ހަޔާތުގެ ބައިވެރިއެއް ހޯދުމަކީ ފުރާވަރަށް އެޅީއްސުރެ އަހަރެންގެ ހިތުގައި އޮތް ހަމައެކަނި އެދުމެވެ. ކައިވެނި ކޮށްގެން މައިންބަފައިންނާ ވަކިން، ފިރިމީހާއާ އެކު ދިރިއުޅުމަކީ އަހަރެން ދެކެމުން އައި ހަމައެކަނި ހުވަފެނެވެ. އެކަމަކު މީގެ އަހަރުތަކެއް ކުރިން އެ ހުވަފެންތަކާއި، އުއްމީދުތައް އަހަރެންގެ ދެ އަތުން ކަފުންކޮށް ވަޅުލައިފީމެވެ. ކައިވެނިކޮށްގެން ފިރިއަކާ އެކު ދިރިއުޅުމަކީ އަހަންނާ އަރާއަރަފޯދިގެންވާ ކަމެއް ނޫނެވެ. މަދަރުސާއަށް ގޮސް ކިޔެވުމަކީ ވެސް އަހަންނަށް އޮތް ފުރުސަތެއް ނޫނެވެ. އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު އެއީ އަހަރެން ދެކޭ ގޮތެއް ނޫނެވެ. އަހަރެންގެ މައިންބަފައިންނާ މުޖުތަމައު ދެކޭ ގޮތެވެ. މަންމަނަކަށް ވީތީ ދުނިޔެވީ ހުރިހާ އުފަލަކުން އަހަރެން މަހުރޫމުވިއެވެ.

އަހަރެންގެ އުމުރުން ހައެއްކަ އަހަރުވީއިރު ގޭތެރޭގެ މަސައްކަތްތަކުގައި މަންމައަށް އަތްގާތްކޮށްދޭން ޖެހިއްޖެއެވެ. އަހަންނަށް ވުރެ ހަގަށް ތިބި ކޮއްކޮމެން އުރުމާއި، އެ ކުދިން މަސަލަސްކުރުމުގެ ޒިންމާ ބޮލުގައި އެޅުނެވެ. އަހަންނާ އެއް އުމުރުގެ ކުދިން މަދަރުސާއަށް ދާއިރު އަހަރެން ހުންނަނީ ކޮއްކޮ ކިހިލި ޖަހައިގެން ދޮރޯށި ދޮށުގައެވެ. އަހަރެން ވެސް މަދަރުސާއަށް ދާން ބޭނުންވާ ވާހަކަ މަންމަ ކައިރީގައި ތަކުރާރުކޮށް ބުނީމެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް މަންމަ ބުނަނީ އަހަންނަކީ ނުކުޅެދޭ ކުއްޖެއް ކަމުގައެވެ. ނުކުޅެދޭ ކުދިންނަށް ކިޔެވުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަހަންނަށް ކުރެވޭނެހާ ވެސް ކަމަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމެވެ. ބޮޑުވަމުން އައި އިރު އަހަންނަށް އިހުސާސް ކުރެވުނީ އަހަންނަކީ ގޭތެރޭގެ މަސައްކަތްތައް ކުރަން ހުންނަ މެޝިނެއް ކަމުގައެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އިތުރު ޒިންމާތަކެއް އަހަރެންގެ ކޮނޑުގައި އެޅޭ ދުވަހެކެވެ. ގޭތެރެ ކުނިކަހާ ސާފުކުރުމާއި، ތެލިތަށި ދޮވުމާއި، ގޭ އެންމެންގެ އެއްޗެހި ދޮވުމުން ފެށިގެން ގޮސް، ބޮޑު އާއިލާއެއް ދިރިއުޅޭ ގެއެއްގައި ކުރަން ހުންނާނެ ހުރިހާ މަސައްކަތެކެވެ. މަންމައަކީ އަހަރު ދެކޮޅު ވިހާ މީހަކަށް ވާތީ މަންމަގެ ވިހޭގޭތެރެ ބެލެހެއްޓުމަކީ ވެސް އަހަރެންގެ ބޮލުގައި އެޅިފައި އޮންނަ މަސްއޫލިއްޔަތެކެވެ.  

