މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މިރޭ ލިއޮނަލް މެސީ ދެއްކި މޮޅު ކުޅުމާއެކު މެކްސިކޯ އަތުން 2-0 އިން އާޖެންޓީނާ މޮޅުވެއްޖެއެވެ.

މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ މޮޅުވި ފުރަތަމަ ފަހަރެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވީ 2-1 އިންނެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މެކްސިކޯ އަތުން އާޖެންޓީނާ މޮޅުވި ހަތަރުވަނަ ފަހަރު ވެސް މެއެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީ ގެ އެއްވަނައިގައި އޮތީ ޕޮލެންޑެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާޖެންޓީނާގެ އިތުރުން ތިންވަނައިގައި އޮތް ސައުދީ އަރަބިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އާޖެންޓީނާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތް މެކްސިކޯ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމަށް ލިބުނު ހިލޭޖެހުމަކުން އަލެކްސިސް ވެގާ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ހުއްޓުވިއެވެ.

މި މެޗުގެ 64 ވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑްނެގީ މެސީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ގޯލާއި 25 ޔާޑް ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން މެސީ ކާމިޔާބުކުރި ގޯލެކެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެންހެލް ޑި މާރިއާ އެވެ. 

މި ގޯލާއެކު މެސީ ވަނީ އާޖެންޓީނާގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިިޔާގެ ޝަރަފު ހޯދައިފައެވެ. މެސީ ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 8 ލަނޑުޖަހައި، ކުރީގެ ލެޖެންޑް ޑިއޭގޯ މެރެޑޯނާގެ ރެކޯޑާ އެއްވަރުކޮށްފައެވެ. އެ ޓީމަށް މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑުޖަހައިދީފައިވަނީ ގެބްރިއެލް ބަޓިސްޓޫޓާ (10) އެވެ. 

މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް މެސީ ދިން ޕާހަކުން އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާގެ ދެވަނަ ލަނޑުޖަހައިދީފައެވެ. ފެނާންޑޭޒް ޖެހި މި ގޯލަކީ މެސީ ދިން ޕާހަކުން ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މިރޭގެ މެޗަކީ ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ބަޔަކު ދަނޑަށް ކުޅިބަލަން ވަން މެޗެވެ. އެގޮތުން، މެކްސިކޯއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ބަލަން ދަނޑަށް ވަތް ސަޕޯޓަރުންގެ އަދަދަކީ 88،966 އެވެ. މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ކުޅިބަލަން ވަތް މެޗަކީ 1994 ވަނަ އަހަރުގެ ފައިނަލްގައި އިޓަލީއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗެވެ. އެ މެޗު ބަލަން ވަތް ސަޕޯޓަރުންގެ އަދަދަކީ 94،194 އެވެ.