މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި ސައުދީ އަރަބިއާ އިން ފަހަތުންއަރައި 2-1 އިން އާޖެންޓީނާ ބަލިކޮށް، އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ނިމުން ގެނެސްފިއެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ސައުދީ އަރަބިއާ މޮޅުވި ހަތަރުވަނަ މެޗެވެ. އެ މުބާރާތުގައި މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން 11 މެޗުން ވަނީ ބަލިވެފައެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ޓީމު މޮޅުވީ މޮރޮކޯ އާއި ބެލްޖިއަމް އަދި މިސްރު އަތުންނެވެ.

މި މެޗަށް ނިކުތްއިރު އާޖެންޓީނާ ވަނީ ބަލިނުވެ ޖެހިޖެހިގެން 36 މެޗު ފުރިހަމަކޮށްފައެވެ. މިހާތަނަށް ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވާ އިޓަލީގެ ރެކޯޑަކީ 37 މެޗެވެ. މި މެޗުގެ ކުރީން އާޖެންޓީނާ އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުންނެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ލީޑްނެގީ ވެސް އާޖެންޓީނާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިއޮނަލް މެސީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އާޖެންޓީނާގެ ލެއަންޑްރޮ ޕަރެޑޭސް އަށް ސައުދީ އަރަބިއާގެ ހަސަން އަލްތަމްބަކްތީ ކުރި ފައުލަކަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ގޯލާއެކު މެސީ ވަނީ އާޖެންޓީނާގެ ތާރީޚުގައި ހަތަރު ވޯލްޑް ކަޕެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިހާތަނަށްއައިއިރު ވޯލްޑް ކަޕްގެ ހަތަރު މުބާރާތެއްގައި ލަނޑުޖެހި ކުޅުންތެރިންނަކީ؛ ބްރެޒިލް ޕެލޭ، ޖަރުމަނުގެ އުވީ ސީލާ އާއި ތޯމަސް މުލާ އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ސައުދީ އަރަބިއާގެ ފޯވާޑް ސާލެމް އަލް ދައުސާރީ (ވ) އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ފީފާ

އާޖެންޓީނާ އިން ފުރަތަމަ ހާފުގައި އިތުރު ތިން ލަނޑުޖެހިއިރު، ވިއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި އެ ތިން ލަނޑުވެސް ގަބޫލެއް ނުކުރިއެވެ. އޭގެކުރިން، މެޗު ފެށިގެން 96 ވަރަކަށް ސިކުންތުގެ ތެރޭގައި ލަޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ ސައުދީ އަރަބިއާގެ ގޯލްކީޕަރު މުހައްމަދު އަލް އޮވައިސް މަތަކުރިއެވެ. އޭގެފަހުން، އެ ޓީމުގެ އެންހެލް ޑި މާރިއާ އާއި ރޮޑްރިގޯ ޑެ ޕޯލް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މި މެޗުގައި ސައުދީ އަރަބިއާ އިން ޖެހި ފުރަތަމަ ލަނޑު، 48 ވަނަ މިނެޓުގައި މެދުތެރެއިން ފިރާސް އަލް ބުރައިކާން ހޯދާފައި ދިން ޕާހަކުން އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ކައިރިން ނައްޓާލުމަށްފަހު ސާލިހު އަލް ޝެހްރީ ވަނީ ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިފައެވެ. އަދި އޭގެ ފަސް މިނެޓުފަހުން، ޕެނަލްޓީއޭރިޔާ ތެރެއިން ސައުދީ އަރަބިއާގެ ކެޕްޓަން ސާލެމް އަލް ދައުސާރީ ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.

އޭގެފަހުން، އާޖެންޓީނާ އިން ބަދަލުތަކެއް ގެނެސްގެން މެޗުގެ ނަތީޖާ އަނބުރާލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި ސައުދީ އަރަބިއާގެ ކީޕަރު އަލް އޮވެއިސް ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. އެގޮތުން، މެސީ އާއި ހޫލިއަން އަލްވަރޭޒް ބޮލުން ފޮނުވާލި ދެ ހަމަލާއަކާއި ނިކޮލަސް ޓަގްލިއަފީކޯ ފޮނުވާލި ހަމަލާ ވެސް އަލް އޮވެއިސް ވަނީ މަތަކޮށްފައެވެ. މީގެއިތުރުން، ޕެނަލްޓީއޭރިޔާ ތެރެއިން މެސީ އަށް ފޮނުވާލަން ލިބުނު ރަނގަޅު ފުރުޞަތެއް ހުއްޓުވުމަށް ސައުދީ އަރަބިއާގެ އަލް ތަމްބަކްތީ ވަނީ މުހިއްމު ޓެކުލެއްކޮށް އެ ބޯޅަ ސަލާމަތްކޮށްފައެވެ.

މި މުބާރާތުގައި އާޖެންޓީނާ އަށް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމަށްޓަކައި ބާކީ އޮތް ދެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. އެ ޓީމަށް ދެން އޮތީ މި މަހުގެ 27 ވާ އާދީއްތަ ދުވަހު މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު، ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅޭ އެންމެ ފަހު މެޗުގައި އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.