މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ރޭ ބްރެޒިލް އަތުން 1-0 އިން ކެމަރޫން މޮޅުވިއިރު، ސާބިއާ 3-2 އިން ބަލިކޮށް ސްވިޒަލެންޑުން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް ޖީ ގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ސްވިޒަލެންޑެވެ. ތިންވަނައިގައި ކެމަރޫން އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ސާބިއާ އޮތީ އެއް ޕޮއިންޓާއެކު އެންމެ ފުލުގައެވެ.

ދެވަނަ ބުރުގައި ބްރެޒިލް ނިކުންނާނީ ގްރޫޕް އެޗްގެ ދެވަނަ ޓީމު ކަމަށްވާ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ސްވިޒަލެންޑް ނިކުންނާނީ ގްރޫޕް އެޗްގެ އެއްވަނަ މަގާމް ހާސިލްކުރި ޕޯޗުގަލްއާ ދެކޮޅަށެވެ.

ބްރެޒިލުން ރޭގެ މެޗަށް ނިކުތްއިރު ކޯޗު ޓީޓޭ ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ހުރިހާ ކުޅުންތެރިން ބަދަލުކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރީ 39 އަހަރުގެ ޑެނީ އަލްވޭސް އެވެ. އޭނާ އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ބްރެޒިލަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ބްރެޒިލާ ދެކޮޅަށް ކެމަރޫން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 14 ވަނަ މިނެޓުގައި ބްރެޒިލަށް ލީޑްނަގައިދޭން ފްރެޑް ނަގައިދިން ހުރަހަކުން އެ ޓީމުގެ ގެބްރިއެލް މާޓިނެއްލީ ބޮލުން ފޮނުވާލި ބޯޅަ ކެމަރޫންގެ ގޯލްކީޕަރު ޑެވިސް އެޕާސީ މަތަކުރިއެވެ.

ފުރަތަމަ ހާފުގައި ކެމަރޫނަށް ލަނޑެއްޖަހަން ލިބުނު އެންމެ ފުރަތަމަ ފުރުޞަތުގައި 20 ވަނަ މިނެޓުގައި އެ ޓީމުގެ އެރިކް މެކްސިމް ޗޫޕޯ މޯޓިން އާއި ނޫހޫ ޓޯލޯ ގުޅިގެން އުފެއްދި ހަމަލާއެއްގައި ވިންސެންޓް އަބޫބަކާރަށް ދިން ބޯޅަ އޭނާ އަށް ލިބުމުގެ ކުރީން ބްރެޒިލްގެ ގޯލްކީޕަރު އެޑަސަން މޮރައެސް ހުއްޓުވިއެވެ. އޭގެފަހުން، ބްރެޒިލްގެ ވިންގް، އެންތަނީ އާއި މާޓިނެއްލީ ފޮނުވާލި ހަމަލާތައް ކެމަރޫންގެ ކީޕަރު އެޕާސީ މަތަކުރިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އާއި މާޓިނެއްލީ ފޮނުވާލި ހަމަލާތައް ކެމަރޫންގެ ކީޕަރު އެޕާސީ މަތަކުރިއިރު، ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ފޮނުވާލި ބޯޅަ އެޕާސީ މަތަކުރުމުން ދެވަނަ ފަހަރަށް މިލިޓާއޯ ފޮނުވާލި ހަމަލާ އެޕާސީ އަތުގައި ޖެހިފައި ބޭރަށް ދިޔައީ ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައެވެ.

މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ކެމަރޫންގެ ފޯވާޑް ކާލް ޓޯކޯ އެކާމްބީ، ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެޑަސަން މަތަކުރިއިރު، އޭގެފަހުން އަބޫބަކާރު ފޮނުވާލި ބޯޅަ ޑެނީ އަލްވޭސް ބްލޮކްކުރިއެވެ.

ސާބިއާ އާ ދެކޮޅަށް ސްވިޒަލެންޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ކެމަރޫނަށް ކާމިޔާބުކޮށްދިނީ އަބޫބަކާރު އެވެ. މިއީ ކައުންޓާ އެޓޭކުގައި އަރިމަތިން އެ ޓީމުގެ ޖެރޯމް ބެކެލީ ނަގައިދިން ހުރަހަކުން އަބޫބަކާރު ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން ޖޯޒީ ބޭލުމުން އަބޫބަކާރަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކައިފައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެދުގައި ކުޅެވުނު މެޗުގެ 20 ވަނަ މިނެޓުގައި ޒެރްދަން ޝަކީރީ ކާމިޔާބުކުރި ގޯލާއެކު ސްވިޒަލެންޑުން ލީޑްނެގިއެވެ. އެކަމަކު، އޭގެފަހުން، ނުވަ މިނެޓުގެ ތެރޭގައި ސާބިއާގެ އަލެކްސެންޑަ މިޓްރޮވިޗް އާއި ޑޫސަން ވްލަހޯވިޗް ކާމިޔާބުކުރި ގޯލުތަކާއެކު އެ ޓީމުން ފަހަތުންއަރައި ލީޑްނެގިއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރީން، ބްރީލް އެމްބޯލޯ ވަނީ ސްވިޒަލެންޑަށް އެއްވަރުކޮށްދީފައެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ވައްދާލި ލަނޑާއެކު ސްވިޒަލެންޑުން ވަނީ އަލުން ލީޑްނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރެމޯ ފްރެއޮލާ އެވެ.