ފްލައިޓަށް އަރާ ހަމަޖެހިލުމަށް ފަހު ވިޔާމް، ޓީވީއިން ދައްކަމުން ދިޔަ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގުޅޭ ގޮތުން ހަދާފައިވާ ފިލްމަށް ނަޒަރު ހިންގާލިއެވެ. ވަމުން ދިޔަ އުނދަގޫތަކުން ސަލާމަތްވުމުގެ ގޮތުން ވިޔާމް އަވަސް އަވަހަށް އިންފްލައިޓް ޓީވީ ނިއްވާލިއެވެ. އަދި ލޯ މަރާލިއެވެ.

10 އަހަރުގެ ވިޔާމް ބިރުން ތުރުތުރުއަޅަމުން ދިޔަ ހާލުވެސް މަސައްކަތް ކުރަމުންދިޔައީ ސަލާމަތް ވާނެ ގޮތެއް ފެނޭތޯއެވެ. ކަބަޑުގެ ދޮރުހުޅުވާލަމުން އަވަސްއަވަހަށް އެތެރެއަށް ދެމިގަތެއެވެ. އެ މައުސޫމް ކުޑަކުޑަ ދެލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމާއި އެކަނިވެރިކަމެވެ. ކުއްލިއަކަށް ކަބަޑުގެ ދޮރު ހުޅުވުމާއިއެކު ވިޔާމް ބިރުން ތެޅިގަތެވެ. "ނޫން. ނޫން ތިހެން ނަހަދާ ކޮއްކޮ ބަސްއަހާނަމޭ. ދެން އެކަހަލަ ކަމެއް ނުކުރާނަމޭ ޕްރޮމިސް. ނޫން ނޫން." ކުއްލިއަކަށް ވިޔާމް ގެ ދެއަތުގައި ހިފާ މީހަކު އޭނާ ކަބަޑުން ބޭރަށް ނެރުނެވެ. ވިޔާމް މަސައްކަތް ކުރަމުން ދިޔައީ އެ ދެއަތުން ސަލާމަތް ވެވޭތޯއެވެ.

ވިޔާމް އަށް ތެޅި ގަނެފައި ހޭލެވެނީ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް އަށް ޖެއްސުމާއި އެކުއެވެ. ފެނިގެން ދިޔައީ ހުވަފެނެއް ކަން ޔަގީން ވުމާއި އެކު އޭނާ ހަމަޖެހިލާން މަސައްކަތް ކުރިއެވެ.

25 އަހަރުގެ ވިޔާމްއަކީ ދިވެހިން ބުނާގޮތުން ނަމަ "ޓަފު" ޝަހުސިއްޔަތެއް ލިބިފައިވާ ތަފާތު މަޑުމައިތިރި ޒުވާނެކެވެ. މީހުންގެ ސަމާލުކަން ލިބޭފަދަ އެތައް ސިފައެއް ލިބިފައިވީ ނަމަވެސް އެކަމުގެ ސަބަބުން ބޮޑާވެ ކިބުރުވެރިއެއް ވިޔާމް ނުވެއެވެ. އަންހެންކުދިންގެ ހިތް ކަތިލާ ފަދަ ރީތި ބެލުމަކާއި ހަމަ އެހާވެސް ރީތި އަދި ފަން އިސްތަށިގަނޑެއް ލިބިފައިވާ ވިޔާމް އަކީ މާލޭގައި ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން އެންމެ ޒުވާން އަދި މަޝްޙޫރު އެކެކެވެ. ދިގު އިސްކޮޅަކާއި ދޮން ހަށިގަނޑެއް ލިބިފައިވާ ވިޔާމްގެ ހަށިގަނޑަށް ބަލާލާ ކޮންމެ މީހަކަށް ވެސް ވިޔާމްއަކީ ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ މީހެއްކަން ފާހަގަ ވެގެން ދާނެއެވެ. ވިޔާމަށް މިހާތަނައް އައިއިރު އެތައް ކުދިންނެއްގެ ހުށަހެޅުން ލިބިފައިވާއިރު ވިޔާމް އެއިން ކުއްޖަކަށް ހިތް ނުދީ ހުރީ އޭނާގެ ހިތް ކިޔާ ކަހަލަ ކުއްޖެއް އޭގެ ތެރޭގައި ނެތީމައެވެ.  ވިޔާމް ގެ މަންމަ ވަނީ ވަރަށް ކުޑައިރު ނިޔާ ވެފައިކަމުން ވިޔާމްގެ ބައްޕަ އަލީ ނަސީރު ވަނީ ހުރި ހަމައެކަނި ދަރިފުޅަށް މަންމައެއްގެ ލޯބި ހޯދަ ދިނުމުގެ ގޮތުން އެހެން މީހަކާއި ކައިވެނި ކޮށްފައިއެވެ. ވިޔާމް އަކީ އެކުގައި މަސައްކަތް ކުރާ ހުރިހާ އެންމެން އިހްތިރާމް ކުރާ އަދި ލޯބިވާ ހިންގުންތެރި ވެރިއެކެވެ.

