަނީ ކީއްވެ؟" އެއް ރެއަކު ނިދަން އޮށޯވެފައި ހަމަ ކުއްލިއަކަށް އަހަރެން އެހީމެވެ.
"ކިހިނެއްވީ؟" ވަގުތާއި، ހާލަތާ ނުގުޅޭ ސުވާލެއް ކުރުމުން ޒައިން ކޮންމެ ވެސް ވަރަކަށް ހައިރާންވިއެވެ.
"ހަމަ ހިތަށް އެރީ. . . " އަހަރެން ބުނީމެވެ.
"އެއީ އާއިލާގެ ވަރަށް ބޮޑު ސިއްރެއް. ދޮންބޭބެ އަށް ދަރިންނެއް ނުލިބޭނެ" ޒައިން ލަސްލަހުން ބުންޏެވެ.
އަޑުއިވުނު އެއްޗެއް ޤަބޫލުކުރަން ދަތިވެފައި އަހަންނަށް އޮވެވުނީ އެވެ. ސުވާލެއް ކުރަން ހަނދާންވީ ވެސް އިރުކޮޅެއް ފަހުންނެވެ.
"ކީކޭ؟"
އަހުޝަމް އެކަމުގައި ވެސް އަހަންނަށް އޮޅުވާލީ ހެއްޔެވެ؟ އެއީ ކުރިން މީހަކާ އިނދެ ވަރިވެފައި ހުރި މީހެއް ހެއްޔެވެ؟ އެކަމަކު އަހަންނާ ރައްޓެހިވެގެން އުޅުނު އިރު އުޅުނީ އަލަށް ލޯބިވެވިގެން އުޅޭ ފުރާވަރުގެ ކުއްޖަކު ފަދައިންނެވެ.
"އެއީ ދޮންބޭބެ ރާއްޖޭން ބޭރުގަ ކިޔަވަން އުޅެނިކޮށް ހިނގި އެކްސިޑެންޓެއް. ކިރިޔާ ފުރާނަ ސަލާމަތްވީ" ޒައިން އަހަންނަށް ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް ކިޔައިދެމުން ދިޔައެވެ.
އަހުޝަމަށްޓަކައި ނަފުރަތުގެ އަލިފާނުން އަނދައަނދާ އޮތް އަހަރެންގެ ހިތް މަޑު ފުށްކޮޅެއް ފަދައިން ވިއެވެ. ހިތުގައިވާ ހުރިހާ ބުރަކަމެއް ފިލައިގެން ދިޔައެވެ. ހަމްދަރުދީ އިން އަހަރެންގެ ހިތް ފުރުނެވެ. އެއީ މީގެ ހަތް އަހަރު ކުރީގެ ހާދިސާ އެކެވެ. އަހަރެމެން ދެމީހުން ބައްދަލަވުމުގެ ވެސް މާ ކުރިއެވެ. އޭނާގެ އަޒުމަކީ ދުވަހަކު ވެސް މީހަކު ދެކެ ލޯބި ނުވުމެވެ. އެކަމަކު އެއީ އެއްވެސް މީހަކަށް ބާރު ފޯރުވޭ އިހުސާސެއް ނޫނެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި ހިތުގައި އުފެދޭ ޖަޒުބާތެކެވެ. އަހުޝަމަކީ ކައިވެންޏެއް ކޮށްގެން ދިރިއުޅެވޭނެ ފަދަ ކުޅަދާނަކަން ހުރި މީހެއް ނޫނެވެ. ފުރިހަމަ ފިރިހެނެއް ނޫނެވެ. ޖިސްމާނީ ގޮތުން އުނި މީހެކެވެ. އޭނާގެ އޮތީ ހަމައެކަނި ހިތެކެވެ. އަހަރެން ދެކެ ލޯބިވާނެ ސާފު ހިތެކެވެ. އަހަންނަށް ހަޤީޤަތް އެނގިއްޖެ ނަމަ ވާނެ ގޮތެއް އެނގޭތީ އޭނާ ބިރުގަތީ އެވެ. ސަބަބެއް ނުބުނެ އަހަންނާ ވަކިވީއެވެ.
ޖެހިގެން އައި ދުވަހު އަހަރެން އަހުޝަމާއި ބައްދަލުކުރީމެވެ.
