މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅެވުނު ގަދަ 16 ގެ ބުރުގެ މެޗުގައި ފަސޭހަކަމާއެކު ސެނެގޯލް 3-0 އިން ބަލިކޮށް އިންގްލެންޑުން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އިންގްލެންޑުން ކުއާޓާ ފައިނަލަށް ދަތުރުކުރި 10 ވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕް މެޗެއްގައި ސެނެގޯލް ކޮޅަށް ތިން ގޯލް ވަތް ދެވަނަ ފަހަރެވެ.

މިއާއެކު، އިންގްލެންޑުން ކުއާޓާގައި ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ މި މަހުގެ 11 ވާ އާދީއްތަ ދުވަހު އެވެ.

އިންގްލެންޑުން ރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން ގްރޫޕް ސްޓޭޖުގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ވަނީ ބަދަލެއް ގެނެސްފައެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު މާކަސް ރަޝްފޯޑްގެ ބަދަލުގައި ރޭގެ މެޗުގައި ކުޅުނީ ބުކާޔޯ ސަކާ އެވެ. ސެނެގޯލުން ރޭގެ މެޗަށް ނިކުތީ ސަސްޕެންޝަނުގައި ހުރި މިޑްފީލްޑަރު އިދްރިސާ ގާނާ ގޭއި އާއި އަނިޔާގައި ހުރި ޗެއިކޫ ކުޔާޓޭ ނުލައެވެ.

އަލް ޚޯރްގައި ހުންނަ އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު އިންގްލެންޑްގެ މެދުތެރެއިން ލިބުނު ހުސްޖާގައެއްގެ ފައިދާނަގައި ސެނެގޯލުން ކުރިއަށްއަރައި އެ ޓީމުގެ ފޯވާޑް ބޫލާއޭ ޑިއާ ފޮނުވާލަން މަސައްކަތްކުރި ބޯޅަ އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ ވަނީ ހުއްޓުވައިފައެވެ. އޭގެފަހުން، މެޗުގެ 23 ވަނަ މިނެޓުގައި ސެނެގޯލްގެ އިސްމާއިލާ ސާރ އާއި ބޫލާއޭ ޑިއާ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުމެއްނުހިފުނެވެ. އިސްމާއިލާ ސާރ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިމަތިން ދިޔައިރު، ބޫލާއޭ ޑިއާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް އެވެ.

އިންގްލެންޑްގެ ޖޫޑް ބެލިންހަމް (ކ) އަތުން ބޯޅަ ހޯދަން ސެނެގޯލްގެ ކެޕްޓަން ކަލިދޫ ކުލީބަލީ މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އިންގްލެންޑުން ލީޑްނެގީ ޖޯޑަން ހެންޑަސަން ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ހުނަރުވެރި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ހެންޑަސަން ކާމިޔާބުކުރި ގޯލެކެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިން ބެލިންހަމް ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އިންގްލެންޑަށް އެސިސްޓްކޮށްދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ކުޅުނުއިރު ބެލިންހަމްގެ އުމުރަކީ 19 އަހަރާއި 158 ދުވަހެވެ.

އިންގްލެންޑްގެ ދެވަނަ ލަނޑު، މި ހާފުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އެ ޓީމުގެ މެދުތެރެއިން ބެލިންހަމް ހޯދި ބޯޅައެއްގައި ކައުންޓަ އެޓޭކުގައި ތަނަވަސްކުރި ފުރުޞަތަކުން ފިލް ފޯޑެން ދިން ޕާހަކުން ކޭން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ކޭން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި އިންގްލެންޑްގެ ލީޑް ފުޅާކޮށްދޭން ކޭން އަށް ލިބުނު ފުރުޞަތުގައި ގޯލާއި 30 ޔާޑު ދުރުން ފޮނުވާލި ހަމަލާ ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑާ މަތަކުރިއެވެ. އެކަމަކު، އޭގެ މިނެޓެއްފަހުން އިންގްލެންޑްގެ ތިންވަނަ ލަނޑުޖަހައިދިނީ ސަކާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ފޯޑެން އެވެ.

އޭގެފަހުން، ސެނެގޯލުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ހިިލޭޖެހުމަކުން އެ ޓީމުގެ ޕާޕޭ ސާރ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އިންގްލެންޑްގެ ލީޑް އިތުރަށް ފުޅާކޮށްދޭން ކޭންގެ އިތުރުން ފަހު ހާފުގައި ކުޅެން ނިކުތް ރަޝްފޯޑް އަށް ލިބުނު ފުރުޞަތުތައްވެސް ވީ ބޭކާރެވެ.