މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ ދެކުނު ކޮރެއާ އަތުން 3-2 އިން ގާނާ މޮޅުވެއްޖެއެވެ.

މިއީ ގާނާ އިން ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ ވޯލްޑް ކަޕްގެ މެޗެއްގައި އެ ޓީމުން ތިން ލަނޑުޖެހި ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ނަތީޖާއާއެކު ގާނާ އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައި އުޅޭ ޕޯޗުގަލްއާ އެއްވަރަށް ތިން ޕޮއިންޓް ހޯދައިގެން ފައިދާ ގޯލްގެ ތަފާތުން ދެވަނައިގައެވެ. އުރުގުއޭ އޮތީ ތިންވަނައިގައި އެއް ޕޮއިންޓާއެކު އެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ދެކުނު ކޮރެއާ އޮތީ އެންމެ ފުލުގައެވެ.

ދޯހާގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 24 ވަނަ މިނެޓުގައި ގާނާ އިން ލީޑްނެގީ މުހައްމަދު ސަލީސޫ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޖޯޑަން އަޔޫ ފޮނުވާލި ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްވީ ބޯޅައަކުން ސަލީސޫ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، ގާނާ އިން ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ކުޑޫސް އެވެ. މި ގޯލްގައި ވެސް އަޔޫގެ ހިއްސާ ބޮޑެވެ.

ދެކުނު ކޮރެއާ އިން ފަހު ހާފު ފެށިގެން ގާނާގެ ޑިފެންސަށް ބާރުބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު، 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗޯ ގެއި ސުން އެވެ. ލީ ކަން އިން ނެގި ހުރަހަކުން ޗޯ މި ލަނޑުޖެހީ ބޮލުންނެވެ. އޭގެކުރީން، އެ ޓީމުގެ ކިމް ޖިން ސޫ ނެގި ހުރަހަކުން ޗޯ ބޮލުން ފޮނުވާލި ބޯޅަ ގާނާގެ ގޯލްކީޕަރު އަޓީ ޒިގީ މަތަކުރިއެވެ.

އޭގެ ތިން މިނެޓު ފަހުން، ދެކުނު ކޮރެއާ އިން އެއްވަރުކުރި ލަނޑުޖެހީ ވެސް ޗޯ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކިމް ޖިން ސޫ އެވެ.

އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ގާނާ އިން ވަނީ އަލުން ލީޑްނަގައިފައެވެ. އަރިމަތިން އެ ޓީމުގެ މެންސާ ނެގި ހުރަހަކުން ލިބުނު ބޯޅަ ކުޑޫސް ވަނީ އެއް ފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. މި ބޯޅަ އަށް އެ ޓީމުގެ އިނާކީ ވިލިއަމްސް މަސައްކަތްކުރި ނަމަވެސް ފަޔަށް ލައްވާލާގޮތެއްނުވިއެވެ.

މެޗުގެ ފަހުބައިގައި ދެކުނު ކޮރެއާ އިން އަލުން އެއްވަރުކުރަން ކުރި މަސައްކަތްތަކުގެ ތެރެއިން ޗޯ ފޮނުވާލި ދެ ހަމަލާއެއް ގާނާގެ ކީޕަރު ޒިގީ ހުއްޓުވިއިރު، ސޮން ފޮނުވާލި ދެ ބޯޅައެއް ގާނާގެ ކުޅުންތެރިން ބްލޮކްކުރިއެވެ. އަދި އެ ޓީމުގެ ކިމް ޖިން ސޫ ފޮނުވާލި ހަމަލާ ގާނާގެ ޑިފެންޑަރު ސަލީސޫ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

މި މެޗު ނިމުނު ވަގުތުގައި ދެކުނު ކޮރެއާ އަށް ކޯނަރެއް ލިބިފައިވަނިކޮށް އެ ފުރުޞަތު އެ ޓީމަށް ނުދީ ރެފްރީ އެންތަނީ ޓޭލާ ކަށިގަނޑު ފުމެލާ، މެޗު ނިންމާލުމުން ރެފްރީ ގާތަށް ގޮސް އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ.

މި މުބާރާތުގައި ގްރޫޕް ޖީ ގައި ހިމެނޭ ކެމަރޫންއާ ދެކޮޅަށް ސާބިއާ ކުޅުނު މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އަލް ވަކްރާގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ޗާލްސް ކަސްޓެލެޓޯ ވަނީ ކެމަރޫނަށް ލީޑްނަގައިދީފައެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރީން އިތުރުވަގުތުގައި ސާބިއާ އިން ވަނީ ދެލަނޑުޖަހައި، ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޓަރަހިންޖާ ޕަވްލޮވިޗް އެވެ. އޭގެ ދެ މިނެޓުފަހުން، ސާރްގެއި މިލިންކޮވިޗް ސަވިޗް ވަނީ ސާބިއާ އަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑްނަގައިދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި އަލެކްސެންޑަ މިޓްރޮވިޗް ވަނީ އެ ޓީމަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. ނަމަވެސް، އޭގެ 10 މިނެޓުފަހުން، ވިންސެންޓް އަބޫބަކާރު ވަނީ ކެމަރޫނަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓުފަހުން، ކެމަރޫން އިން ނަތީޖާ ހަމަހަމަކުރުމަށް ކެޕްޓަން ޗޫޕޯ މޯޓިން ވައްދާލި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އަބޫބަކާރު އެވެ.