ގަރެތު ބޭލް ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލާއެކު އެމެރިކާ އަތުން ވޭލްސް އަށް ޕޮއިންޓެއް ލިބިއްޖެއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މިއީ 64 އަހަރަށްފަހު ވޯލްޑް ކަޕަށް އެނބުރިއައި ވޭލްސް ކުޅުނު ފުރަތަމަ މެޗެވެ. އޭގެކުރީން، 2016 ވަނަ އަހަރު ކުޅެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތަކީ 58 އަހަރަށް ފަހު އެ ޓީމު ނިކުތް ފުރަތަމަ ބޮޑު މުބާރާތެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީ ގައި ހިމެނޭ ވޭލްސް އާއި އެމެރިކާ އޮތީ އެއް ޕޮއިންޓާއެކު ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ އިންގްލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް އީރާނަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ދޯހާގެ އަލް ރައްޔާންގައި ހުންނަ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ބޮޑު ބައި ޑޮމިނޭޓްކޮށްގެން ކުޅުނު އެމެރިކާ އިން ލީޑްނެގީ 36 ވަނަ މިނެޓުގައި ޓިމޮތީ ވެއާ ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް ދިން ރީތި ޕާހަކުން ވެއާ ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގައި ވޭލްސްގެ އެންމެ ފުރިހަމަ ކުޅުން ދެއްކޭގޮތެއްނުވިއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ވޭލްސް އިން ދެވަނަ ހާފު ފެށީ ރަނގަޅަށެވެ. އެގޮތުން، މި ހާފު ފެށިއިރު އިތުބާރު ފޯވާޑް ކީފާ މޫރ ކުޅެން އެރުވުމާއެކު އެ ޓީމުގެ ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅުވިއެވެ. މޫރ ގެ އިތުރުން ބެން ޑޭވީސް ވަނީ ވޭލްސް އަށް ދެވަނަ ހާފުގައި އެއްވަރުކޮށްދިނުމާ ގާތަށް ޖެހިލައިފައެވެ.

މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ވޭލްސް އިން އެއްވަރުކުރި ލަނޑު، ބޭލް ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބޭލް އަށް އެމެރިކާގެ ޓިމް ރީމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ވޭލްސްގެ ޖާޒީގައި ބޭލް ކާމިޔާބުކުރި 41 ވަނަ ލަނޑެވެ. މީގެއިތުރުން، މި މެޗާއެކު ބޭލް ވަނީ ވޭލްސް އަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ކްރިސް ގުންޓާގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ވޭލްސް އަށް 109 މެޗު ކުޅެދީފައެވެ.

މި މުބާރާތުގައި ވޭލްސް އަށް ދެން އޮތީ އަންނަ ހުކުރު ދުވަހު އީރާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 30 ވާ ބުދަ ދުވަހު އެ ޓީމު ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.