މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ގަދަފަދަ ޕޯޗުގަލް 2-1 އިން ބަލިކޮށް ދެކުނު ކޮރެއާ އިން އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، ގާނާ އަތުން 2-0 އިން މޮޅުވިނަމަވެސް އުރުގުއޭ ނޮކްއައުޓް ބުރަށް ނުގޮސް ކަޓައިފިއެވެ.
މި ނަތީޖާއާއެކު ޕޯޗުގަލް އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ދެކުނު ކޮރެއާ އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ޖެހި ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ އުރުގުއޭ އެވެ. ގާނާ އޮތީ ތިން ޕޮއިންޓާއެކު ފުލުގައެވެ.
ދޯހާގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑްނަގައިދިނީ ރިކާޑޯ ހޯރްޓާ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ޑިއޯގޯ ޑަލޮޓް ދިން ޕާހަކުން ހޯރްޓާ ކާމިޔާބުކުރި ގޯލެކެވެ.
ދެކުނު ކޮރެއާ އަށް މެޗުގެ 27 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ކިމް ޔޫން-ވޮން އެވެ. މިއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދިފާއުކުރަން ޖައްސާލި ބޯޅައެއް ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ކިމްޔޫން-ވޮން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ޕޯޗުގަލްގެ ޑަލޮޓް އާއި ވިޓީނިއާ ފޮނުވާލި ހަމަލާތައް ދެކުނު ކޮރެއާގެ ގޯލްކީޕަރު ކިމް ސެން-ޔޫ ވަނީ ހުއްޓުވާފައެވެ. ރީބައުންޑްގައި ރޮނާލްޑޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ދެކުނު ކޮރެއާގެ ކިމް ޖިން-ސޫ ދިން ބޯޅައަކުން ސޮން ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ފުލްބެކް ޔާއޯ ކަންސޭލޯ ވަނީ ބްލޮކްކޮށްފައެވެ. ދެ ޓީމު 1-1 އިން އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރުވަގުތުގެ އެއްވަނަ މިނެޓުގައި ދެކުނު ކޮރެއާ މޮޅުވި ލަނޑުޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް ވުލްވްސްގެ ފޯވާޑް ވަން ހީ-ޗޭން އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ސޮން ހެއުން-މިން ދިން ބޯޅައަކުން ހީ-ޗޭން ކާމިޔާބުކުރި ގޯލެކެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އުރުގުއޭ އިން ވަނީ 2-0 ގެ ނަތީޖާއަކުން ގާނާ ބަލިކޮށްފައެވެ. މި މެޗުގެ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އުރުގުއޭގެ ދެ ލަނޑުވެސް ޖަހައިދިނީ ޖިއޯޖިއަން ޑެ އަރަސްކައޭޓާ އެވެ.
އޭގެކުރީން، މެޗުގެ 18 ވަނަ މިނެޓުގައި ގާނާ އަށް ލީޑްނަގައިދޭން އެ ޓީމުގެ ކެޕްޓަން އަންދްރޭ އަޔޫ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ގާނާގެ މުހައްމަދު ކުޑޫސް އަށް އުރުގުއޭގެ ގޯލްކީޕަރު ސާޖިއޯ ރޮޗެޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގާނާގެ އަޔޫ ފޮނުވާލުމުން އުރުގުއޭގެ ކީޕަރު ރޮޗެޓް މަތަކުރިއެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ދެކުނު ކޮރެއާ ކުޅެން ޖެހޭނީ ގްރޫޕް ޖީ ގެ އެއްވަނަ ޓީމާ އެވެ. އެ މަގާމަށް އެންމެ ވާދަކުރަނީ ބްރެޒިލާއި ސްވިޒަލެންޑެވެ. ގްރޫޕް އެޗްގެ އެއްވަނަ މަގާމް ހާސިލްކުރި ޕޯޗުގަލް ނިކުންނާނީ ގްރޫޕް ޖީ ގެ ދެވަނަ ޓީމާ ދެކޮޅަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން