މިފަހަރުގެ ވޯލްޑް ކަޕްގައި މިރޭ ކުޅުނު މެޗުގައި އޮސްޓްރޭލިއާ އަތުން ފަހަތުންއަރައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މޮޅުވިއިރު، އޮލިވިއޭ ޖިރޫ ވަނީ އެ ޓީމުގެ ލެޖެންޑް ތިއެރީ އޮންރީގެ ލަނޑުޖެހުމުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި މެޗުން ފްރާންސް މޮޅުވީ 4-1 އިންނެވެ.
މިއީ ފްރާންސުން ވޯލްޑް ކަޕްގައި ޖެހިޖެހިގެން މޮޅުވި ފަސްވަނަ މެޗެވެ. މީގެއިތުރުން، މިއީ 2006 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ބްރެޒިލް މޮޅުވި ފަހުން، ތަށި ދިފާއުކުރަން ނިކުތް ޗެމްޕިއަން ޓީމުން ޖެހިގެންއައި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.
މި ނަތީޖާއާއެކު ފްރާންސުން ވަނީ ގްރޫޕް ޑީ ގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު ހަމަޖެހިލައިފައެވެ. ދެވަނައިގައި އޮތް ޑެންމާކާއި، ޓިއުނީޝިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް އޮސްޓްރޭލިއާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
އަލް ވަކްރާގައި ހުންނަ އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ހީކުރި ގޮތާއި ހިލާފަށް ކުރީން ލީޑްނެގީ އޮސްޓްރޭލިއާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރެއިގް ގުޑްވިން އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ.
އޭގެ 18 ވަރަކަށް މިނެޓުފަހުން، ފްރާންސުން އެއްވަރުކުރި ލަނޑުޖަހައިދިނީ އެޑްރިއެން ރަބިއޯ އެވެ. މިއީ ފުރަތަމަ ހާފުގެ ކުރީކޮޅު ފްރާންސްގެ ފުލްބެކް ލޫކަސް ހެނާންޑޭޒް އަށް އަނިޔާވުމުން ބަދަލުގައި ކުޅެން ނިކުތް އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ތިއޯ ހެނާންޑޭޒް ނެގި ހުރަހަކުން ރަބިއޯ ބޮލުން ކާމިޔާބުކުރި ގޯލެކެވެ.
އަދި އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި ފްރާންސަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ޖިރޫ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ރަބިއޯ އެވެ. މިއީ ފްރާންސްގެ ޖާޒީގައި ޖިރޫ ޖެހި 50 ވަނަ ގޯލެވެ. މިއާއެކު، ޖިރޫ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި (ބައިކޮޅަށް ޖެހި ގޯލް ނުހިމެނޭ ގޮތަށް) ޔޫރަޕްގެ ގައުމަކަށް ލަނޑެއްޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. މި ލަނޑުޖެހިއިރު އޭނާގެ އުމުރަކީ 36 އަހަރާއި 53 ދުވަހެވެ.
މެޗުގެ 68 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކިލިއަން އެމްބާޕޭ ވަނީ ފްރާންސްގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެ ތިން މިނެޓުފަހުން ފްރާންސްގެ ފަހު ލަނޑު، އެމްބާޕޭ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޖިރޫ އެވެ. މިއާއެކު، ޖިރޫ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީގެން އޮންރީ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ފްރާންސަށް 51 ގޯލް ޖަހައިދީފައެވެ.
އޭގެފަހުން، ފްރާންސްގެ ލީޑް އިތުރަށް ފުޅާކޮށްދޭން ޖިރޫ އާއި އެމްބާޕޭގެ އިތުރުން އިބްރާހިމާ ކޮނާޓޭ އަދި އެންޓޮއިން ގްރީޒްމަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މީގެއިތުރުން، އޮސްޓްރޭލިއާ އިން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތްތައް ވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ދެމެދުގައި ކުޅެވުނު މެޗުގައި ޓިއުނީޝިއާ އަތުން ޑެންމާކަށް މޮޅެއް ނުވެވުނެވެ. މި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
އަދި ގްރޫޕް ސީ ގައި ހިމެނޭ ޕޮލެންޑާއި މެކްސިކޯގެ ކުރިމަތިލުން ނިމުނީ ވެސް 0-0 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އެ ޓީމަށް ލަނޑެއްޖަހައިދޭން ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ ފޮނުވާލި ބޯޅަ މެކްސިކޯގެ ގޯލްކީޕަރު ގިލޭމޯ އޮޗޯއާ ވަނީ މަތަކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން