މިފަހަރުގެ ވޯލްޑް ކަޕްގައި މިރޭ އިކުއޭޑޯއާ ނެދަލެންޑްސް ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރު ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

އިކުއޭޑޯއާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. ސެނެގޯލް އަތުން ގަތަރު ބަލިވީ 3-1 އިންނެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި އުޅޭ ނެދަލެންޑްސް އާއި އިކުއޭޑޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް އިކުއޭޑޯ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގަތަރަށް ޕޮއިންޓް ލިބިފައިނުވާއިރު، އެ ޓީމު ވަނީ ކަޓައިފައެވެ.

ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ފަސް މިނެޓާއި ދެ ސިކުންތުގެ ތެރޭގައި ކުރީން ލީޑްނެގީ ނެދަލެންޑްސް އިންނެވެ. ޑޭވީ ކްލާސެން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ޖަހައިިދިނީ ކޯޑީ ގަކްޕޯ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ގަކްޕޯ ޖެހި ދެވަނަ ގޯލެވެ.

އިކުއޭޑޯ ކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ (ވ) އާއި ޑެލީ ބްލިންޑް އުފާ ފާޅުކުރަނީ. --ފޮޓޯ: ފީފާ

އިކުއޭޑޯ އިން މި ހާފުގެ އިތުރުވަގުތުގައި ގޯލެއް ކާމިޔާބުކުރި ނަމަވެސް، އޮފްސައިޑް ކަމަށް ނިންމާ ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އިކުއޭޑޯގެ ޕާވިސް އެސްޓުޕިނިއަން އެ ބޯޅަ ފޮނުވާލިއިރު، ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް އަށް ބޯޅަ އަށް މަސައްކަތްކުރަން އުނދަގޫވާނެ ގޮތަށް ކުރިމަތީގައި ޖެކްސަން ޕޮރޯޒޯ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

އޭގެކުރީން، މި ހާފުގައި އިކުއޭޑޯ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ ނެދަލެންޑްސްގެ ގޯލްކީޕަރު އަންދްރިއެސް ނޮޕާޓް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި އިކުއޭޑޯ އިން އެއްވަރުކުރި ލަނޑުޖަހައިދިނީ ވެލެންސިއާ އެވެ. މިއީ އެ ޓީމުގެ އެސްޓުޕިނިއަން ފޮނުވާލި ބޯޅައެއް ނެދަލެންޑްސްގެ ކީޕަރު ނޮޕާޓްގެ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ވެލެންސިއާ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. މީގެއިތުރުން، އިކުއޭޑޯ އިން ވޯލްޑް ކަޕްގައި އެންމެ ފަހުން ޖެހި ހަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ވެލެންސިއާ އެވެ.

އޭގެފަހުން، މެޗުގެ 59 ވަނަ މިނެޓުގައި ގޮންޒާލޯ ޕްލާޓާ ވަނީ އިކުއޭޑޯ އަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލައިފައެވެ. އެ ޓީމުގެ ޕްރެޝިއާޑޯ ނެގި ހުރަހަކުން ވެލެންސިއާ ފޮނުވާލި ބޯޅަ ވާޖިލް ވެން ޑައިކް ދިފާއުކުރުމުން އެ ބޯޅަ ޕްލާޓާ އަށް ލިބުމުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ގަތަރާ ދެކޮޅަށް ސެނެގޯލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މެޗުގެ އެންމެ ފަހު މިނެޓުގައި އިކުއޭޑޯގެ ކެޕްޓަން ވެލެންސިއާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. މީގެކުރީން، ގަތަރާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި ވެސް ވެލެންސިއާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ގަތަރުގެ މައްޗަށް ސެނެގޯލުން ވަނީ 3-1 އިން ކުރިހޯދައިފައެވެ. މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ 41 ވަނަ މިނެޓުގައި ސެނެގޯލްގެ ބުލާއޭ ޑިޔާ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ސެނެގޯލްގެ ލީޑް ފުޅާކޮށްދިނީ ފަމާރާ ދިއޭދޫ އެވެ. މިއީ އެ ޓީމުގެ އިސްމާއިލް ޖޭކޮބްސް ނެގި ކޯނަރެއްގެ އެހީގައި ދިއޭދޫ ޖެހި ގޯލެކެވެ.

މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ގަތަރުގެ މުހައްމަދު މުންތާރީ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މުންތާރީ މި ލަނޑުޖެހީ ބޮލުންނެވެ. މިއީ ވޯލްޑް ކަޕްގައި ގަތަރުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. 

އޭގެފަހުން، މެޗުގެ 84 ވަނަ މިނެޓުގައި ބަމްބާ ޑިއޭން ވަނީ ސެނެގޯލްގެ ދެ ލަނޑުގެ ލީޑް ދަމަހައްޓާފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ބާޑޫ އެންޑިއާޔޭ އެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުތީ ދެވަނަ ހާފުގައެވެ.