ގެޔަށް ވަދެ ތައްޔާރު ވެލައިގެން ވިޔާމް މިސްރާބު ޖެހީ އޭނާގެ އޮފީހާއި ދިމާލަށެވެ. މަޑު ހިނގުމެއްގައި އޮފީސް ތެރެޔަށް ވަދެގެން ދިޔަ ވިޔާމަށް އޭނާ ގެ މުވައްޒިފުން ދިޔައީ މެންދުރުގެ ސަލާމް ކުރަމުންނެވެ.

 އޮފީހަށް ވަދެ ކެބިން ގައި އިށީނުމާއި އެކު އޭނާގެ ސެކްރެޓަރީ، ސަމަން އޮފީހަށް ވަނެވެ.

" ސާރ. ޓްރިޕް ކިހިނެތް ތޯ ދިޔައީ؟ ރަނގަޅު ތޯ؟ ކްލައިޓުންގެ ކަންތައް ހަމަޖެހުންތޯ؟" ސަމަން ސުވާލު ކޮށްލިއެވެ.

"ސޭމް ޔާމް ބުނިން ދޯ ސާރ ނުކިޔާށޭ. އަބަދު ސާރ އޭ ކިޔާތީ ހީވަނީ ވަރަށް ދުރު މީހެއްހެން. ޔެސް މިފަހަރުގެ ދަތުރު ވަރަށް ކާމިޔާބު. އެކޮޅުން ހުރިހާ ކަމެއްވެސް ރެޑީ، މިކޮޅުން ކުރަން ޖެހޭ ކަންތައް ހުންނާނީ ދެން. މިއަދު ލަންޗަށް ދަމާ ބްރޭކް ގަޑީގަ. އޯކޭ ދޯ؟" ވިޔާމް އަހާލި އެވެ.

"އޯކޭ. ދެން ނުކިޔާނަން ސާރ އެއް. މިކޮޅުގަ ހުރި ޕާރްފިއުމް ކޮންޓޭނަރުތައް ނެރެން މިއުވާން އާއި ހަވާލު ކޮށްފިން ސޭމް ބަލާލާނަން އެކަމުގެ ޙަބަރެއް. އެންޑް އޯލްސޯ ދުބާއީ ގެ ކޮންޓޭނަރު އަންނަ ހަފްތާ ހިސާބުގަ އަންނާނެ އޭގެ ސިޕިންގް ލިސްޓް ވެސް އިންނާނެ މިއުވާންއާއި ހަވާކޮށްފަ. އިތުރު ކަމެއް އިންނާނެތަ؟" ސަމަން ފައްޗަކަށް އަމުނާލިއެވެ.

"ވޯވް! ޗިލްއައުޓް! އަސްލު އަހަރެން ވަރަށް އުފާވޭ ސޭމް އަހަރެންގެ ޕީއޭ އަށް ހެދުނީމަ އައި ނޯ އެއްވެސް ކަމެއް ގޯސް ކޮށް ނުދާނެކަން. އެންޑް  ޕްލީޒް ޔާމް ބޭނުމެއް ނޫން މި ވީކްގަ އެއްވެސް މީހަކާއި މީޓް ކުރާކަށް ސޯ ޕޯސްޓް ޕޯން އޯލް މައި މީޓިންގްސް ޕްލީސް. ހަދާން ކޮށް ލަންޗަށް ދާނީ ޔާމް އާއި އެކު އިނގޭ" ވިޔާމް ހިނިތުންވެލަމުން ބުނެލިއެވެ.

ސަމަން އަކީ މީހުން ހިތްކިޔާ ފަދަ ރީތި ކަމެއް ލިބިފައި ހުރި ޒުވާނެއް ނޫނެވެ. ނަމަވެސް އޭނާ އަކީ މީހުންނަށް އިޙްތިރާމް ކުރަން ދަންނަ މަޑުމައިތިރި ހިތްތިރި ޒުވާނެކެވެ. ވިޔާމް އާއި ސަމަން އަކީ އެންމެ ކުޑަ އިރުން ސުރެން ވެސް އެކީގައި އުޅެ ބޮޑުވި ގާތް ރަހުމަތްތެރިންނެވެ. އެކަކަށް ދިމާވާ ކަން ކަމުގައި އަނެކަކު ވީހާވެސް ބޮޑަށް އެހީތެރިވެދީ ހަދައެވެ. ސަމަން އަށް މާގިނަ ފިރިހެން ކުދިންގެ ސަމާލުކަމެއް ލިބިފައި ނުވެއެވެ. ވިޔާމްގެ ދިރިއުޅުމުގެ ގިނަކަންތައް ސަމަން އާއި މަސްވަރާ ކުރެއެވެ.

(ނުނިމޭ)