(15 މޭގެ ބަޔާ ގުޅޭ)
ކުރު އިސްކޮޅެއް ލިބިފައިވާ ރެއިނާ އަކީ ހިމަތޮޅި އަންހެން ކުއްޖެކެވެ. މޫނުމަތިން އަބަދުވެސް ހިތްހެޔޮ ހިނިތުންވުމެއް ފެންނަން ހުރެއެވެ. އެ ދެލޮލައް ބަލާލައިފިނަމަ މައުސޫމް ކަމާއި އެކުވެރިކަން ފެނިގެން ދާނެއެވެ. މީހުނާއި ގުޅިގެން އުޅުމަކީ ރެއިނާއަށް މާއުނދަގޫ ކަމެއް ނޫނެވެ. މިޒާޖުގެ ގޮތުން ލަދުރަކި ކުއްޖެއް ނަމަވެސް މީހަކާއި އެކުވެރިވެއްޖެ ނަމަ ރެއިނާ އަކީ މިސާލެއް ނެތްފަދަ ރައްޓެއްސެކެވެ. މީހުނައް ދިމާވާކަންކަމުގައި މީހުނަށް އެހީތެރިވެދޭން ފަސް ނުޖެހޭ ރެއިނާ އަކީ އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރާ ދީނީ، ސޯލިހު ކުއްޖެކެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔާއި ހީވެސް ނުކުރާހައި އަވަހަށެވެ. ރެއިނާ އޮފީހަށް ވަންފަހުން 1 މަސް ފާއިތު ވެގެން ދިޔަ އިރު އޭނާ އަކީ އޮފީހުގައި އުޅޭ އެންމެނާއި ވެސް ގުޅޭ އެކުވެރި ކުއްޖެކެވެ. ވިޔާމްގެ ހާލަކީ ކޮބައި ތޯ އެވެ. އޭނާ ނިކަމެތި ހިތް ރޮމުން ދިޔައީ އަބަދުވެސް ރެއިނާއާއި ގާތުގައި ހުންނާށެވެ. ނަމަވެސް އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައީ އޭނާ ކަހަލަ މީހަކާއި އެކުގައި އުޅެން އެކަކުވެސް ބޭނުންނުވާނެކަމާއި ކޮންމެ މީހަކު އުޅޭނީ ވެސް އޭނާ ބޭނުން ކުރަން ކަމަށްށެވެ. ނަމަވެސް އޭނާ ހިތަށް ކުޅަދާނަ ވާވަރެއް ނުވިއެވެ.
ވިޔާމް އިނީ ވިސްނުމަކަށް ގެއްލިފައެވެ. ކުއްލިޔަކަށް އޭނާ އަށް ހަމަހޭ ވެރިކަން ވެގެން ދިޔައީ ކެބިން ގެ ދޮރުގައި ޓަކި ޖެހި އަޑަށެވެ.
"ވަދޭ." ވިޔާމް ހަމަޖެހިލަމުން ބުނެލިއެވެ.
"ސާރ ގޮވާލިން ތޯ" އިވިގެން ދިޔައީ އޭނާ އެންމެ އަހަން ބޭނުން ވެފައި ހުރި އަޑެވެ.
ހަމަޖެހިލަން މަސައްކަތް ކުރަމުން ވިޔާމް ވާހަކަ ފެށިއެވެ.
"މިރޭ މާރކެޓިން ރިޕޯޓް ފޮނުވާލާނަން ދޯ؟" ވިޔާމް ބުނެލިއެވެ
"ލައްބަ ސާރ. އޭތި މިރޭ ނިންމާލާފަ ހަވާލުކޮށްލާނަން. އިތުރުކަމެއް އިންނާނެ ތޯ؟" ރެއިނާ މަޑު މައިތިރިކމާއި އެކު ބުނެލިއެވެ.
"ނޫން އަނެއްހެން މާ ބޮޑު ކަމެއް ނެތް. އޯކޭ ދެން ދިޔަޔަސް އިނގޭ." ވިޔާމް ބުނެލިއެވެ.
ރޭގަނޑު 9 ޖަހާ ބޮޑު ވުމުން ވިޔާމް ނިންމީ ކާއެއްޗެއް ގަންނަން ދާށެވެ. ނަމަވެސް އޭނާ ހުއްޓެނެ މަޖުބޫރުވީ އެކަނިމާއެކަނި މަސައްކަތް ކުރަން އިން ރެއިނާ ފެނިގެންނެވެ. މަޑުމަޑު ވިޔާމް މިސްރާބު ޖެހީ ރެއިނާ އާއި ދިމާލަށެވެ
ރެއިނާ ކައިރިއަށް ގޮސް ވިޔާމް ހުއްޓިލުމައް ފަހު އޭނާ ކަރު ކެހިލިއެވެ.
"ސާރ؟ ކަމެއް ބޭނުން ވީ ތޯ" ރެއިނާ އަހާލިއެވެ.
" ނޫން. ހަމަ މަސައްކަތް ދާގޮތް ބަލާލަން ވެގެން. މިދަނީ މިތާ ކައިރިއިން ފިހާރަޔަކަށް. އެއްޗެއް ބޭނުންތަ؟" ވިޔާމް މަޑު މައިތިރި ކަމާއި އެކު އަހާލިއެވެ.
"ޔެސް ކޮފީއެއް. ދެން ސުޕާރި." ދަބަހުން 30 ރުފިޔާ ނަގާ ދިއްކޮއްލަމުން ރެއިނާ ބުނެލިއެވެ.
"އޯކޭ މި ގެންނަނީ" ވިޔާމް ހަމަޖެހިލަމުން ބުނެލިއެވެ.
މާ ގިނައިރެއް ނުވެ ވިޔާމް އޭނާ ބޭނުންވާ އެއްޗެހި ގަނެގެން އައިސް، ރެއިނާގެ އެއްޗެހި ރެއިނާއާއި ހަވާލު ކޮށްލިއެވެ.
"ޝުކުރިއްޔާ" ހިނިތުން ވެލަމުން ރެއިނާ ބުނެލިއެވެ.
ވިޔާމްގެ ހިތަށް ހަމަޖެހުމެއް އެ ވަގުތު ލިބިގެން ދިޔައެވެ. ވިޔާމް ވެސް ހިނިތުން ވެލަމުން އަވަސް ހަރަކާތަކާއި އެކު ކެބިން އަށް ވަދެ ދޮރު ލެއްޕިއެވެ.
"އަހަރެން ކަހަލަ މީހަކު ދެކެ ލޯބި ވާނީ ކާކު؟ އަހަރެން ގެ ހަގީގަތް އިނގޭ ދުވަހަކުން އެންމެން ވެސް އަހަރެން ދޫކޮށްލާނެ. އަހަރެން ކަހަލަ މީހުންނަށް ލޯބި ވުމުގެ ހައްގެއް ނެތް. އަހަރެން މީ އެއްވެސް އަގެއް ހުރިމީހެއް ވެސް ނޫން. ކިހިނެތް ރެއިނާ ކައިރީގައި އަހަރެން ގެ ހިތުގަ އޮތް ވާހަކަތައް ކިޔާދޭނީ ރެއިނާއަށް އަހަރެންގެ ހަގީގަތް އިނގޭ ދުވަހަކުން އަހަރެންނަށް ހާދަ މަލާމާތެއް ކުރާނެއޭ." ވިޔާމް ހިތުގައި ހިނގަމުން ދިޔަ އިހުސާސްތަކުގެ ސަބަބުން އޭނާ ގެ ދެ ލޮލުން ކަރުނަ ނިރާލިއެވެ.
ވިޔާމް ހަމަޖެހިލާން މަޖުބޫރުވެގެން ދިޔައީ ކެބިން ގެ ދޮރުގައި މީހަކު ޖަހާލުމުންނެވެ.
"ވަދޭ." ހަމަޖެހިލަމުން ވިޔާމް ބުނެލިއެވެ.
"ސާރ ނިމިއްޖެ." ރެއިނާ ބުނެލިއެވެ.
"އޯކޭ. އަހަރެން މިއުޅެނީ ކާން ދާން ވެގެން. ވުޑް ޔޫ ލައިކް ޓު ޖޮއިން މީ؟" ވިޔާމް އަހާލިއެވެ.
ރެއިނާ ކުޑަކޮށް ވިސްނާލަން ހުރިއެވެ. އެޔަށް ފަހު މަޑު މަޑުން ބޯ ޖަހާލިއެވެ.
ވިޔާމްގެ ހިތް ދިޔައީ އުފަލުން ފުރިގެންނެވެ. ނަމަވެސް ބޭރުފުށުން އެކަން އެއްވެސް ވަރަކަށް ނުދައްކައެވެ.
ދެމީހުން އެކީ ގައި މިސްރާބު ޖެހީ ކައިރީ އަލަށް ހުޅުވާފައިވާ ރެސްޓޯރެންޓަކަށެވެ.
"ސޯ. ވޯކް ކިހިނެތް ވަނީ. ހުރިހާ ކަމެއް ވެސް ރަނގަޅު ދޯ. އެއްވެސް ކަމެއް އުޅެންޏާ ޔޫ ކޭން ޓޯކް ޓު ސަމަން. ސަމަން އެކަންކަން ހަމަޖައްސާލާނެ." ތަނަށް ވެރިވެފައިވާ ނުތަނަވަސް ހަމަހިމޭންކަން ދުއްވާލަން ވިޔާމް މަސައްކަތް ކުރިއެވެ.
"ލައްބަ އެންމެން ވެސް ހަމަ ވަރަށް ހެލްޕްފުލް. ވަރަށް ފަސޭހަ ވޯކް ކުރަން." ހިނިތުންވުމާއިއެކު ރެއިނާ ވާހަކަ ދެއްކިއެވެ.
ވިޔާމް ގެ ސިކުނޑީ ގައި ރެއިނާ ގެ ހިނިތުންވެވިފައި ވާ މަންޒަރު ފަނޑު ނުވާފަދަ އެތައް ރީތި ކުލަތަކަކުން ކުރެހިގެން ދިޔައެވެ.
"ދެން އަންނަ ހަފްތާ ވަރަށް ބިޒީކޮށް ދަނީ. ވަރަށް ބޮޑު ކޮންޓޭނަރެއް އެބަ އާދޭ. ސޯ ރެޑީ ވެލައްޗޭ." ވިޔާމް ވާހަކަ ބަދަލުކޮށްލިއެވެ.
"ލައްބަ" ރެއިނާ ކުރު ޖަވާބެއް ދިނެވެ.
ކައިނިމިގެން ދެމީހުން ވެސް ދިޔައީ އެމީހެއްގެ ގެޔާއި ދިމާލަށެވެ
(ނުނިމޭ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން