މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މިރޭ ކިލިއަން އެމްބާޕޭ ވައްދާލި ދެ ލަނޑާއެކު ފްރާންސުން 3-1 އިން ޕޮލެންޑް ބަލިކޮށް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މޮޅާއެކު ފްރާންސުން ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ދެވަނަ ބުރުގައި ވާދަކުރި ހަ ފަހަރު ވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަނެއްކޮޅުން މިއީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ވާދަކޮށް މޮޅުވި ފަސްވަނަ މެޗެވެ.

ދޯހާގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް ލަނޑުޖަހަން ލިބުނު ފުރަތަމަ ފުރުޞަތުގައި 35 ވަނަ މިނެޓުގައި އެމްބާޕޭ ފޮނުވާލި ބޯޅަ ޕޮލެންޑްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ.

އޭގެ ތިން މިނެޓުފަހުން، ޕޮލެންޑްގެ ޕިއޮޓްރެ ޒިއެލިންސްކީ ފޮނުވާލި ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ޒިއެލިންސްކީ ފޮނުވާލުމުން ފްރާންސްގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ދިފާއުކުރިއެވެ. އެއަށްފަހު، ދެން އެ ބޯޅަ ޕޮލެންޑްގެ ކަމިންސްކީ ފޮނުވާލުމުން ރަފައެލް ވަރާން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ (ކ) ޕޮލެންޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ފްރާންސުން ލީޑްނެގީ އެމްބާޕޭ ދިން ބޯޅައަކުން އޮލިވިއޭ ޖިރޫ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފްރާންސްގެ ޖާޒީގައި އޭނާ ޖެހި 52 ވަނަ ލަނޑެވެ. މިއާއެކު، ޖިރޫ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރީން މި ރެކޯޑް އޮންނަނީ 51 ގޯލާއެކު ތިއެރީ އޮންރީ އަތުގައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ފްރާންސްގެ ލީޑް ފުޅާކޮށްދޭން އެންޓޮއިން ގްރީޒްމަން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޕޮލެންޑްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ ތިއޯ ހެނާންޑޭޒް އަށް ލިބުމުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

އޭގެފަހުން، ޖިރޫ އާއި އެމްބާޕޭ އަދި ޑެމްބެލޭ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުމެއް ނުހިފުނެވެ. މި ހާފުގައި ޕޮލެންޑަށް ލިބުނު ފުރަތަމަ ފުރުޞަތުގައި އެ ޓީމުގެ ޒިއެލިންސްކީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޕެނަލްޓީއޭރިޔާ ތެރެއިން ގްލިކް ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ޕޮލެންޑާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މެޗުގެ 74 ވަނަ މިނެޓުގައި ފްރާންސްގެ ދެވަނަ ލަނޑުޖަހައިދިނީ އެމްބާޕޭ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. މިއީ ޕޮލެންޑްގެ ހަމަލާއެއް ހުއްޓުވުމަށްފަހު ފްރާންސްގެ ޕެނަލްޓީއޭރިޔާ ތެރެއިން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅައެއް މެދު ރޮނގާ ހިސާބުން ޖިރޫ އަށް ލިބުމުން ޑެމްބެލޭ އަށް ދިން ޕާހަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި މާކަސް ތުރާމް ދިން ޕާހަކުން އެމްބާޕޭ ވަނީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މި ގޯލާއެކު އެމްބާޕޭ ވަނީ މި ފަހަރުގެ މުބާރާތުގެ ލަނޑުލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. އެމްބާޕޭ ވަނީ މިހާތަނަށް ފަސް ލަނޑުޖަހައިފައެވެ.

ޕޮލެންޑުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ އެވެ. މި ޕެނަލްޓީ އެންމެ ފުރަތަމަ ލެވަންޑޯސްކީ ފޮނުވާލުމުން ފްރާންސްގެ ގޯލްކީޕަރު ލޮރިސް މަތަކުރިއެވެ. އެކަމަކު، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އަލުން އެ ޕެނަލްޓީ ފޮނުވާލަން އަންގާފައެވެ. އެއީ އެ ބޯޅަ ލެވަންޑޯސްކީ ފޮނުވާލުމުގެ ކުރީން ފްރާންސްގެ ކީޕަރު ލޮރިސް ގޯލް ރޮނގުގެ ކުރިއަށް ނިކުތުމުންނެވެ.