މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު އާޖެންޓީނާ އިން ގްރޫޕް ސީ ގެ އެއްވަނަ މަގާމް ހޯދިއިރު، 36 އަަހަރަށްފަހު ޕޮލެންޑުން އެ މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައިފިއެވެ.
އާޖެންޓީނާ އަތުން 2-0 އިން ޕޮލެންޑް ބަލިވިއިރު، ސައުދީ އަރަބިއާ އަތުން މެކްސިކޯ މޮޅުވީ 2-1 އިންނެވެ.
މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނޮކްއައުޓް ބުރަށް ޖެހިޖެހިގެން ދަތުރުކުރި ފަސްވަނަ ފަހަރެވެ. އަދި މިހާތަނަށް އެ ޓީމު ކުޅުނު 14 މުބާރާތުގެ ތެރެއިން 13 ފަހަރު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
ރޭގެ މެޗުތަކަށްފަހު އާޖެންޓީނާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެއްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ޕޮލެންޑް އޮތްއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ މެކްސިކޯ އެވެ. އެންމެ ފުލުގައި ސައުދީ އަރަބިއާ އޮތީ ތިން ޕޮއިންޓާއެކު އެވެ.
ދެވަނަ ބުރުގައި އާޖެންޓީނާ ނިކުންނަން ޖެހެނީ ގްރޫޕް ޑީ ގެ ދެވަނަ މަގާމް ހާސިލްކުރި އޮސްޓްރޭލިއާ އާ ދެކޮޅަށެވެ. ޕޮލެންޑް ނިކުންނާނީ އެ ގްރޫޕުގެ އެއްވަނަ ހޯދި ފްރާންސާ ދެކޮޅަށެވެ.
ދޯހާގެ ސްޓޭޑިއަމް 974 ގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެފައިނުވާއިރު، މި ހާފުގައި ލަނޑެއްޖެހުމަށް އާޖެންޓީނާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މެސީ ފޮނުވާލުމުން ޕޮލެންޑްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ.
މިއާއެކު، މެސީ އަކީ 1966 ވަނަ އަހަރުގެ މުބާރާތުގެ ފަހުން ވޯލްޑް ކަޕެއްގައި ދެ ޕެނަލްޓީ ނާކާމިޔާބުވި ދެވަނަ ކުޅުންތެރިޔާ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން އެއްވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑްނެގީ އަލެކްސިސް މެކަލިސްޓާ ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ފުލްބެކް ނަހުއެލް މޮލީނާ ނެގި ހުރަހަކުން މެކަލިސްޓާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ހޫލިއަން އަލްވަރޭޒް ވަނީ އާޖެންޓީނާގެ ލީޑް ފުޅާކޮށްދީފައެވެ.
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ސައުދީ އަރަބިއާ އަތުން މެކްސިކޯ 2-1 އިން މޮޅުވި ނަމަވެސް، އެ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބުނީ ފައިދާ ގޯލްގެ ތަފާތުން ޕޮލެންޑަށް ކުރިލިބުމުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނެޓުގެ ތެރޭގައި މެކްސިކޯ އިން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ.
މެޗުގެ 47 ވަނަ މިނެޓުގައި ހެންރީ މާޓިންގެ ގޯލުން މެކްސިކޯ ލީޑްނެގިއިރު، އޭގެ ފަސް މިނެޓުފަހުން ލުއިސް ޗާވޭޒް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ސައުދީ އަރަބިއާގެ ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސާލެމް އަލް-ދައުސާރީ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން