މިފަހަރުގެ ވޯލްޑް ކަޕްގައި މިރޭ އީރާން އަތުން 6-2 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވިއިރު، ނެދަލެންޑްސް އިން 2-0 އިން ސެނެގޯލް ބަލިކޮށްފިއެވެ.
ދޯހާގެ އަލް ރައްޔާންގައި ހުންނަ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިތާ ކުރީކޮޅު އީރާންގެ އެއްވަނަ ގޯލްކީޕަރު އަލީރެޒާ ބީރާންފާންއާގެ މޫނަމައްޗަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމުން އެ ޓީމަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.
އަލީރެޒާ އަށް އަނިޔާވީ، އެ ޓީމުގެ މާޖިދު ހޮސެއިނީއާ ދެ ކުޅުންތެރިން ޖެހި، ލިބުނު އަނިޔާގެ ސަބަބުން ދަނޑުމަތީގައި ފަރުވާދެވި، އިތުރަށް ކުޅުން ކުރިއަށްގެންދެވޭގޮތް ނުވުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ދެވަނަ ކީޕަރު ސައްޔިދު ހުސެއިން ހޮސެއިނީ އެވެ. މިއީ ގައުމީ ޖާޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި އިންގްލެންޑުން ޖެހި ފުރަތަމަ ލަނޑު، 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. މިއީ އެ ޓީމުގެ ވާތު ފުލްބެކް ލޫކް ޝޯ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބެލިންހަމް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ އިންގްލެންޑަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.
އަދި މި ގޯލާއެކު ބެލިންހަމް ވެފައިވަނީ ވޯލްޑް ކަޕެއްގައި އިންގްލެންޑަށް ލަނޑެއްޖަހައިދިން ދެވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް އޮންނަނީ 1998 ވަނަ އަހަރުގެ މުބާރާތުގައި އިންގްލެންޑަށް ލަނޑުޖަހައިދިން މައިކަލް އޮވެން އަތުގައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން، އިންގްލެންޑުން ވަނީ އިތުރު ދެލަނޑުޖަހައިފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި އިންގްލެންޑްގެ ދެވަނަ ލަނޑު، ބުކާޔޯ ސަކާ ކާމިޔާބުކުރިއިރު މި ހާފުގެ އިތުރުވަގުތުގައި އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ރަހީމް ސްޓާލިން އެވެ.
އިންގްލެންޑްގެ ހަތަރުވަނަ ލަނޑު، 62 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ސަކާ އެވެ. އޭގެ ތިން މިނެޓުފަހުން، އީރާންގެ ފުރަތަމަ ލަނޑުޖަހައިދިނީ ޕޯޓޯގެ ފޯވާޑް މެހްދީ ތަރޭމީ އެވެ. އޭގެފަހުން، މި ހާފުގައި ކުޅެން ނިކުތް މާކަސް ރަޝްފޯޑް ވަނީ 71 ވަނަ މިނެޓުގައި ވައްދާލި ލަނޑާއެކު އިންގްލެންޑްގެ ލީޑް އަލުން ދަމަހައްޓާފައެވެ. ރަޝްފޯޑް މި ލަނޑުޖެހީ ކުޅެން އެރިތާ 49 ސިކުންތުގެ ތެރޭގައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ބަދަލަކަށް ކުޅެން އަރައި ކުޅުންތެރިއަކު ޖެހި ތިންވަނަ އަށް އެންމެ އަވަސް ގޯލެވެ.
އިންގްލެންޑްގެ ފަހު ލަނޑު، މެޗުގެ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެކް ގްރީލިޝް ކާމިޔާބުކޮށްދީފައިވަނިކޮށް އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އީރާންގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ތަރޭމީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ތަރޭމީ އަށް އިންގްލެންޑްގެ ޖޯން ސްޓޯންސް ފައުލް ކުރިކަމަށް ނިންމައި ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އަނެއް މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ ނެދަލެންޑްސް އިން ސެނެގޯލް އަތުން މޮޅުވީ ފަހު ވަގުތު ވައްދާލި ދެ ލަނޑުންނެވެ. މި ގޯލްތަކާއެކު ނެދަލެންޑްސް އިން ވަނީ ގްރޫޕުގެ އެންމެ ކުރީގައި އުޅޭ އިކުއޭޑޯއާ އެއްވަރަށް ޕޮއިންޓް ހޯދައި ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. މި ދެ ޓީމަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ސެނެގޯލް އާއި ގަތަރަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ނެދަލެންޑްސް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ދިން ރީތި ޕާހަކުން ގަކްޕޯ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ނެދަލެންޑްސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޑޭވީ ކްލާސެން އެވެ. މިއީ އެ ޓީމުގެ އިތުބާރު ފޯވާޑް މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާއެއް ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ކްލާސެން އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުތީ ދެވަނަ ހާފުގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން