މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ޖަޕާނާއި ސްޕެއިން ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖަރުމަނުން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
މިއީ ޖަޕާނުން ޖެހިޖެހިގެން ކުޅެވުނު ދެ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ 2002 ވަނަ އަހަރުގެ ފަހުން ގްރޫޕްގެ އެއްވަނަ މަގާމު އެ ޓީމުން ހޯދި ފުރަތަމަ ފަހަރު ވެސް މެއެވެ. އަނެއްކޮޅުން، މިއީ 1982 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުތަކަށްފަހު ޖަޕާން އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސްޕެއިނާއި، ތިންވަނައިގައި އޮތް ޖަރުމަނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސްޕެއިނަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ކޮސްޓަ ރީކާ ނިންމާލީ ތިން ޕޮއިންޓާއެކު ގްރޫޕުގެ އެންމެ ފުލުގައި އޮވެގެންނެވެ.
ސްޕެއިނުން ރޭގެ މެޗަށް ނިކުތީ ޖަރުމަނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެވެ. ޖަޕާނުން ވަނީ އެންމެ ފަހުން ކޮސްޓަ ރީކާ އަތުން 1-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްފައެވެ.
އަލް-ރައްޔާންގައި ހުންނަ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 8 ވަނަ މިނެޓުގައި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕެނަލްޓީއޭރިޔާ ބޭރުން ޖަޕާނުގެ ކުޅުންތެރިން ހޯދީ ބޯޅައަކުން އެ ޓީމުގެ ޔުންޔާ އިޓޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑްނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. މިއީ އެ ޓީމުގެ ތަޖުރިބާކާރު ފުލްބެކް ސެޒާ އަޒްޕިލިކުއެޓާ ކަނާތް ފަރާތުން ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މޮރާޓާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 26 ވަނަ މިނެޓުގައި ސްޕެއިނުގެ އަޒްޕިލިކުއެޓާ އާއި މޮރާޓާ ގުޅިގެން އުފެއްދި އެޓޭކެއްގައި އެ ޓީމުގެ ޑަނީ އޮލްމޯ އަށް ދިން ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ޖަޕާނުގެ އިޓޯ ދިން ބޯޅައަކުން ރިޓްސޫ ޑޯއާން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ސްޕެއިނުގެ ގޯލްކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފައެވެ.
އޭގެ ތިން މިނެޓުފަހުން، އާއޯ ޓަނާކާ ވަނީ ގޯލްގެ ރޮނގުމަތީން ކަހަލަގޮތަކަށް ފޮނުވާލި ބޯޅައަކުން ޖަޕާނަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. މިއީ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިން ޑޯއާން ފޮނުވާލި ބޯޅައެއް ގޯލް ކުރިމަތިން ހުރަސްވެގެންދިއުމުން އެ ބޯޅަ ކައޮރޫ މިޓޯމާ އަށް ލިބުމުން ބޯޅަ ރޮނގު ހުރަސްކޮށް އެއްކޮށް ބޭރުވުމުގެ ކުރީން ނަގައިދިން ހުރަހަކުން ޓަނާކާ ކާމިޔާބުކުރި ގޯލެކެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ބޯޅަ ބޭރުވިތޯ ޔަގީންކުރުމަށް ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.
އޭގެފަހުން، ޖަޕާނުގެ ލީޑް ފުޅާކޮށްދޭން މެޗުގެ 70 ވަނަ މިނެޓުގައި ޖަޕާނުގެ ވާތު ވިންގުން މިޓޯމާ އިސްވެ ހުރެ އުފެއްދި އެޓޭކަކުން އެ ޓީމުގެ ޓަކޫމާ އަސާނޯ އޭރިޔާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި ސްޕެއިނުން އެއްވަރުކުރަން ކުރި މަސައްކަތްތަކުގެ ތެރެއިން މާކޯ އަސެންސިއޯ ފޮނުވާލި ބޯޅަ ޖަޕާނުގެ ޝުއިޗީ ގޮންޑާ މަތަކުރިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ އޮލްމޯ ފޮނުވާލުމުން ވެސް ހުރަހަކަށްވީ ގޮންޑާ އެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެދުގައި އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޖަރުމަނުންނެވެ. ޑޭވިޑް ރައުމް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާޖް ނެބްރީ އެވެ.
ކޮސްޓަ ރީކާ އިން އެއްވަރުކުރީ 58 ވަނަ މިނެޓުގައި ޔެލްސިން ޓެޖޭޑާ ވައްދާލި ލަނޑުންނެވެ. އަދި އޭގެފަހުން، މެޗުގެ 70 ވަނަ މިނެޓުގައި ޖަރުމަނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ އަތުން ބައިކޮޅަށް ވަތް ގޯލަކުން ކޮސްޓަ ރީކާ ވަނީ ފުރަތަމަ ފަހަރަށް ލީޑްނަގައިފައެވެ. އެކަމަކު، އޭގެ ތިން މިނެޓުފަހުން ކާއީ ހަވާޓްޒް ކާމިޔާބުކުރި ގޯލާއެކު ޖަރުމަނުން އެއްވަރުކުރިއެވެ. އަދި އޭގެފަހުން، މެޗުގެ 85 އާއި 89 ވަނަ މިނެޓުގައި ހަވާޓްޒް އާއި ނިކްލަސް ފުލްކްރޫގް ވައްދާލި ލަނޑުތަކާއެކު ޖަރުމަނުން މެޗު ކާމިޔާބުކުރީ 4-2 އިންނެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ގްރޫޕް އީ ގެ އެއްވަނަ ހޯދި ޖަޕާން ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް އެފްގެ އެއްވަނަ މަގާމް ހާސިލްކުރި މޮރޮކޯ ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން