މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އެފް ގައި ހިމެނުނު މޮރޮކޯ އާއި ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ މުބާރާތުގެ ގަދަ 16 ގެ ބުރަށް ނުގޮސް ބެލްޖިއަމް ކަޓައިފިއެވެ.

ކެނަޑާ އަތުން މޮރޮކޯ މޮޅުވީ 2-1 އިންނެވެ. ބެލްޖިއަމްއާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު މޮރޮކޯ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކްރޮއޭޝިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ޕޮއިންޓާއެކު ބެލްޖިއަމަށް ލިބުނީ ތިންވަނަ އެވެ. އެންމެ ފުލުގައި އޮވެ މުބާރާތް ނިންމާލި ކެނަޑާ އަށް ޕޮއިންޓެއްނުލިބެއެވެ.

މިއީ 1986 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އެ ޓީމުން ކުޅުނު ހަވަނަ މުބާރާތެވެ. އަދި މިއީ ޖެހިޖެހިގެން އެ ޓީމު ނިކުތް ދެވަނަ މުބާރާތެވެ. އަނެއްކޮޅުން، 1998 ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ އެއްވަނަ މަގާމް ހާސިލްކުރި ފަހުން މިއީ އެފްރިކާ ބައްރުގެ ޓީމަކުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ކެނަޑާއާ ދެކޮޅަށް މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ދޯހާގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި މޮރޮކޯ އަށް ލީޑްނަގައިދިނީ ހަކިމް ޒިޔެޗް އެވެ. މިއީ ކެނަޑާގެ ގޯލްކީޕަރު މިލާން ބޯރްޔާން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޒިޔެޗް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 23 ވަނަ މިނެޓުގައި މޮރޮކޯގެ ދެވަނަ ލަނޑުޖަހައިދިނީ ޔޫސުފް އެން-ނެސީރީ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، ކެނަޑާ އިން ފަރަގު ކުޑަކުރިއެވެ. މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމުން ކާމިޔާބުކުރި މި ގޯލަކީ މޮރޮކޯގެ ޑިފެންޑަރު ނަޔެފް އަގުއާޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގައި މޮރޮކޯގެ އެން-ނެސީރީ ގޯލެއް ޖެހިއިރު، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އެން-ނެސީރީ އެ ބޯޅަ ފޮނުވާލިއިރު އެ ޓީމުގެ ޑިފެންޑަރު އަގުއާޑް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ދެވަނަ ހާފުގައި ކެނަޑާގެ އަޓީބާ ހަޗިންސަން ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ނުވަނީ ހަމަ ކިރިޔާ އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި، ގޯލް ރޮނގުމަތިން މޮރޮކޯގެ ކުޅުންތެރިން ވަނީ ސަލާމަތްކޮށްފައެވެ.

މެޗަށްފަހު ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް (ވ) އާއި ޑޭޔަން ލޮވްރެން އުފާ ފާޅުކުރަނީ. --ފޮޓޯ: ފީފާ

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި މިދިޔަ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އިން ވަނީ އެ މުބާރާތުގެ ތިންވަނަ މަގާމަށް ހޮވުނު ބެލްޖިއަމްއާ އެއްވަރުކޮށް، އެ ޓީމު ކަޓުވާލައިފައެވެ.

އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ ސިކުންތުގައި ކްރޮއޭޝިއާ އަށް ލަނޑުޖަހަން ލިބުނު ފުރަތަމަ ފުރުޞަތުގައި އިވާން ޕެރިސިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިިރިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ ކުޅެންއަރުވައި، އެ ޓީމުގެ ފޯމޭޝަން 3-4-3 އަށް ބަދަލު ގެނެސްފައެވެ. އޭގެނަތީޖާއެއްގެ ގޮތުން، ލިބޭ ފުރުޞަތުތަކުގައި ލުކާކޫ ދިޔައީ ކްރޮއޭޝިއާގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. އެކަމަކު، ލުކާކޫ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެގޮތުން، އޭނާ ވަނީ ލަނޑުޖަހަން ލިބުނު ރަނގަޅު ތިން ފުރުޞަތެއް ބޭކާރުކޮށްލައިފައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ ނިކުންނާނީ ސްޕެއިނާއި ޖަރުމަނު އަދި ޖަޕާން ހިމެނޭ ގްރޫޕު އީ ގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. ގްރޫޕް އެފްގެ އެއްވަނަ ޓީމު ކަމަށްވާ މޮރޮކޯ ކުޅެން ޖެހޭނީ ގްރޫޕް އީ ގެ ދެވަނަ ޓީމާ އެވެ.