އެމީހުންގެ ނަޒަރުގައި އަހަރެން ވަރުބައްޔެއް ނުވާނެއެވެ. އަރާމު ބޭނުމެއް ނުވާނެއެވެ. މި ހިތަކަށް އަސަރެއް ނުކުރާނެއެވެ. މަންމަނުންނަކަށް އެއްވެސް އިހުސާސެއް ނުކުރެވޭނެއެވެ. އެއްވެސް ހިއްސެއް ނުހުންނާނެއެވެ. 

އަހަރެންގެ ހާލާމެދު ހަމްދަރުދީވާ ހަމައެކަނި މީހަކީ ޖެހިގެން ހުރި ގޭ މޫނިސާ އެވެ. މޫނިސާ އަކީ އަހަރެންގެ މަންމައާ އެއް އުމުރުގެ މީހެކެވެ. އަހަންނާ ދާދި އެއް އުމުރުގެ ދެ އަންހެން ދަރިންގެ މަންމަ އެކެވެ. އަހަރެންގެ ދެ ލޮލުން ފެންނަ އަސަރުތަކާއި، ހިތުގައި ހުރި ޝަކުވާތައް އޭނާ އަށް އިހުސާސް ކުރެވެނީ އެހެންވެ ކަމަށް ވެދާނެއެވެ. އޭނާ އަބަދުވެސް ހުންނަނީ އަހަންނަށް އެހީވުމަށް ތައްޔާރަށެވެ. ކަމަކަށް ބޭނުންވިޔަސް، ނުވަތަ އެއްޗަކަށް ބޭނުންވިޔަސް ޖެހިލުމެއްނެތި ބުނުމުގެ ހުއްދަ އަހަންނަށް އޮންނަނީ ދީފައެވެ. އެކަމަކު އަހަރެން އެއްވެސް އެއްޗަކަށް ނޭދެމެވެ. ކަމަކު ނުކިޔަމެވެ. މޫނިސާ ހެޔޮހިތުން ދިން އެއްޗެއްގައި ނޫނީ އަތެއް ނުލަމެވެ.

ފިރިފުރާވަރަށް އެޅުމާއެކު، އަހަރެން ކައިވެނިކުރަން ބޭނުންވާ ވާހަކަ އެންމެ ފުރަތަމަ ބުނީ މޫނިސާ ކައިރީގައެވެ. އޭނާ ވަރަށް އުފާވިއެވެ. އަހަރެން އެކަހަލަ ޚިޔާލެއް ކުރީތީ އަހަންނަށް ތަޢުރީފުކުރިއެވެ.

"އަވަހަށް އުޅޭ މީހަކު ހޯދަން" ވަރަށް ގަޔާވެފައި މޫނިސާ ބުންޏެވެ.

"އަހަރެން މީހަކު ހޯދައިފިން. ފާތުމާފުޅު ގޭ މުހައްމަދު" އަހަރެންގެ ހިތުގައި އޮތީ ކާކު ކަން އިޝާރާތުގެ ބަހުން ބުނެދިނީމެވެ. "އޭނަ އަހަންނާ އިނދެފާނެބާ؟"

"އަހަރެން ހަމަ މިއަދު ތި ކަމާ އުޅެދޭނަން" މޫނިސާ އަހަރެންގެ ކޮނޑުމަތީގައި ފިރުމާލަމުން ބުންޏެވެ.

މުހައްމަދަކީ އުތުރު އަވަށު ކުއްޖެކެވެ. އަހަންނަށް ވުރެ ހައެއްކަ އަހަރު ދޮށީ ނުވާނެ ކަމެއް ވެސް ނޭނގެއެވެ. އެހެންވިޔަސް އަހަރެންގެ މައްސަލައެއް ނެތެވެ. މަގުމަތިން ފެނުމުން އޭނާ އަހަންނަށް ހަދިޔާކުރާ ހިނިތުންވުން އަހަންނަށް ފުދެއެވެ. އެ ހިނިތުންވުން އަހަންނަށް އުއްމީދުތަކެއް ދިނެވެ. ކަންވީ ވެސް އެހެންނެވެ. މުހައްމަދު ހުރީ އަހަންނާ އިންނަން ތައްޔާރަށެވެ. މުހައްމަދަކީ ވަރަށް ބޮޑު އެކަނިވެރިއެކެވެ. އެއްބަނޑުއެއްބަފާގައި އިތުރު މީހަކު ނެތެވެ. މުސްކުޅިވެ، ގައިބާރުދެރަވެފައިވާ ބަލި މަންމަ ބެލެހެއްޓުމުގައި ވެސް އެހީވެދޭނެ އަންހެނަކު ނެތެވެ. އެހެންކަމާ އެކު މުހައްމަދު ވެސް ބޭނުންވީ ކައިވެނި އަވަސްކުރާށެވެ. 

މީހަކާ އިނުމުގެ ފިކުރު އަހަރެން ކުރާކަން ގޭ މީހުންނަށް އެނގުނީ ވަލީ ހޯދަން ހެކިވެރިން އައުމުންނެވެ. އެރޭ ހީވީ ގޭތެރޭގައި ބޮމެއް ގޮވިހެންނެވެ. ބައްޕަ ހަޅޭއްފަޅޭއްލަވައި، ހެކިވެރިންގެ ގަޔަށް އަތްލައި، މާރާމާރީ ހިންގިއެވެ. މަންމަ އައިސް އަހަރެންގެ މޫނުމަތީގައި ޖެހި އެތިފަހަރާއެކު ނޭފަތުން ލޭ ގެ ކޯރެއް ދެމިގެންދިޔައެވެ.

"ކަލޭ މޮޔަވީތަ؟ މީހަކާ އިންނަން އުޅޭއިރު ކަލެއަށް ކަލޭގެ އުނި ކަމެއް ނުވިސްނޭތަ؟" ހަޅޭއްލަވައިގަންނަމުން މަންމަ ހަނދާންކޮށްދިނީ އަހަރެންގެ ނުކުޅެދުންތެރިކަމެވެ. އެއީ އަބަދުގެ ވެސް އާދައެވެ. އަހަންނަކީ 'އުނި' މީހެކެވެ. ދެން ތިބޭނީ ހުރިހާ ކަމެއް ފުރިހަމަ މީހުންނެވެ. ދެ އިރު ކާ ބޭހެއްހެން އަހަންނަށް އެކަން ހަނދާންކޮށްދިނުމަކީ އެ މީހުންގެ މައްޗަށް 'ވާޖިބެކެވެ'. 

އާއިލާގެ ނުގަބޫލުގައި ވެސް އަހަރެން ހުރީ މުހައްމަދާ އިންނަން ތައްޔާރަށެވެ. އެކަމަކު އެ ފަދަ ހިތްވަރެއް މުހައްމަދުގެ ނެތެވެ. އޭނާ ހަތިޔާރު ބެހެއްޓިއެވެ. ދުވަސްކޮޅެއް ފަހުން އެހެން މީހަކާ އިނެވެ. އަހަންނަށް ޖެހުނީ ކަރުނަތައް ހިފަހައްޓައިގެން ހުންނާށެވެ. 

އަހަންނާ އެއް އުމުރުގެ ކުދިންތައް މަދަރުސާ ނިންމުމަށްފަހު ކައިވެނިކޮށް، ދަރިން ހޯދިއިރު ވެސް އަހަރެން ހުރީ ހުސްހަށިބަޔަށެވެ. އަހަންނާ ރައްޓެހިވެ، އިންނަން އަހާނެ މީހަކު ނުވިއެވެ. މަންމަނަކަށް ވީތީއެވެ. ނުކިޔަވާ ހުރީތީއެވެ. އަހަރެންގެ ކައިވެނި ކުރުވަން މައިންބަފައިން ބޭނުން ނުވާކަން އެނގޭތީ އެވެ. 

އަހަރެން އުއްމީދުކުރީމެވެ. ދުޢާ ކުރީމެވެ. އަޅުވެތިކަމުގެ ހާލިން މިންޖުވެ، މިނިވަން ވެވޭނެ ދުވަހަކަށް އިންތިޒާރުކުރީމެވެ. މޫދުގައިވާ ކޮންމެ މަހަކަށް ގަލެއް ވާނޭ ބުނާ ފަދައިން، އަހަންނާ އިންނާނެ ކޮންމެ ވެސް މީހަކު ހުންނާނެކަން ޔަޤީންކުރީމެވެ. 

ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ ބުނޭ ނޫން ހެއްޔެވެ؟ ދުވަސްތަކަކަށްފަހު އަހަރެންގެ ހަޔާތަށް ޒުވާނަކު އައެވެ. ހުވަފެނުން ވެސް ނުދެކޭހާ ރީތި ޒުވާނެކެވެ. ބީރައްޓެސެކެވެ. އޭނާގެ ނަމަކީ މުހުސިނެވެ. މުހުސިނަކީ ކަތީބުގޭ މަސްދޯނި ބަނުމުގެ މަސައްކަތަށް އައިސް އުޅުނު އަތްދަށުވަޑިއެކެވެ. 

އަހަރެން ޤަބޫލުކުރީ މުހުސިނަކީ ހަމަ ހަޤީޤަތުގައި ވެސް އިހުސާންތެރިއެއް ކަމުގައެވެ. އަހަރެންގެ ނުކުޅެދުންތެރިކަމާ މެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އޭނާގެ ލޯބިން އަހަރެންގެ ހިތް ފުރާލައިދިނީ އެއްވެސް ޝަރުތެއް ނެތިއެވެ. ހީވާކަހަލައެވެ. އޭނާގެ ވާޖިބަކީ އަހަރެން ހިތްހަމަޖައްސައިދިނުމެވެ. މަރުވަމުން ދިޔަ އަހަރެންގެ ހިތަށް ދިރުން ގެނެސްދިނުމެވެ. ވަރަށް ފުރިހަމައަށް އޭނާ އެކަން ކުރިއެވެ. އޭނާގެ މޫނު ފެނިލިޔަސް އަހަރެންގެ ހިތުގައި ހުންނަ ހުރިހާ ޝަކުވާއެއް ފިލާދެއެވެ. ދިރިއުޅުމުގެ މައްސަލަތައް ހަނދާންނެތެވެ.  

މުހުސިން އަހަރެންގެ ރަށުގައި ހުރި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. އޭނާ މަސައްކަތްކުރާ ހަރުގެ ހުންނަނީ އަހަރެންގެ ގެއާ ދިމާ އަތިރިމަތީގައެވެ. ކޮންމެ ރެއަކު އިރާކޮޅު އަހަރެމެން އެ ހަރުގެއިން ބައްދަލުކުރަމެވެ. 

"ގޭ މީހުންނަށް ފިލައިގެން އަންނަން ޖެހޭތީ ލަސްވީ" އެއްބަސްވެވިފައިވާ ގަޑިއަށްވުރެ ލަހުން އާދެވުމުން އަހަރެން މަޢާފަށް އެދުނީމެވެ. ދެ އަތްތިލަ ޖޯޑުކޮށްލަމުން ދަތްދޮޅީގައި ޖައްސާލީމެވެ.

"އެ މީހުން ވަރަށް ރުޅި އަންނާނެ ދޯ!" މުހުސިން ހިނިތުންވެލަމުން އަހަރެންގެ އަތުގައި ހިފާލިއެވެ.

އަހަރެން ބޯ ޖަހާލަމުން މުހުސިން ކައިރީގައި އިށީނީމެވެ. މުހައްމަދާ އިންނަން އުޅުމުން ކަން ހިނގި ގޮތް ކިޔައިދިނީމެވެ. 

"މަންމަނުންނަކަށް ނުކިޔެވޭނެ. ކައިވެންޏެއް ނުކުރެވޭނެ. އަމިއްލަ ދިރިއުޅުމެއް ނުލިބޭނެ. އަހަންނަށް އޮތީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އުމުރު ހުސްކޮށްލުން!" އަހަރެންގެ ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލެވުނެވެ. 

"ހުރިހާ ކަމެއް ފުރިހަމަ މީހަކު ކޮބާ؟ ކޮންމެ މީހަކީ ވެސް އެމީހެއްގެ ޒާތުގައި އުނި މީހެއް!" މުހުސިން ވަރަށް ޝައުޤުވެރިކަމާ އެކު އަހަރެންގެ މޫނަށް ބަލައިލިއެވެ. "އާސިމާ އަށް އެނގޭތަ އާސިމާ އަކީ ކިހާ ރީތި ކުއްޖެއްކަން؟" އާދައިގެ މަތިން މުހުސިން އަހަރެންގެ ސިފައަށް ތައުރީފުކުރިއެވެ.

"ރީތިވުމަކުން އަހަންނަށް ލިބުނު މޮޅެއް ނެތް. އެއްވެސް މީހަކު ބޭނުމެއް ނުވާނެ މަންމަނަކާ ދިރިއުޅުން ހިއްސާކުރާކަށް" އަހަރެންގެ ދެ ލޯ ފެންކަޅިވީ ބޭއިޚުތިޔާރުގައެވެ.

"އަހަރެން ބޭނުން" އަހަރެންގެ އަތްތިލަ މުހުސިންގެ މޭގައި ޖައްސާ ބާރުކޮށްލިއެވެ.

"މުހުސިނާ އެކު އަހަރެން ގެންދޭ!" އަހަރެން އާދޭސްކުރީމެވެ.

"އަހަރެން އާސިމާ ގެންދާނަން. ކައިވެނި ވެސް ކުރާނަން. އެކަމަކު މިހާރަކު ނޫން. އާސިމާ ޖެހޭނެ ދުވަސްކޮޅަކު އަހަންނަށް އިންތިޒާރުކޮށްލަން"

"އެއީ ކީއްވެ؟ ކިހާ ދުވަހަކު؟" އެންމެ ދުވަހަކަށް އިންތިޒާރުކުރުމަކީ ވެސް އަހަންނަށް ފަސޭހަކަމެއް ނޫނެވެ.

"ކައިވެނި ކުރެވޭނީ ދިރިއުޅެވޭނޭ ގޮތެއް ހޯދައިގެން. އުޅޭނެ ތަނެއް ވެސް ހުރެގެން" މުހުސިން ބުންޏެވެ.

"މުހުސިން އުޅޭތާކު، އުޅޭ ގޮތަކަށް އަހަންނަށް އުޅެވޭނެ. އަހަރެން ޝަކުވާއެއް ނުކުރާނަން" ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަރެން ހުރީ މުހުސިނާ އެކު ދާން ބޭނުންވެފައެވެ.

"މި މަސައްކަތުގެ ގޮތުން އަހަންނަށް އަބަދު އޮންނަނީ ފުރަންޖެހިފައި. ރަށުގައި ހުރެވެނީ ވަރަށް މަދު ފަހަރަކު. އާސިމާ ގެންގޮސް އަހަރެންގެ ރަށުގައި އެކަނި ބަހައްޓާފައި، އަބަދު ރަށުން ބޭރުގައި އުޅޭކަށް އަހަންނަކަށް ނުކެރޭނެ! އަހަންނަށް ދީ ކުޑަ ދުވަސްކޮޅެއް!" ވަރަށް އާދޭހާ އެކު މުހުސިން އެދުނެވެ. 

އަހަރެން ބޯޖަހާލީ އެ ނޫން އެހެން ގޮތެއް ނެތިގެންނެވެ. 

އަހަންނާ މުހުސިންގެ ސިއްރު ގުޅުމުގެ ޚަބަރު ކޮންމެ ވެސް ގޮތަކުން މަންމަމެންނަށް ލިބުނެވެ. މަންމަ އަހަންނަށް އަނިޔާކުރިއެވެ. އެއްޗެހި ކިއެވެ. 

"ކަލެއަށް ކޯންޗެއް މަދުވެގެންތަ މީހަކާ ނީނދެވިގެން ތި އުޅެނީ؟" މަންމަ އަހަރެންގެ އިސްތަށިގަނޑުގައި ހިފައި، ފާރާދިމާއަށް ކޮއްޕާލިއެވެ. "އެއީ ރަށަށް އަރައި ހުރި ބީރައްޓެއްސެއް! ކަލެއަށް ހުވަފެން ދައްކާފަ، މާދަމާ ނޫން ކަންނޭނގެ ފުރައިގެން ދާނީ"

"އެއީ ވަރަށް ރަނގަޅު މީހެއް! އޭނަ އަހަންނާ އިންނާނެ!" ވަރަށް ހިތްވަރުކޮށްފައި އަހަރެން ބުނީމެވެ. "މަންމަމެން ގަބޫލުނަމަ އޭނަ މިރަށުން ދާނީ އަހަންނާ އިނދެފަ" މަންމަގެ ޚިޔާލު ބަދަލުވޭތޯ އަހަރެން ދޮގެއް ހެދީމެވެ.

