(ހޯމަ ދުވަހާ ގުޅޭ)
އަހަރެން ބޯ ޖަހާލަމުން، އެކަން ސިއްރުކޮށްދޭން އެދުނީމެވެ. އަދި މުހުސިން ދިން ކަރުދާސްކޮޅު މޫނިސާގެ އަތަށް ލައިދިނީމެވެ.
"މީ އެ ރަށު ބޫތު ނަމްބަރު ދޯ!" ކަރުދާސްކޮޅަށް ބަލައިލަމުން މޫނިސާ ބުންޏެވެ. "އަވަހަށް ހިނގާ ފޯނުކުރަން"
މޫނިސާގެ އަތުގައި އޮތް ފޯނު ކާޑެއް ހިފައިގެން ރަށު ފޯނުބޫތައް ގޮސް އެ ނަމްބަރަށް ގުޅީމެވެ. ވާހަކަ ދެއްކީ މޫނިސާ އެވެ. ކެތްތެރިކަން ކުޑަވެފައި އަހަންނަށް ހުރެވުނީ ވާނުވާ ބަލާށެވެ. މުހުސިންގެ ޚަބަރު އެނގުނީ ތިންހަތަރު ފަހަރު ގުޅައިގެންނެވެ. މުހުސިން ވީ ވަޑާމުގެ މަސައްކަތުގައި ރަށުންބޭރުގައެވެ.
"ދެން ކިހިނެއް ހަދާނީ؟" ކަންބޮޑުވެފައި މޫނިސާ އެހިއެވެ.
ދޭނެ ޖަވާބެއް ނޭނގި އަހަންނަށް އިސްޖެހުނެވެ.
"ތީ މާ ގިނަ ދުވަހު ސިއްރުކުރެވޭނެ ކަމެއް ނޫން. ގޭ މީހުންނަށް އެނގުނީމަ ވަރަށް ރުޅިއަންނާނެ. ރަށު މީހުން ވެސް ވަރަށް މަލާމާތްކުރާނެ" މޫނިސާ އުޅުނީ އަހަންނަށް ވިސްނައިދޭށެވެ. އެކަމަކު އަހަންނަށް ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ. އަހަންނަށް ދަތްކުނޑިވިކުނެވެ. ދެ ތުންފަތް ތުރުތުރުއަޅައިގަތެވެ.
"މިހާރު ވެސް ރަށު މީހުން އަހަންނަށް ކުރާ މަލާމާތް މަދުތަ؟ މަންމަމެން އަހަރެން ދެކެ އަންނަ ރުޅި ކުޑަތަ؟" އަހަރެން ހަރަކާތުން ވާހަކަދެއްކީމެވެ. "އަހަންނަށް މިކަން ބަރުދާސްތުކުރެވޭނެ. އަހަރެންގެ ކިބައިގައި ހުރި ހިތްވަރު އެހެން މީހަކަށް ނޭނގޭނެ!"
މޫނިސާ ބުނީ ތެދެކެވެ. ބަލިވެއިނުމަކީ ސިއްރުކުރެވޭނެ ކަމެއް ނޫނެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކާ އެކު އަހަރެންގެ ހަށިގަނޑާއި، ޠަބީޢަތަށް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. އެއްވެސް ކަމެއް ސިއްރުކުރާކަށް އަހަރެން މަސައްކަތެއް ނުކުރެމެވެ. ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ދެކިގެން ހިމޭނުން ހުރީއެވެ.
ހެނދުނު ރޮށިފިހަން ހުންނަ ގަޑީގައި އޯކަށްދެމުން އާންމު ކަމަކަށްވިއެވެ. އެންމެ ފުރަތަމަ މަންމަ ބެލީ ޝައްކުގެ ނަޒަރުންނެވެ. އަހަންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. އަހަންނަށް މި ލަނޑު ލިބޭނެކަން އެމީހުންނަށް މާ ކުރިން ވެސް އެނގޭ ކަހަލައެވެ. އަހަރެން ބަލިވެއިންކަން އެންމެންނަށް އެނގުނެވެ. މުޅި ރަށަށް ޚަބަރު ފެތުރުނެވެ. އަހަރެން އަމިއްލައަށް ގޭގައި ބަންދުވީމެވެ. ކުރިން ވެސް އަހަންނަކީ މާ ގިނައިން ބޭރަށް ނުކުމެއުޅޭ މީހެއް ނޫން ކަމުން، އެކަން މާ އުނދަގޫ ކަމަކަށް ނުވިއެވެ. ރައްޓެހިންނާއި ގެއަށް އާންމުކޮށް ވަދެއުޅޭ އަވައްޓެރިންނާ ވާހަކަދެއްކުން މުޅިން ހުއްޓާލީމެވެ. މީހުން ކުރާ ފުރައްސާރައިގެ އަޑު އަހައި، އެ އަށް ރައްދުދިނުމެއް ނެތެވެ. ކުށްވެރިއަކީ އަހަންނެވެ.
