މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި ރޭ އެމެރިކާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މިއީ ވޯލްޑް ކަޕްގައި އިންގްލެންޑުން ލަނޑެއްނުޖެހި އެއްވަރުވި 12 ވަނަ މެޗެވެ. އެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ މެޗުން އެއްވަރުވެފައިވާ ޓީމަކީ ވެސް އިންގްލެންޑެވެ. މީގެއިތުރުން، މި މުބާރާތުގައި މިހާތަނަށް އެމެރިކާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. އަނެއްކޮޅުން މިއީ މި ފަހަރުގެ މުބާރާތުގައި އެއްވަރުވި ފަސްވަނަ މެޗެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް ބީ ގެ ހުރިހާ ޓީމަކަށް ވެސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. އެއްވަނައިގައި އޮތް އިންގްލެންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އީރާން ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އެވެ. އެމެރިކާ ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތްއިރު، ފުލުގައި އޮތް ވޭލްސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގަތަރުގެ އަލް ޚޯރްގައި ހުންނަ އަލްބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ އިންގްލެންޑުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އިންގްލެންޑްގެ ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ބުކާޔޯ ސަކާ ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން ހެރީ ކޭން ފޮނުވާލި ހަމަލާ އެމެރިކާގެ ވޯލްކާ ޒިމާމަން ވަނީ ބްލޮކްކޮށްފައެވެ.

އެމެރިކާ އިން ތަނަވަސްކުރި ފުރަތަމަ ފުރުޞަތުގައި 17 ވަނަ މިނެޓުގައި ވެސްޓަން މެކެނީ ނެގި ހުރަހަކުން ހާޖީ ރައިޓް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ތިން މިނެޓުފަހުން، އެމެރިކާގެ ޔޫނުސް މޫސާ އާއި ކްރިސްޓިއަން ޕުލިސިޗް ގުޅިގެން އިންގްލެންޑްގެ މެދުތެރެއިން ބެލިންހަމް އަތުން ހޯދީ ބޯޅައެއްގެ އެހީގައި އެ ޓީމުގެ ސާޖީނޯ ޑެސްޓް ހުރަހަކުން ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއެވެ.

އިންގްލެންޑްގެ ބުކާޔޯ ސަކާ (ވ) އެމެރިކާގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ފީފާ

މި ހާފުގައި ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެމެރިކާގެ މެކެނީ ހާފް ވޮލީއަކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އޭގެފަހުން، އޭރިޔާ ބޭރުން ޔޫނުސް މޫސާ ފޮނުވާލި ހަމަލާ އިންގްލެންޑްގެ ޑެކްލަން ރީސްގެ ގައިގަ ޖެހިފަ ގޯލާއި ދިމާއަށް ދިއުމުން ކީޕަރު ޕިކްފޯޑް މަތަކުރިއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އެމެރިކާގެ ޔޫނުސް މޫސާ ދިން ޕާހަކުން ޕުލިސިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވި ދެވަނަ ފަހަރެވެ. މީގެކުރީން، ވޭލްސްއާ ދެކޮޅަށް އެމެރިކާ ކުޅުނު މެޗުގައި އެ ޓީމުގެ ޖޯޝް ސާޖެންޓް ފޮނުވާލި ބޯޅައެއް ވެސް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ދެވަނަ ހާފުގައި ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާކަސް ރަޝްފޯޑް ޕެނަލްޓީއޭރިޔާގެ ކަނާއި ދިމާލުން ފޮނުވާލި ބޯޅަ އެމެރިކާގެ ގޯލްކީޕަރު މެޓް ޓާނާ މަތަކުރިއެވެ.

މުޅި މެޗުގައި ވެސް އެމެރިކާގެ އެޓޭކްތައް ހުއްޓުވުމުގައި އިންގްލެންޑްގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިން ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރިއިރު، އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާގެ ކުޅުމެވެ. އޭނާ ވަނީ މި މެޗުގައި އެމެރިކާގެ ކުޅުންތެރިން ފޮނުވާލި 6 ހަމަލާއެއް ބޮލުން ސަލާމަތްކޮށްފައެވެ.