"އެއީ ހުރިހާ ހިއްސެއް ސަލާމަތުން ހުރި މީހެއް!  ކަލެއަކީ މަންމަނެއް! އޭނާގެ މަޤުސަދަކަށް ވާނީ ކަލޭ ލައްވާ ގުލާނުކުރުވުން. އަހަރެމެންނަށް ނުފެންނަ ހިސާބަށް، ބީރައްޓެހި ރަށަކަށް ގެންގޮސް  އޭނަ ކަލެއަށް ކޮންމެ ގޮތެއް ހެދިޔަސް އަހަރެމެންނަށް ކިހިނެއް އެނގޭނީ؟" އެއީ އަހަންނަށް ދިން ނަސޭހަތެއް ނަމަވެސް، މަންމަގެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. 

"އޭނަ އަހަންނަށް ދެރަގޮތެއް ނުހަދާނެ!" ތަކުރާރުކޮށް އަހަރެން ބުނީމެވެ.

"އަހަންނަށް ހީވަނީ ކަލޭ ހަމައެކަނި މަންމަނީކީ ވެސް ނޫންހެން. ސިކުނޑީގަ ވެސް އުނިކަމެއް ހުރީހެން" ކުރިއަށް ވުރެ ބާރަށް މަންމަ އަހަންނާ ދިމާއަށް ހަޅޭއްލަވައިގަތެވެ. "ކަލެއަށް ފެނިގެން ތި އުޅެނީ އަވާމެންދުރެއް! އަހަރެމެން މިވާލޯބި ކަލޭ ދެކެ ވާނެ އިތުރު މީހަކު ނުހުންނާނެ."  

މަންމަ އެއްޗެހި ކިޔާއަޑަށް ކޮއްކޮމެން އައިސް އަހަންނާ ދިމާއަށް ރަކިހިނި ހުނެވެ. އެ ކުދިން ތިބީ ތަންދޮރުފިލާވަރު ވެފައެވެ. ފެށުނީއްސުރެ މަންމަމެން އަހަންނާ ދޭތެރޭގައި ހިތާ އިހާނެތި ގޮތްތައް ފެނި އެކަމަށް އާދަވެފައެވެ. އަހަންނަކީ އެއްބަނޑުއެއްބަފާ ދައްތަ ކަން އެ ކުދިންނަކަށް ނުވިސްނެއެވެ. އެ ކުދިންގެ ނަޒަރުގައި އަހަންނަކީ ގޭގައި ގެންގުޅޭ މަންމަނު ނޯކަރެކެވެ. 

މުހުސިން އަހަންނާ ވަކިވެގެން ދިޔައީ ވަރަށް އަވަހަށް އެނބުރި އަންނަން ވަޢުދުވެފައެވެ. މުހިއްމު ކަމެއް ދިމާވެއްޖެނަމަ އަންގާށޭ ބުނެފައި އަހަންނަށް ކަރުދާސްކޮޅެއް ދިނެވެ. އޭގައި އޮތީ ފޯނު ނަމްބަރެކެވެ. އެ ކަރުދާސްކޮޅު ފިޔަވައި މުހުސިންގެ ހަނދާނަކަށް ރައްކާކުރާނެ އިތުރު މާއްދީ އެއްޗެއް އަހަރެން އަތަކުނެތެވެ. ދެން ހުރީ ހިތުގައި ރައްކާކުރެވިފައިވާ ފޮނި ހަނދާންތަކެވެ. ހިތަށްއެރިއެވެ. މުހުސިންގެ ޚަބަރެއް ނުވެ މާ ގިނަ ދުވަސްވާނަމަ، މަޑުމަޑުން އަހަރެންގެ ހިތުން އެ ހަނދާންތައް ފޮހެވިދާނެއެވެ. އެކަމަކު ކަންހިނގީ މުޅިން އެހެން ގޮތަކަށެވެ. ތަޤުދީރުގައި ލިޔެވިފައި އޮތީ އެހެން ވާހަކައެކެވެ. އަހަރެންގެ ހަށީގައި ނޭވާހިނގާހާ ހިނދަކު މުހުސިންގެ ހަނދާންތަކުން އަހަންނަކަށް ވަތްކެއް ނުވެވޭނެއެވެ. އަހަރެންގެ ހަށިގަނޑުގައި އެހެން ހިތެއް ވިންދުޖަހާކަން އެނގުނު ވަގުތު، އަހަރެންގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އަހަންނަށްޓަކައި މުޅި ދުނިޔެ ކުޑަވެ، ހާސްވިއެވެ. ގައިން ބާރުދޫވިއެވެ.

އަހަރެންގެ ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދުނެވެ. ދެން ހަދަންވީ ގޮތެއް، ކުރަންވީ ކަމެއް ނޭނގިފައި ދެތިން ދުވަހު ހުރެވުނެވެ. އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް މަރުވުމެވެ. އޭރުން ދުނިޔޭގެ ލަދުން ސަލާމަތްވެވޭނެ އެވެ. އާއިލާ މީހުންގެ ބަދުބަސްތަކާއި ނަފުރަތުން މިންޖުވެވޭނެއެވެ. ފެށުނީއްސުރެ އަހަންނަކީ މީހުންގެ މަލާމާތާއި، ފުރައްސާރައިގެ ޝިކާރައެކެވެ. އަހަންނަށް ހަމްދަރުދީވާނެ މީހަކު ނެތް ދުނިޔެއެއްގައި ހުރުމުގެ ބޭނުމެއް ނެތެވެ. އަމިއްލަ ނަފުސު ބެލެހެއްޓޭނެ ގޮތެއް ނެތް މީހަކު ދަރިއެއްގެ ޒިންމާނަގާނީ ކިހިނެއް ހެއްޔެވެ؟ 

އެހެނަސް ފަހުން އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. އަމިއްލައަށް މަރުވެއްޖެނަމަ، ފާފައިގެ މައްޗަށް ފާފަކޮށް، އަހަރެން ނިމިދާނީ ފާފަވެރިއެއްގެ ގޮތުގައެވެ. އެކަމަކު ދުނިޔޭގައި ހުރުން އިޚުތިޔާރުކޮށްފިނަމަ ތަޢުބާވުމުގެ ފުރުޞަތު އަހަންނަށް ލިބޭނެއެވެ. އަނެއްކޮޅުން އަހަރެންގެ ބަނޑުގައި އޮތީ އަހަރެން މުހުސިން ދެކެ ވީ ލޯބީގެ ނިޝާނެވެ. މި ދަރިފުޅަކީ އަހަންނަށް ލެއްވި ރަހުމަތެކޭ ހީވުމުން، މަޑުމަޑުން އަހަރެންގެ ހިތް ހަމަޖެހުނެވެ.  

އަހަރެން ބަލިވެއިން ވާހަކަ ފުރަތަމަ ބުނީ މޫނިސާ ކައިރީގައެވެ.

"ޔާރައްބީ!" މޫނިސާގެ ދެ ލޯ ބޮޑުވިއެވެ. އަނގަމަތީގައި އަތްއެޅިއެވެ. "މުހުސިނަށްތަ؟" 

އަހަރެން ބޯ ޖަހާލަމުން، އެކަން ސިއްރުކޮށްދޭން އެދުނީމެވެ. އަދި މުހުސިން ދިން ކަރުދާސްކޮޅު މޫނިސާގެ އަތަށް ލައިދިނީމެވެ. (ނުނިމޭ)

 

ނޯޓު: މި ވާހަކައިގައި ހިމަނާފައިވާ ޑައިލޮގުތަކަކީ އިޝާރާތުގެ ބަހުން ދެކެވިފައި ހުރި ވާހަކަތަކެކެވެ.