މާބަނޑުވުމުން އުފުލަން ޖެހޭ ވޭންތަކާއި، ތުރާތަކަކީ އަހަންނަށް މީގެކުރިން ހިތަށް ވެސް ގެނެވިފައިވާ ކަންކަމެއް ނޫނެވެ. ހިތްދަތި، އުނދަގޫ ނުވަ މަސްދުވަސް ފަހުން އަހަންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެންމެ ފުރަތަމަ އެ ތުއްތު ދަރިފުޅުގެ މޫނު ފެނުނު ވަގުތު ވެސް އަހަންނަށް ސިފަވީ މުހުސިނެވެ. ދަރިފުޅު ބޮޑުވަމުން އައި ވަރަކަށް މުހުސިންގެ ސިފަތައް ފާޅުވަމުން ދިޔައީ ޚުދު އަހަރެން ވެސް ހައިރާންވާ މިންވަރަށެވެ. މުހުސިން ދަންނަ ކޮންމެ މީހަކަށް ވެސް އެއީ އޭނާގެ ލޭ ކަން އެނގެއެވެ.
"މި ދަރިފުޅުގެ ބައްޕައާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް!" ދަރިފުޅު އުރާލާ، ލޯބިކޮށްލަމުން މޫނިސާ ބުންޏެވެ. "އަހަންނަށް ފެންނަނީ މުހުސިނަށް އަންގަން. މިހާ ލޯބި ކުއްޖަކު ލިބުނުކަން އެނގޭއިރަށް އޭނަ ދުވެފަ އަންނާނެ!"
"އޭނަ އަށް ޚަބަރު ދޭނެ ކިތަންމެ ބަޔަކު ތިބޭނެ! އަހަރެމެން ދެ މައިން ދެކެ ލޯބިވާނަމަ އަންނާނެ. އަހަރެމެން ގެންދާނެ!" އަހަންނަށް ޝަކުވާކުރެވުނެވެ.
"އާސިމާ ބުނީމެއްނު މީހަކާ އިނުމުގެ ޚިޔާލު ދޫކޮށްލައިފީމޭ! އެހެންވެ އަހަރެން މި ހުންނަނީ ދެން އެ ވާހަކަ ނުދައްކަން. އެހެން ނޫން ނަމަ އަހަރެން އާދޭސްކޮށްގެން ވެސް މުހުސިން ގެންނާނަން"
"ތީ ތެދެއް! އަހަރެން ބަލިވެއިންފަހުން މަންމަމެން ކިހާ ހެޔޮ. އެ މީހުންގެ އެހީ ނުލިބުނު ނަމަ އަހަރެން އުޅޭނީ ކޮން ހާލެއްގައި؟" ކިތަންމެ ހިތްވަރުކޮށްގެން ހުރި ނަމަވެސް އަހަރެންގެ ދެ ލޯ ފެންކަޅިވިއެވެ. "މަންމަމެންގެ ޝަރުތަކީ އަހަރެން މީހަކާ އިނުމުގެ ޚިޔާލުދޫކޮށްލުން. މީގެ ފަހުން އެއްވެސް ފިރިހެނަކާ އެއްވެސް ގުޅުމެއް ނުބޭއްވުން"
"ތީ އަޖައިބެއް! މީހަކާ އިނުމަކީ ކޮންމެ މީހަކަށް ވެސް އޮންނާނެ ހައްޤެއް!" މޫނިސާ ހިތްހަމަނުޖެހިފައި ބުންޏެވެ.
"ހަމަ ހަޤީޤަތުގައި ވެސް އަހަންނަކީ ނުކުޅެދޭ މީހެއް! އަހަންނަށް މި ލަނޑު މި ލިބުނީ ވެސް މަންމަމެންގެ ބަސްނޭހުމުން" އަހަންނަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.