"ކީއްވެ އެވަރުގެ ބޮޑު ވާހަކައެއް ނުބުނެ ސިއްރު ކުރީ؟" އަހަންނަށް ޝަކުވާ ކުރެވުނެވެ.
"ބުނި ނަމަވެސް، ނުބުނި ނަމަވެސް އަހަންނަށް ނީޒާ ގެއްލޭނެ. ނީޒާ އަހަރެން ދެކެ ލޯބިވާ ވަރު އަހަންނަށް އެނގޭ. އެހެންވެ އެކަން އަންގައިގެން ނީޒާ ހިތްދަތިކުރަން ބޭނުން ނުވީ" ބެލްކަނީގެ ރެއިލިންގައި ދެ އަތުން ހިފަހައްޓާލަމުން އަހުޝަމް ދެ ލޯ މަރާލިއެވެ.
"ތީ ކޮއްކޮގެ އަންހެނުންކަން އެނގުނު ވަގުތުން ފެށިގެން އަހަރެން އަޒުމް ކަނޑައެޅިން މުޅި އުމުރަށް މި ކަން ނީޒާ އަށް ސިއްރު ކުރަން. އެކަމަކު ނީޒާގެ ހިތް އަހަރެންގެ މައްޗަށް ހެޔޮ ނޫން ކަން އެނގޭތީ މި ވާހަކަ ނުބުނެ ހިތަށް ހަމަޖެހުމެއް ނުލިބުނީ. މި ކަން އެނގުމުން ނީޒާގެ ހިތް ކުރިން އޮތް ގޮތަށް ބަދަލު ވެއްޖެނަމަ އެއީ ޒައިން އަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަން އަބަދު ވެސް ހަނދާންކުރާތި!" އަހުޝަމް އަހަންނަށް އިންޒާރެއް ދިނެވެ.
މިހާރު ވެސް އެ ކަން އެ ގޮތަށްވެ ނިމިއްޖެއެވެ. އަހުޝަމަކީ އެމީހަކަށްޓަކައި އަހަރެންގެ ހިތުގައި ލޯބީގެ ވިންދު ޖެހި ފުރަތަމަ މީހާއެވެ. އަހަންނަށް ލޯބި ދަސްކޮށްދިން ފަރާތެވެ. ޒައިން އަށް ވުރެ ކުރިން އަހަރެންގެ ހިތުން ޖާގަ ހޯދި މީހަކީ އަހުޝަމެވެ. އަހުޝަމްގެ ކުށެއް ނެތް ކަން އެނގުމުން ހަމްދަރުދީ އާއި ލޯބި އެކުވެ، ކުރިން މި ހިތުން އޭނާ އަށް ދެވިފައިވާ މަޤާމު އަލުން ދެވިއްޖެއެވެ.
"ހިތުގެ އެންމެ ފުންމިނުން އަހަރެން މަޢާފުކޮށްފިން" އަހަރެން ވަރަށް ލޯބިން އަހުޝަމްގެ އަތުގައި ހިފާލީމެވެ.
"ނީޒާ! އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވާކަށް ނުވާނެ." ވޭނީ އާހަކާ އެކު އަހުޝަމް ބުންޏެވެ.
އަހަރެން އޭނާގެ އަތުން ދޫކޮށްލީމެވެ. އެއީ ތެދެކެވެ. އަހަންނަކީ މީހެއްގެ އަތްނބެކެވެ. އަހުޝަމްގެ ކޮއްކޮގެ ހައްޤެކެވެ. އަހުޝަމަކީ ބޭބެ އެއް ކަމުގައި ގަބޫލުކުރުން ނޫން އިތުރު ގޮތެއް އަހަންނަކަށް ނެތެވެ. މިންވަރަށް ޝުކުރު ކުރަން ވާނެއެވެ. ދިރިއުޅުމަށްޓަކައި ޒައިންގެ ލޯބި އަހަންނަށް ފުދެއެވެ. ލިބެން ނެތް އެއްޗެއް ހޯދަން މަސައްކަތް ކޮށް، ކަރުނަ އެޅުމަށް ވުރެ، ލިބިފައިވާ އެއްޗަކަށް ޝުކުރުކޮށް، އުފާކުރުން މާ ރަނގަޅު ވާނެއެވެ. (ނިމުނީ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން