މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ރެކޯޑް ގޯލާއެކު އެ ޓީމުން 3-2 ގެ ނަތީޖާއަކުން ގާނާ ބަލިކޮށްފައެވެ.

ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ފަސް މުބާރާތުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ. މިހާތަނަށްއައިއިރު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގައި ކުޅުނު 18 މެޗުގައި 8 ލަނޑުޖަހައިފައެވެ. އަނެއްކޮޅުން، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލް މޮޅުވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނަ އަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް އުރުގުއޭ އާއި ދެކުނު ކޮރެއާ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި ގާނާ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ދޯހާގައި ހުންނަ ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވެއެވެ. މި ހާފުގައި ޕޯޗުގަލްގެ ގޯލަށް އަމާޒުކޮށް ގާނާ އަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ.

ޕޯޗުގަލް ކޮޅަށް ލަނޑުޖެހުމަށްފަހު ގާނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ފީފާ

މެޗުގެ 65 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު، ރޮނާލްޑޯ ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ގާނާގެ ކުޅުންތެރިއަކު ރޮނާލްޑޯ އަށް ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ގާނާ އިން އެއްވަރުކުރި ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރެ އަޔޫ އެވެ. މިއީ އެ ޓީމުގެ މުހައްމަދު ކުޑޫސް އަރިމަތިން ހުރަސްކޮށްލި ބޯޅައެއް ޕޯޗުގަލްގެ ޑަނީލޯ ޕެރޭރާގެ ފައިގަ ޖެހިފައި ގޯލްގެ ކުރިމައްޗަށް އައި ވަގުތު އަޔޫ އަށް އެ ބޯޅަ ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 78 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ދިން ހިތްގައިމު ޕާހަކުން ޔާއޯ ފެލިކްސް ވަނީ ޕޯޗުގަލް އަށް އަލުން ލީޑްނަގައިދީފައެވެ. ޕޯޗުގަލް އިން މި ލަނޑުޖެހިތާ ދެ މިނެޓާއި 16 ވަރަކަށް ސިކުންތުގެ ތެރޭގައި މެޗުގެ 80 ވަނަ މިނެޓުގައި ރަފައެލް ލެއާއޯ ވަނީ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މިއީ ކުޅެން އެރިތާ 2 މިނެޓާއި 42 ސިކުންތުގެ ތެރޭގައި ލެއާއޯ ކާމިޔާބުކުރި ގޯލެކެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ފެނާންޑޭސް އެވެ.

މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ގާނާގެ އޮސްމާން ބުކާރީ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓު ކޮޅުގެ ތެރޭގައި ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ގާނާގެ ފޯވާޑް އިނާކީ ވިލިއަމްސް އަށް ފޮނުވާލަން ލިބުނު ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ. އެ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާ ވެއްޓުނީ އެވެ.

އުރުގުއޭއާ ދެކޮޅަށް ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ފީފާ

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ އުރުގުއޭއާ ދެކުނު ކޮރެއާ އަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފާއި، ދެވަނަ ހާފުގެ ފަހު ބައިގައި އުރުގުއޭ އިން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. އެގޮތުން، ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޑިއެގޯ ގޮޑިން ބޮލުން ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހުނުއިރު، މެޗުގެ 89 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ވެސް ގޯލްގެ ދަނޑިއަށެވެ.

މި މެޗުގައި ދެކުނު ކޮރެއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެމުން އަންނަ އުއީ ޖޯ ހްވާން އަށް ހުސްކޮށް ހުރެ ފޮނުވާލަން ލިބުނު ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފަހު ހާފުގައި އެ ޓީމުގެ ކެޕްޓަން ސޮން ހެއުން މިން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މި މުބާރާތުގައި ގްރޫޕް ޖީ ގައި ކުޅުނު މެޗުގައި ސްވިޒަލެންޑުން ވަނީ 1-0 އިން ކެމަރޫން ބަލިކޮށްފައެވެ. ސްވިޒަލެންޑްގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ކެމަރޫން އަށް އުފަން ވިންގް، ބްރީލް އެމްބޯލޯ އެވެ. އޭނާ މި ލަނޑުޖެހުމަށްފަހު އުފާ ފާޅެއް ނުކުރެއެވެ. މިއީ ސްވިޒަލެންޑްގެ ޖާޒީގައި އޭނާ ކުޅުނު 61 މެޗުގައި ޖެހި 13 ވަނަ ގޯލެވެ.