އަހަރެންގެ ވިސްނުން ބަދަލުވީ ބަލިވެއިނީއްސުރެ، ވިހާގަދަވަންދެން ހޭދަވި އަހަރެއްހާ ދުވަސްތެރޭގައެވެ. ކައިވެނި ކުރުމުގެ ޚިޔާލާއި، މައިންބަފައިންނާ ވަކިން ދިރިއުޅުމެއް ފެށުމުގެ ޚިޔާލު ދޫކޮށްލީމެވެ. އަހަންނަށް އެމީހުންނާ ވަކިން ދިރިއެއް ނޫޅެވޭނެއެވެ. އަހަރެންގެ އަބުރުގައި ޖެހުނު ކުލަގަދަ ލައްގަނޑާއެކު ވެސް އެމީހުން އަހަރެން ދޫކޮށެއްނުލިއެވެ. ހާލުގައިޖެހޭ ދުވަހު އަހަރެން ކަހަލަ 'މަންމަނަކަށް' އެހީވާނެ ހިލޭ މީހަކު ނުހުންނާނެއެވެ. ފޮތެއްގައި ލިޔެފައިވާ ފިލާވަޅެއް ކިޔައިދޭހެން، ކޮންމެ ދުވަހަކު މަންމަ އަހަންނަށް އެ ވާހަކަތައް ކިޔައިދިނެވެ. ހަނދާންކޮށްދިނެވެ. އިންޒާރެއް ފަދައިންނެވެ.
އަހަރެންގެ ދަރިފުޅު އާސިމް ބޮޑުވަމުން އައި އިރު އަހަރެންގެ ހިތް ވަނީ ޝައްކާއި ވަހުމުން ފުރިފައެވެ. އާސިމް އަހަންނަށް މަންމަގެ މަޤާމު ދޭނެބާއޭ ހިތަށްއަރާ ކޮންމެ ފަހަރަކު ދެފައި ތުރުތުރު އަޅައިގަނެއެވެ. އަހަންނަކީ ނުކުޅެދޭ މީހެއް ކަން އާސިމަށް ވިސްނެން ފެށުމުން އޭނާ ކަންކުރާނެ ގޮތަކާމެދު އަހަރެން އަބަދުމެ ހުންނަނީ ބިރުގެންފައެވެ. އާސިމަކީ އަހަރެން ކުރި ފާފައިގެ ނިޝާން ކަން އެނގޭ ދުވަހު ވާނެ ގޮތަކާމެދު ފިކުރުބޮޑުވެފައެވެ.
އާސިމްގެ އުމުރުން ފަސް އަހަރު ވީއިރު އަހަރެމެންގެ ގެއެކޭ ހާއްޔެކޭ އެއްގޮތެކެވެ. އަހަރެންގެ ހަގަށް ތިބި ކޮއްކޮމެންނަށް ވެސް ދަރިން ލިބި، އެންމެން އެއްފުރާޅެއްގެ ދަށުގައި އުޅެން ޖެހުމުން ކުރިމަތިވި މައްސަލަތައް ގިނަގުނައެވެ. ކޮންމެ މައްސަލައެއް ވެސް ނިމެނީ އަހަރެން ކުށްވެރިވެގެންނެވެ. އަހަންނަށް މަސައްކަތްކުރެވޭ ވަރު މަދުވެގެންނެވެ. އަހަންނަށް އެއްވެސް އާމްދަނީއެއް ނުލިބޭތީއެވެ. ބައްޕަގެ ފައިސާއިން އާސިމަށް ޚަރަދުކުރާތީ އެވެ. އާސިމަށް އެ ހުރިހާ އަޑުތަކެއް އިވެއެވެ. އަހަރެންގެ މަޖުބޫރީ ހާލަތު ފެނެއެވެ.
ގޭތެރޭގެ މައްސަލަތަކުގައި ހާސްވެ، ކަންބޮޑުވާ ކޮންމެ ވަގުތަކު އަހަރެންގެ ހިތުގައި މުހުސިންގެ ހަނދާންތައް އާލާވެއެވެ. ހަނދާންކުރަން ކިތަންމެ ބޭނުން ނުވިޔަސް މެއެވެ. އަހަރެމެން ދެމައިން ބަލައި މުހުސިން އަންނާނެ ނަމައޭ ހިތަށްއަރައެވެ. މި 'ހާލިން' އަހަރެމެން ދެ މައިން ސަލާމަތްކޮށްދެވޭނެ ހަމައެކަނި މީހަކީ މުހުސިނޭ ހީވެއެވެ. އެކަމަކު އެއީ ހިތަށް އަރައިފައިބާ ހީތަކެކެވެ. ވަހުމުތަކެކެވެ. ހަޤީޤަތުގައި އަހަރެން މުހުސިނަކަށް އިންތިޒާރެއް ނުކުރަމެވެ.
އާސިމް ބޮޑުވަމުން އައީ ވަރަށް މަޑުމައިތިރި، ޚުލްޤުހެޔޮ ކުއްޖެއްގެ ގޮތުގައެވެ. އޭނާ އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. މަޔަކަށް ވީތީ ދަރިއެއްގެ ފަރާތުން ލިބެންޖެހޭ ޤަދަރާއި، އިޚުތިރާމް އެންމެ ފުރިހަމައަށް އަހަންނަށް ލިބުނެއެވެ. ނުކުޅެދޭ މީހެއްގެ ދަރިއަކަށް ވުމުގެ އިތުރުން، ބައްޕަ ނެތް ކުއްޖަކަށް ވީތީ އާސިމަށް ވެސް މީހުންގެ ފުރައްސާރައާ ކުރިމަތިވިއެވެ. އެކަން އެހެން ވާނެ ކަން މާ ކުރިން ވެސް އަހަންނަށް އޮތީ ވިސްނިފައެވެ. އަހަރެން އައީ އާސިމަށް އެ ވާހަކަތައް ބުނެދެމުނުންނެވެ. ލޯފަން، މަންމަނަކަށް ވެގެން ދުނިޔޭގައި އުޅެން ދަސްކޮށްދެމުންނެވެ.
އަހަރެންގެ ދެ ކަކުލުގައި ރިހޭކަން އެނގޭތީ ކޮންމެ ރެއަކު އަހަރެން ނިދަން އޮށޯތުމުން އާސިމް ތެދުވެގެން އައިސް ފައި މޮޑެދޭން އުޅެއެވެ.
"މިރޭ ފައި މޮޑޭނެ ކަމެއް ނެތް!" އަހަރެން އާސިމްގެ އަތުގައި ހިފެހެއްޓީމެވެ. "މިހާރު ވަރަށް ލަސްވެއްޖެ! ދަރިފުޅު ޖެހޭނެއްނު ސްކޫލަށް ދާން އަވަހަށް ހޭލަން" އަހަރެން ހަރަކާތުން ދެއްކި ވާހަކަތަކަށް އާސިމް ފަރުވާލެއް ނުބެހެއްޓިއެވެ.
އަލަމާރި މަތީގައި ހުރި ޒައިތޫނި ތެޔޮފުޅި ހިފައިގެން އައިސް އަހަރެންގެ ފައިގައި ތެޔޮ އުނގުޅަންފެށިއެވެ.
"ދުވާލުހަތަރުދަމު ކޮޅަށް އުޅެއުޅެ މަންމަގެ ދެ ފައިތިލަ ވެސް މި އޮތީ ދުޅަވެފަ!" އާސިމް މަޑުމަޑުން އަހަރެންގެ ފައިތިލައަށް ފިތާލިއެވެ. "ދެ އަތްތިލަ ވެސް ތި އޮތީ ހަލާކުވެފަ. އެއްޗެހި ދޮވެދޮވެ!" އަހަރެންގެ ސިއްހަތާމެދު އާސިމް ނުހަނު ކަންބޮޑުވެއެވެ. އަހަރެން އެކަމާ އުފާވެއެވެ. އެކަމަކު އެކަން އަންގާކަށް ބޭނުމެއް ނުވެއެވެ.
"މަންމަ ބައްޔެއް ނޫނޭ. ދަރިފުޅު މަންމައާ ދޭތެރޭގައި ފިކުރުނުކޮށް ރަނގަޅަށް ކިޔެވޭތޯ ބަލާ! ކިޔަވައިގެން މޮޅު ކުއްޖަކަށްވޭ!" އަހަރެން އާސިމްގެ ބޮލުގައި ފިރުމާލީމެވެ.
"އަހަރެން ބޮޑުވެގެން މަންމައަށް ރީތި ގެއެއް އަޅައިދޭނަން. ގޭތެރޭގެ މަސައްކަތް ކުރަން މީހަކު ވެސް ގެންނާނަން. މަންމަ ޖެހޭނީ އަރާމުކުރަން އޮންނަން" އާސިމް ދެކޭ ހުވަފެންތައް އަހަންނަށް ކިޔައިދިނެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދަ އެވެ.
ހިނިތުންވެ އޮވެގެން އަހަރެން ވިސްނީމެވެ. މިނިވަންކަމާއި އަމިއްލަވަންތަކަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އާސިމަކީ އަދި ކުޑަ ކުއްޖެކެވެ. އެކަމަކު އޭނާގެ އުއްމީދުތައް ހުރީ ވަރަށް އުހުގައެވެ. އަހަރެމެން ކަހަލަ ނިކަމެތިންނާ އެކަށީގެންނުވާ ހިސާބުގައެވެ.
އާސިމަކީ އަހަރެންގެ ނަފުސު ހިމާޔަތްކޮށްދޭ އައްޑަނައެކެވެ. އޭނާ އަހަރެންގެ ދިފާއުގައި އަޑު އުފުލިއެވެ. ހައްޤަކާނުލައި މީހުން އަހަންނާ ދިމާއަށް ކިޔާ އެއްޗެހިން ސަލާމަތްކޮށްދިނެވެ. ހަމަ ހަޤީޤަތުގައި ވެސް ދިރިއުޅުމަކީ ހަނގުރާމައެކެވެ. އެ ހަނގުރާމައާ ކުރިމަތިލުމުގެ ހިތްވަރު އަހަރެން ޖެހޭނީ ހޯދާށެވެ.
ވަރަށް ހިތްވަރުކޮށްފައި އަހަރެން ތެދުވީމެވެ. އެއްވެސް މީހަކަށް ބަރޯސާނުވެ ދިރިއުޅެވޭނެ މަގެއް ހޯދުމަށް އަތުކުރިއޮޅާލީމެވެ. އަހަރެމެން ދެމައިންގެ ކަންކަމަށް ބޭނުންވާ ފައިސާ އަމިއްލައަށް މަސައްކަތްކޮށްގެން ހޯދަން އަޒުމުކަނޑައެޅީމެވެ. އަހަންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތު ނުލިބުމެވެ. ހުސްވަގުތަކީ އަހަރެންގެ ދިރިއުޅުމުގައި އެއްވެސް ވަރަކަށް ނެތް އެއްޗެކެވެ. އަމިއްލަ މަސައްކަތެއް ކުރެވޭނީ އެކަމަށް ކޮންމެ ވެސް ވަރަކަށް ވަގުތު ލިބިގެންނެވެ. އަހަރެން ވަރަށް ވިސްނީމެވެ. މޫނިސާއާ ވެސް މަޝްވަރާކުރީމެވެ. މޫނިސާ ދިނީ އަހަންނަށް އަމަލުކުރަން ފަސޭހަ ޚިޔާލެއް ނޫނެވެ. އެކަމަކު ކަމެއް ކާމިޔާބުކުރެވޭނީ ޤުރުބާނީތަކެއް ވެސް ވެގެންކަން އޭނާ އަހަންނަށް ވިސްނައިދިނެވެ.
ގޭތެރޭގެ މަސައްކަތުގައި ހޭދަކުރާ ވަގުތު އަހަރެން މަދުކުރީމެވެ. ކޮއްކޮމެންނާއި، އެ މީހުންގެ ދަރިންގެ ކަންކަން ކުރުން މުޅިން ހުއްޓާލީމެވެ. އެކަމަކު އެއީ ކުރަން މާ ފަސޭހަ ކަމަކަށް ނުވިއެވެ. ކިތަންމެ އެއްޗެއް ހިތަށް އަރައިފޭބިއެވެ. ފަހަރިންގެ ރުޅިވެރި ބަސްތަކާއި، ބެލުންތައް ތޫނު ކަށިތަކެއް ފަދައިން އަހަރެންގެ ހަށިގަނޑަށް ހެރެމުން ދިޔައެވެ. އެކަމަކު އަހަރެން ހިތްވަރުކުރީމެވެ. ފެންނަ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެން، އެ މީހުންނާ ހަތަރުކަޅި ހަމަނުކޮށް އުޅުނީމެވެ.
ވަރަށް ހިތްވަރުކޮށްފައި އަހަރެން މަސައްކަތްފެށީމެވެ. ވަލުން ފަން ގެނެސްގެން ފަންގިވިނުމެވެ. އޮޅެއްގައި ބޮނބިފާކޮށްގެން، ރޯނުވެށުމެވެ. ގަސްގަސްދޮށުން އޮއްކެޔޮ ހޮވައިގެން އޮއްކެޔޮފެޅުމެވެ. އަހަރެން ވިސްނީ އަތުން އެއްވެސް ޚަރަދެއް ނުގޮސް، މީހަކަށް އާދޭސްނުކޮށް ކުރެވޭ ކަހަލަ މަސައްކަތް ކުރާށެވެ. ނަތީޖާ ވަރަށް ފޮންޏެވެ. އަހަރެމެން ދެ މައިންނަށް ބޭނުންވާ ޚަރަދުތައް ކޮށްފައި، ފަހަށް ރައްކާކުރާ ވަރަށް އަހަންނަށް އާމްދަނީ ލިބުނެވެ. މާ ކުރިން ވެސް މި ޚިޔާލު އައިސް، މި ފިޔަވަޅު އެޅުނު ނަމައޭ ހިތަށް އެރިއެވެ.
އާސިމް ދިހަ ވަނަ ގްރޭޑަށް ދިޔައިރު، އޭނާ އިތުރަށް ކިޔަވަން ބޭނުން ވާނެ ފައިސާ ވެސް އަހަރެން ޖަމާކުރީމެވެ. ބައްޕައަށް ބަރޯސާނުވެ، އާސިމްގެ ކަންކަން ކޮށްދެވޭތީ އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު މާތްކަލާނގެ ކިބައަށް ޙަމްދުކުރަމެވެ.
އޯލެވެލް އިމްތިހާނުގައި އާސިމް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އަހަރެން ބޭނުންވީ އޭނާ އަށް އިތުރަށް ކިޔަވައިދޭން މާލެ ފޮނުވާށެވެ. ނަމަވެސް އާސިމް އެއްބަހެއް ނުވިއެވެ. އެއީ އަހަރެންގެ އެދުމަކަށް އޭނާ ފުރަގަސްދިން ފުރަތަމަ ފަހަރެވެ.
"މަންމަ ވަރުބައްޔެއް ވެސް ނުވޭތަ؟" އާސިމްގެ ދެ އަތުން އަހަރެންގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ. "މީގެ ފަހުން މަސައްކަތްކުރާނީ އަހަރެން. މަންމަ ޖެހޭނީ އަރާމުކުރަން"
"ދަރިފުޅު މޮޅު މީހަކަށް ހަދަން، ކިތަންމެ މަސައްކަތެއް ކުރަން ޖެހުނަސް މަންމަ ވަރުބައްޔެއް ނުވާނެ!" އަހަރެން އާސިމަށް ވިސްނައިދެވޭތޯ އުޅުނީމެވެ. އާދޭސްކުރީމެވެ. ނަމަވެސް އޭނާ ފުރައިގެން ދިޔައީއެވެ. ރަށާ މާ ދުރުނޫން ރިސޯޓަކަށެވެ.
އާސިމް ކިޔަވާ ނިމުނަސް އަހަރެން ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓައެއް ނުލަމެއެވެ. މޫނިސާ އެކަމާ ވަރަށް ކަންބޮޑުވިއެވެ.
"މިހާރު ދެން އެ ސޮރަށް ވެސް ޚަރަދުކުރާކަށް ނުޖެހޭނެ. އަހަންނަށް ފެންނަނީ ތިކުރާ މަސައްކަތްތައް ދެން ހުއްޓާލަން" މޫނިސާ ބުންޏެވެ.
"އޭރުންނޯ؟ "ހައިރާންވެފައި އަހަރެން އެހީމެވެ. "މިހާރު ބައްޕަ ވެސް އެ ހުރީ މުސްކުޅިވެފަ. އެ މީހުން ވެސް ބަލަން ޖެހޭނީ އަހަރެމެންނެއްނު؟"
"ތީ ތެދެއް! އާސިމާ އެކަންޏެއް ނޫން. އަހަރެމެންގެ މާނައަކީ ކަލޭމެން ނުވަ ކުދިން" މޫނިސާ ފާހަގަކުރީ ރަނގަޅު ޕޮއިންޓެކެވެ. "އާމްދަނީ ލިބޭ ކިތައް މީހުން އެބަ ތިބި؟ އެ މީހުން މައިންބަފައިންނަށް ލޯ ލާރިއެއް ވެސް ދިއްކޮށްލާތަ؟ އެއްވެސް ކަމެއްގައި އެހީވެދޭތަ؟"
"އެ މީހަކު ކުރި ކަމެއް އެމީހަކަށް! އެހެންނޫނަސް އަހަންނެއްނު އެންމެ ދޮށީ ވެސް" އަހަރެން ދެކޭ ގޮތަކީ އެއީ އެވެ. "އަހަރެން ބަލިވެއިން ދުވަހު މަންމަމެން އެހީ ނުވި ނަމަ ޔޯ؟"
"އަހަރެން މި ބުނަނީ މައިންބަފައިންނަށް އަޅާލާ، އެހީނުވާށެކޭ ނޫން. އެކަމަކު އާސިމާ އެބަޖެހެއޭ އާސިމާގެ ސިއްހަތާ މެދު ވެސް ވިސްނަން. އާސިމާ ކޮންއިރަކު އެންމެ ފަހުން ލޯގަނޑަކުން މޫނު ދުށީ؟ ތީ ކިހާ ރީތިކޮށް ހުރި ކުއްޖެއް! މިހާރު ހީވަނީ ކަށީގެ އޮނިގަނޑެއް ހެން. ހަށިގަނޑަށް ބަރުދާސްތުނުކުރެވޭ ވަރަށް، ބުރަކޮށް މަސައްކަތްކޮށްކޮށް މުޅި މީހާ އަނަރޫފަ ވެއްޖެ! ނުވާ ދުވަހުން މުސްކުޅި ވެއްޖެ!"
މޫނިސާ ބުނީ ތެދެކެވެ. އަހަރެންގެ ހަށިގަނޑުގައި ހަކަތައެއް ނެތެވެ. އަހަރެން ދިރި މިހުރީ ކަށީގެ މަދުން ހިތްވަރު ނެރެގެން، އެކަމަށް މަސައްކަތްކުރީތީ އެވެ. މާދަމާ ވެސް ބަލި އެނދުގައި އޮންނަން ޖެހިދާނެއެވެ. ބަލި އެނދުގައި އޮންނަން ޖެހި، އާއިލާގެ މީހުންނަށް ބުރައަކަށް ވުމަކީ އަހަރެން އެންމެ ބޭނުންނުވާ ކަންތަކެވެ.
"އާސިމް އަހަރެން ބަލާނެ!" އިރުކޮޅަކު ވިސްނަން ހުރެފައި އަހަރެން ބުނީމެވެ.
"ތެދެއް! އާސިމް އާސިމާ ބަލާނެ. އެކަމަކު އެއީ ފިރިހެން ދަރިއެއް!" މޫނިސާ ބުނަން އުޅުނު އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ. "މި ބުނީ އާސިމާ މީހަކާ އިންނަން އުޅޭށޭ!" އަހަރުތަކެއް ފަހުން މޫނިސާ އެ މައުޟޫ ހުޅުވާލިއެވެ.
"އަހަރެން ދައްކާނެ އިތުރު ވާހަކައެއް ނެތް!" ކައިވެންޏަކީ އަހަރެންގެ ނަސީބުގައި ލިޔެވިފައިވާ ކަމެއް ނޫނެވެ. ނަސީބުގައި ނެތް ކަމަކަށް އުއްމީދުކޮށް، އިންތިޒާރުކުރުމެއް ވެސް ނެތެވެ.
އާސިމް ރަށަށް އައީ ހަމަސްދުވަސް ފަހުންނެވެ. އޭނާ އައިސް އަހަރެން ކައިރީގައި ލަފާ އެހުމަކާ ނުލާ ބޮޑެތި ނިންމުންތަކެއް ނިންމިއެވެ. (ނުނިމޭ)
ނޯޓު: މި ވާހަކައިގައި ހިމަނާފައިވާ ޑައިލޮގުތަކަކީ އިޝާރާތުގެ ބަހުން ދެކެވިފައި ހުރި ވާހަކަތަކެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން